އިރާގު

އައިއެސްގެ ބާރުގެ ދަށު އޮތް އަސްކަރީ އެއާޕޯޓެއް އިރާގުން އަތުލައިފި

Jul 10, 2016

އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ނަމުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތުގެ ބާރުގެ ދަށުގައި އޮތް އިރާގްގެ މޫސަލްގެ އަސްކަރީ އެއާޓެއް އެމެރިކާގެ އަސްކަރީ ކޯލިޝަންގެ އެހީ ތެރިކަމާއެކު އިރާގް ސިފައިން ހޯދައިފި އެވެ.

މޫސަލްގެ ދެކުނު 40 މޭލް ދުރުގައި އޮންނަ އަލް ގަރިއްޔާ އަސްކަރި ވައިގެ ބަނދަރު ހިފުމަށްފަހު، އިރާގްގެ ކައުންޓާ ޓެރަރިޒަމްގެ ފައުޖުންނާއި އިރާގް ސިފައިން ދަނީ އެ ސަރހައްދަށް ފެތުރިގަންނަމުންނެވެ.

އިރާގްގެ ގައުމީ ޓީވީ އަލް އިރާގިއްޔާގައި ވާހަކަފުޅު ދައްކަވަމުން އިރާގްގެ ކައުންޓާ ޓެރެރިޒަމް ޔުނިޓްގެ ތަރުޖަމާން ސަބާހް ނޫރީ ވިދާޅުުވީ އަސްކަރީ އެއާ ޕޯޓް ހޯދަން ހިނގި ކުރިމަތިލުންތަކުގައި އައިއެސްގެ 34 ހަނގުރާމަވެރިޔަކު މަރާލެވުނު ކަމަށެވެ. އަދި މެޝިން ބަޑި ހަރުކޮށްފައި ހުރި އައިއެސްގެ ޓްރަކެއް ހަލަކުކޮށްލެވުމުގެ އިތުރަށް، 100 ވުރެ ގިނަ އަސްކަރީ ހަތިޔާރާއެކު ހިމެނޭ ޑިވައިސްވެސް ހަލަކުކޮށްލަފައިވާ ކަމަށެވެ.

އިރާގް އަސްކަރިއްޔާއިން ވަނީ މިދިޔަ މަހު އައިއެސްގެ ބާރުގެ ދަށުގައި އޮތް އިރާގްގެ ފައްލޫޖާ އެއްކޮށް އަތުލާފަ އެވެ.

އިރާގްގެ ބޮޑު ވަޒީރު ހައިދަރުލް އާބަދީގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފައްލޫޖާ އިރާގުގެ ބާރުގެ ދަށަށް ގެންދިޔަ ފަދައިން، މޫސަލްއިން ވެސް އައިއެސް ފައްސާލައި އެ ސިޓީ ވެސް ހިފާނެ ކަމަށެވެ.