މިރޭ ކުޅޭ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗަށް ދައުވަތު ދިނަސް އެކަން ގަބޫލު ނުކުރަން ފްރާންސްގެ ކުރީގެ ކެޕްޓަން އަދި ޔޫއޭފާގެ ރައީސް މިޝޭލް ޕްލެޓިނީ ނިންމައިފި އެވެ.
ނަވާރަ ސަތޭކަ އައްޑިހަ ހަތަރެއްގައި ފްރާންސަށް ޔޫރޯ ކާމިޔާބު ކޮށްދިން ކެޕްޓަން އަދި އެ ގައުމުގެ ކުރީގެ ކޯޗު މި ގޮތަށް އަމަލު ކުރަން ނިންމިއިރު އޭނާ އަކީ ޔޫރޯ ބޭއްވުމުގެ ފުރުސަތު ފްރާންސަށް ހޯދައިދިން ފަރާތްވެސް މެއެވެ.
ނަމަވެސް އަމިއްލަ ގައުމުގައި ބާއްވާ މުބާރާތުގެ ފައިނަލް މެޗަށް ނުދާން ނިންމާފައިވަނީ ފުޓްބޯޅައިގެ އެންމެހާ ހަރަކާތްތަކުން އޭނާ ސަސްޕެންޑް ކުރަން ފީފާއިން ނިންމާފައިވާތީ އެވެ. ހަ އަހަރު ދުވަހަށް ކުރި ސަސްޕެންޝަން އިސްތިއުނާފު ކުރުމުން އިންޓަނޭޝަނަލް ކޯޓް އޮފް އާބިޓްރޭޝަނުން ވަނީ މި ސަސްޕެންޝަން ހަތަރު އަހަރަށް ކުޑަކޮށްފަ އެވެ.
ޕްލެޓިނީ ސަސްޕެންޑްކުރީ ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ ދެއްވި 1.5 މިލިއަން ޔޫރޯގެ ހިޔާނާތުގެ މައްސަލައިގަ އެވެ. ފީފާގެ އެތިކްސް ކޮމިޓީން ބުނަނީ އެއީ ރިޝްވަތުގެ ގޮތުގައި ދިން ފައިސާ ކަމަށެވެ. އެއީ ފީފާގެ ރައީސް ކަމަށް ބްލެޓާއާ ވާދަ ނުކުރައްވާނެ ކަމަށް ޕްލެޓީނީ އެއްބަސް ކުރުވަން ދިން ފައިސާ ކަމަށެވެ. އަދި ޕްލެޓިނީ މި ފައިސާ ލިބިގަތުމަކީ އޭނާގެ މަސްލަހަތު ފުށުއަރާ މައްސަލައެއް ކަމަށެވެ.
ނަަމަވެސް ބްލެޓާ އާއި ޕްލެޓިނީ ވެސް ބުނަނީ އެއީ ގަވާއިދާ އެއްގޮތަށް ދީފައިވާ މަސައްކަތުގެ އުޖޫރައެއް ކަމަށެވެ.
ސަސްޕެންޑްކޮށްފައި ހުރި ޕްލެޓިނީ އަށް މި ފަހަރުގެ ޔޫރޯގެ ހުރިހާ މެޗެއް ބަލަން ދަނޑަށް ދިއުމަށް ޔޫއޭފާއިން ވަނީ ހާއްސަ އިނާޔަތެއްގެ ގޮތުން ދައުވަތުދީފަ އެވެ. ނަމަވެސް އެ ދައުވަތު އޭނާ ގަބޫލު ނުކުރެ އެވެ.
މުބާރާތް ނިންމުމުގެ ކުރިން އިއްޔެ ބޭއްވި ޕްރެސްކޮންފަރެންސްގައި ޔޫއޭފާގެ ނާއިބް ރައީސް އެންޖެލް މާރިއާވިލާ ބުނީ ޕްލެޓީނީގެ ނިންމުން ބަދަލު ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
"އަހަރުމެންނަށް އެނގިފައިވަނީ އަދި ގަބޫލު ކުރެވެނީ ޕްލެޓިނީ ނާންނާނެ ކަމަށް. އެކަމަކު އޭނާގެ ނިންމުން ބަދަލު ކުރާނެ ކަމަށް އަހަރުމެން އުއްމީދު ކުރަން. ފްރާންސަށް ހަގީގަތުގައި ޔޫރޯ މި ބޭއްވުނީ އޭނާގެ ސަބަބުން. އޭނާގެ އެއްބާރުލުމާއި ވިސްނުންތެރިކަމާއި މިދިޔަ ފަސް އަހަރު ދުވަހު މި މުބާރާތް ބާއްވަން ދެއްވި އެހީތެރިކަމުގެ ސަބަބުން މިހާ ފުރިހަމައަށް މިކަން ނިމިގެންމިދަނީ. އޭނާ އަކީ އަހަރުމެން މި މުބާރާތް ނިންމާއިރު ފާހަގަކުރަންޖެހޭ ފަރާތެއް،" އެންޖެލް ބުންޏެވެ.
ފައިނަލް މެޗަށް ހާއްސަ ދައުވަތެއް ޕްލެޓިނީ އަށް ފޮނުވާނެތޯ ސުވާލުކުރުމުން އޭނާ ބުނީ ޕްލެޓިނީ އަށް މުބާރާތުގެ ހުރިހާ މެޗަކަށް ގަނޑުކޮށް ދައުވަތު ފޮނުވާފައިވާނެ ކަމަށެވެ.