ރައީސް އަބްދުﷲ ޔާމީން

ބީލަމާ ނުލައި ރަށްތައް ދޫކުރެވޭ އިސްލާހު ތަސްދީގުކޮށްފި

Jul 10, 2016
17

ޓޫރިޒަމާބެހޭ ޤާނޫނަށް އަށް ވަނަ އިސްލާހުގެ ގޮތުގައި ބީލަމާއި ނުލައި ރަށްތައް ދޫކުރެވޭ ގޮތަށް ފާސްކުރި އިސްލާހުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރައްވައިފި އެވެ. މި ބިލު ތަސްދީގު ކުރެއްވުމާ ގުޅިގެން ދިވެހި ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިއު ކޮށްފަ އެވެ.

މި ބިލު ތަސްދީގު ކުރެއްވުމާ ގުޅިގެން، އާންމުކޮށް އިއުލާނުކުރުމަކާ ނުލައި ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށް، ނުވަތަ ބިން، ނުވަތަ ފަޅު ކުއްޔަށް ދޫކުރާނެ އުސޫލުތައް ކަނޑައެޅޭނެ އެވެ. މި އިސްލާހު މަޖިލީހުން ފާސްކުރީ މިދިޔަ ޖޫން މަހުގެ 29 ގައެވެ.

މިގާނޫނާއެކު ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްތަކައި ބިން ނުވަތަ ފަޅުތައް އާމުކޮށް އިއުލާން ނުކޮށް ވެސް ދޫކުރުމުގެ ބާރު ޓޫރިޒަމް މިނިސްޓްރީ އަށް ލިބިގެން ދެއެވެ. އަދި އެތަނެއް ދޫކުރެވޭ ފަރާތެއްގައި ހުންނަން ޖެހޭ ހަމައެކަނި ޝަރުތުތަކަކީ އެތަނެއްގައި ހިންގަން ހުށަހަޅައި މަޝްރޫއު ހިންގުމަށް ތިމާވެށީގެ ގޮތުން އެކަށީގެންވާ ތަނަކަށް ވުމާއި މިނިސްޓްރީ އިން ކަނޑައަޅައި އެކުއިޒިޝަން ފީ އެކީ އެއްފަހަރައި ދައްކާފައިވުމެވެ. މީގެ އިތުރުން އެފަރާތަކީ ރަށް، ބިން ނުވަތަ ފަޅުގައި ހިނގަން ހުށަހަޅާފައިވާ މަޝްރޫއު ހިނގުމަށް މާލީ ގޮތުން ގާބިލް މީހަކަށް ވުމެވެ.

އެ ބިލްގެ ދަށުން ރަށްތައް ދޫކުރެވޭނެ އުސޫލެއް އެކުލަވާލައި އާންމު ކުރަން ޖެހެ އެވެ. އަދި އެ އުސޫލުން ބޭރުން ރަށްތަކެއް ނުދެވޭނެ އެވެ. މީގެ އިތުރަށް ކުއްޔަށް ދޭ ތަންތަނުގެ ފުރިހަމަ ތަފްސީލްތައް އޭސީސީ އާއި އޮޑިޓާ ޖެނެރަލަށް ވެސް ހުށަހަޅަންޖެހެ އެވެ. އަދި ރައީސް އޮފީހުގެ ހުއްދަ ވެސް މިނިސްޓްރީ އިން ހޯދަން ޖެހެ އެވެ.

މީގެ އިތުރުން ގެސްޓް ހައުސްތަކަށް އަންނަ ޓޫރިސްޓުން އަތުން ހޭދަކުރާ ކޮންމެ ދުވަހަކަށް ތިން ޑޮލަރު ގްރީން ޓެކްސް ގޮތުގައި ނެގުމަށްވެސް މި އިސްލާހުގެ ދަށުން މިއަދު ވަނީ ފާސްވެފަ އެވެ. އަދި ގެޒެޓްގައި ޝާއިއު ކުރުމަށް ފަހު ވެސް ގެސްޓް ހައުސްތަކުން ގްރީން ޓޭކްސް ނަގާނީ އަންނަ އޮކްޓޫބަރު މަހުން ފެށިގެން ކަމަށް އެ އިސްލާހުގައި ބުނެފައި ވެއެވެ.