މިރޭ ކުޅޭ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގެ ރެފްރީ، މާކް ކެލަޓަންބާގަށް ޕޯޗުގަލްގެ ޑިފެންޑަރު ޕެޕޭ ތައުރީފްކޮށްފި އެވެ.
އަނިޔާގެ ސަބަބުން ސެމީ ފައިނަލް މެޗުގައި ނުކުޅެވުނަސް މިރޭގެ ފައިނަލް މެޗަށް މުޅިން ފިޓްވެފައިވާ ޑިފެންޑަރު މިގޮތަށް ވާހަކަ ދެއްކި އޭނާ ކުރި ކުށަކާ ގުޅިގެން ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކެލަޓަންބާގް ޕެނަލްޓީއެއް ދީފައިވާތީ އެވެ.
"މިރޭގެ މެޗުގައި ތިން ޓީމު ކުޅޭނެ. އެ ތިން ޓީމު ވެސް ފައިނަލަށް ދެވުނީތީވެ އުފާކުރާނެ. އެ މެޗު ކުޅޭ ދެ ޓީމާއި މެޗުގެ ރެފްރީންގެ ޓީމު. ދެ ޓީމު ކުޅޭ ތައްޓަށް. ތިން ވަނަ ޓީމު ކަމަށްވާ ރެފްރީންގެ ޓީމުން މަސައްކަތް ކުރާނީ އެމީހުންގެ ވަޒީފާ ފުރިހަމަ އަށް އަދާކުރެވޭތޯ،" ޕެޕޭ ބުންޏެވެ.
އޭނާ ބުނީ ފައިނަލް މެޗުގެ ރެފްރީކަން ކެލަޓަންބާގަށް ލިބުމަކީ އޭނާގެ މޮޅުކަން ކަމަށެވެ.
"އަހަންނަށް ހީވަނީ މި ރެފްރީ އަކީ ދުނިޔޭގެ އެންމެ މޮޅު ދޭއް ނުވަތަ ތިން ރެފްރީންގެ ތެރެއިން އެކަކުހެން. މިއީ އެކްސިޑެންޓެއް ނޫން އަދި އޭނާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވެސް ރެފްރީކަން ކުރުމަކީ. މި ފައިނަލް މެޗު އޭނާ އަށް ލިބުމަކީ ރެފްރީއެއްގެ ގޮތުގައި އޭނާގެ ކޮލިޓީ އާއި މަސައްކަތުގެ އަގުވަޒަންކުރުން،" ޕެޕޭ ބުންޏެވެ.
ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޕެޕޭ ކުރި ކުށަށް އެތްލެޓިކޯ މެޑްރިޑަށް ޕެނަލްޓީ ދިނުމުން ޕެޕޭ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރި އެވެ. އަދި އެ ޕެނަލްޓީ އެތްލެޓިކޯގެ އެންޓޯނިއޯ ގްރިއެޒްމަން އަތުން ނާކާމިޔާބުވިއިރު އޭނާއަކީ މިރޭ ފްރާންސްގެ އެންމެ މުހިންމު ކުޅުންތެރިޔާ އެވެ. މިހެންވެ މިރޭގެ މެޗަކީ ހުރިހާ ގޮތަކުން ވެސް ޗެމްޕިއަންސް ލީގުގެ ފައިނަލް އަލުން ކުޅުން ކަމަށް ގިނަ ބަޔަކު ސިފަކުރެ އެވެ.
ޕެޕޭ ބުނީ މިރޭގެ މެޗަށް އޭނާ މުޅިން ފިޓް ކަމަށާއި ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ތިބީ ތާރީހު ބަދަލުކޮށްލުމުގެ އަަޒުމުގައި ކަމަށެވެ. ޔޫރޯ 2004 ގައި އަމިއްލަ ދަނޑުގައި ޕޯޗުގަލް ބަލިވުމަކީ ހިތްދަތި އިހުސާސެއް ކަމަށާއި މިރޭ އެގައުމުގެ ހުރިހާ ރައްޔިތުން އުފާކޮށްދޭން ކުޅުންތެރިން އާދަޔާ ހިލާފަށް ހިތްވަރު ކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
"ކޮންމެ ކުޅުންތެރިއަކު ވެސް ބޭނުންވޭ ތާރީހުގައި އެމީހާގެ ނަން ލިޔަން. މިރޭ އަހަރުމެންގެ 11 މިލިއަން މީހުންނަށް 11 ކުޅުންތެރިން އެބަތިބި. އަދި ބެންޗުން މެޗަށް ނުކުންނަން ވެސް ތިން ކުޅުންތެރިން އެބަތިބި. މިއެންމެންގެ ވެސް އޮތީ އެއް އަމާޒެއް،" ޕެޕޭ ބުންޏެވެ.