ރައީސް މައުމޫން އަބްދުލްގައްޔޫމް

އިސްލާހަކީ ތަރައްގީއާ ކުރިއެރުމަށް އެޅޭ ބާރެއް: މައުމޫން

އިސްލާހަކީ ކުރިއެރުމައި ތަރައްގީއަށް އެޅޭ ބާރެއް ކަމަށް ކުރީގެ ރައިސުލް ޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ. އެ މަނިކުފާނު މިހެން ވިދާޅުވި އިރު ޕީޕީއެމް އިސްލާހު ކުރުމަށް މަސައްކަތްތަކެއް ފައްޓަވައި ރިފޯމް އެޖެންޑާއެއް ވެސް ވަނީ އިއުލާން ކުރައްވާފަ އެވެ.

ޕީޕީއެމް ތެރޭގައި މައްސަލަތައް ޖެހި ކޯޅުންތައް ގިނަވެފައިވާ ދަނޑިވަޅެއްގައި ޕީޕީއެމް ތެރެއަށް ކޮރޮޕްޝަން ވަދެ މެންބަރުންގެ ޑިސިޕްލިން ގެއްލިފައިވާ ކަމަށް ވިދާޅުވެ މައުމޫން ފެއްޓެވި ގެންނެވި އިސްލާހީ އެޖެންޑާއާ ގުޅިގެންދާ ފަދަ ގޮތަކަށް އެމަނިކުފާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އިސްލާހުވުމަކީ ކުރިއެރުމައި ތަރައްގީއަށް އެޅޭ ރަނގަޅު ބާރެއް ކަމަށެވެ. އަދި މާތްﷲ ރަސޫލުން ފޮނުއްވީ ވެސް އުންމަތްތަކުގެ މުޖުތަމައުތައް އިސްލާހުކޮށް އާރާސްތު ކުރުމަށް ކަމަށެވެ.

މައުމޫން މިހެން ވިދާޅުވި އިރު ޕީޕީއެމް އެތެރޭގައި ޖެހިގެން އުޅޭ މައްސަލަތަކަށް މަޝްވަރާކޮށްގެން ހައްލު ކުރުން ނޫން އެހެން ގޮތެއް ނެތް ކަމަށާއި މަޝްވަރާކޮށްގެން މައްސަލަ ހައްލު ކުރެވެންވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފަ އެވެ.

ފިތުރު އީދުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވާ ދެއްވި ތަގުރީރުގައި ރައީސް ޔާމީން ވިދާޅުވީ ވެރިކަންކުރާ އަދި ރާއްޖޭގައި އޮތް އެންމެބޮޑު ސިޔާސީ ޕާޓީ، ޕީޕީއެމްގެ ތެރޭގައި މައްސަލަތައް ހުރިކަމުގެ ހަބަރު އެނގިގެން ދިޔުމަކީ ހިއްދަތިކަމާއި ނުތަނަވަސްކަން ލިބިގެން ދިޔަ ކަމެއް ކަމަށެވެ. ނަމަވެސް ޕީޕީއެމް ތެރޭގައި މައްސަލަތަކެއް އުޅެން ޖާގަ ނުދެއްވާނެ ކަމަށާއި އެ ޕާޓީއަކީ އެއް ވިސްނުމެއްގައި ރާއްޖެ ބިނާކުރަން ނިކުތް ޕާޓީއެއް ކަމަށެވެ.

ރައީސް ވިދާޅުވީ މި މައްސަލަ ހައްލު ކުރުން ނޫން އިތުރު ޗޮއިސްއެއް ނެތް ކަމަށާއި އެކަން ކަން ހައްލު ނުވުމަކީ މީގެ ހަތަރު އަހަރު ކުރީގެ ރާއްޖެއަށް ދިވެހިން ރުޖޫއަވުން ކަމަށެވެ. އަދި ވިދާޅުވީ މިހާރު ޖެހިގެން އުޅޭ މައްސަލައަށް ހައްލު ހޯދަން ހުރިހާ މެންބަރުން އެކަތިގަނޑަކަށްވުމަށާއި އަދި މައްސަލަ ހައްލުވާނީ މަޝްވަރާ މޭޒު ކައިރިން ކަމަށާއި ޕީއެމްގެ ތެރޭގައި މައްސަލަތަކެއް އުޅެންޖެހޭ ސަބަބެއްނެތް ކަމަށެވެ. ޕީޕީއެމަކީ އެއްބަނޑުއެއްބަފާ އަޚުންނާއި އުޚުތުންތަކެއް އުޅޭ ޕާޓީއެއް ކަމަށެވެ.

އިސްލާހީ އެޖެންޑާގައި ހިމެނޭ ކަންކަން

  • ޕާޓީގެ ނައިބު ރައީސުންނަކީ ޕާޓީގެ ރައީސްއަށް އެހީތެރިވެދޭ ބަޔަކަށް ހެދުން
  • ޕާޓީގެ ހާލަތު ދެނެގަތުމަށް ޕާޓީގެ ސައްހަ މެންބަރުންގެ އަދަދާއި ސައްހަ ގޮފިތަކުގެ އަދަދު ހޯދުން
  • ޕާޓީގެ އޮފީހަށާއި ގުނަވަންތަކަށް ކުރިމަތިވެފައި ހުރި ހުރަސްތައް ބަލައި އެކަން ނައްތާލުން
  • ޕާޓީ ހިންގައި ޕާޓީގެ ގޮފިތަކަށާއި މެންބަރުންނަށް ކަންކަން އަންގާނީ ޕީޕީއެމްގެ އިދާރީ އޮފީސްކަމަށް ހަމަޖެއްސުން
  • ޕާޓީ އިތުރަށް ޑިމޮކްރެޓިކް ކޮށް، އާންމު މެންބަރުންގެ ހިޔާލު ޕާޓީގައި އިތުރުކުރުން
  • ޕާޓީގެ މެނިފެސްޓޯއިން މިހާތަނަށް ހާސިލް ކުރެވުނު ކަންކަން ދެނެގަތުން