ޔޫރޯ 2016

ފްރާންސަށް ވެސް ޕޯޗުގަލް ބަލި ނުކުރެވޭނެ: ރޮނާލްޑޯ

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗަކީ ކޮންމެފަދަ ނަތީޖާއެއް ވެސް ނުކުމެދާނެ މެޗެއް ކަމަށާއި ފްރާންސަށް ޕޯޗުގަލް ބަލި ކުރެވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދާފައިވާ ރޮނާލްޑޯ މިހެން ބުނީ މުބާރާތުގައި މިހާތަނަށް އެއްވެސް ޓީމަކަށް ޕޯޗުގަލް ބަލިކުރެވިފައިނުވާތީ އެވެ.

"އެއްވެސް ބަޔަކަށް އަދި އަހަރުމެން ބަލި ނުކުރެވޭ. އަހަރެން ގަބޫލުކުރާ ގޮތުގައި ފްރާންސަށް ވެސް އަހަރުމެން ބަލި ނުކުރެވޭނެ. އެމީހުންނަކީ ފެވަރިޓުން، މިއީ އަހަރެން ހިޔާލު. އެމީހުން ކުޅެނީ އަމިއްލަ ގައުމުގައި. ސަޕޯޓަރުންގެ ތަރުހީބު އެމީހުންނަށް ލިބޭނެ. އެކަމަކު ފައިނަލްގައި ކޮންމެ ނަތީޖާއެއްވެސް ނުކުމެދާނެ،" ރޮނާލްޑޯ ބުންޏެވެ.

އަމިއްލަ ގައުމުގައި 2004 ވަނަ އަހަރު ކުޅުނު ޔޫރޯ ފައިނަލްގައި ރޮނާލްޑޯގެ ޕޯޗުގަލް ބަލިވީ އެންމެން ހައިރާންކޮށްލި ގްރީސް އަތުންނެވެ.
މި ނާކާމިޔާބީ އަށް އިޝާރާތްކޮށް ރޮނާލްޑޯ ބުނީ ސަޕޯޓަރުންނާއި އަމިއްލަ ގައުމުގައި މެޗު ކުޅުމަކީ ވަރަށް ބޮޑު ބާރެއް ކަމަށާއި ނަމަވެސް ފުޓްބޯޅަ އަކި ގަދަ އަޅައި މަސައްކަތް ކުރާ ބަޔަކަށް ކާމިޔާބު ލިބޭ ކުޅިވަރެއް ކަމަށެވެ.

"އަހަރެން އުއްމީދަކ ގައުމީ ޓީމާއެކު މި ތަށި ހޯދުން. މިއީ އަހަރެންގެ އަބަދުވެސް ހުވަފެނެއް. 2004 ގައި އަހަރުމެން ބަލިވި ހަނދާން އަދިވެސް އެބަހުރި. އެކަމަކު މިހާރު އެދުވަސް ފާއިތުވެއްޖެ. މިއީ އެހެން ޓީމެއް. މުބާރާތް ފެށިއިރު އެއްވެސް ބަޔަކު އަހަރުމެންނާމެދު އުއްމީދެއް ނުކުރާނެ. އެކަމަކު އަހަރުމެން މިއޮތީ ފައިނަލްގައި. އެހެންވީމަ ކޮންމެ ނަތީޖާއެއް ވެސް ނުކުމެދާނެ،" ރޮނާލްޑޯ ބުންޏެވެ.

ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނީ ފްރާންސަކީ ތަޖުރިބާކާރު ކުޅުންތެރިން ތިބި ތަޖުރިބާކާރު ކޯޗެއް ހުރި މޮޅު ޓީމެއް ކަމަށެވެ. ނަމަވެސް ކާމިޔާބީ ހޯދުމަށް އޭނާގެ ޓީމު ކުޑަވެސް ދުލެއް ނުދޭނެ ކަމަށާއި ފައިނަލް މެޗުގައި އެންމެ މުހިންމީ ނަތީޖާ ނެރުން ކަމަށެވެ.