އަބްދުއްރަހީމް އަބްދުﷲ

ރައީސް އޮފީހަށް ވަދެ ސަރުކާރު ހުއްޓުވާލަންވީ: އަދުރޭ

ރައީސް އޮފީހަށް ވަދެ މި ސަރުކާރު ހުއްޓުމަކަށް ގެނައުމަށް އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގޮވާލައްވައިފި އެވެ.

"ރައީސް ޔާމީން 2023" ގެ ނަމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ރެލީގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ކުރާ މަސައްކަތް އިތުރު ގިއަރަކަށް ޖައްސާލަންޖެހޭ ކަމަށާއި މި ސަރުކާރު ބަލިކުރުމަކީ އުނދަގޫ ކަމެއް ކަމަށެވެ.

"މި ކަހަލަ އަނިޔާވެރި ސަރުކާރެއް ބަލިކުރުމަކީ ވަރަށް އުނދަގޫ ކަމެއް. ވަރަށް ވަރުގަދަ ހިތްވަރެއް ހުންނަން އެބަޖެހޭ. ސާބިތުކަން ދައްކަން އެބަޖެހޭ. މި ސަރުކާރު ދެކެ ބިރުނުގަންނަކަން އަޅުގަނޑުމެން ދައްކަން އެބަޖެހޭ. މިކަން ދެއްކުމަށްޓަކާ ކުރަންވީ ކަމަކީ މާލޭގެ މަގުތައް ފުރާލަންވީ. މާލޭގެ މަގުމައްޗަށް ނިކުންނަންވީ. މުއައްސަސާތަކަށް ދާންވީ. ރައީސް އޮފީހަށް ވަންނަންވީ. މި ސަރުކާރު ހުއްޓުމަކަށް ގެންނަންވީ،" އަދުރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން "ގިނިކަންޏާ" ނިކުމެވަޑައިގެން އިންތިހާބުގެ ފުރަތަމަ ބުރުން ކާމިޔާބު ކުރައްވާނެ ކަމަށެވެ.

ރައީސް ޔާމީނަށް މި ސަރުކާރުން އަނިޔާ ދެމުންދާ ކަމަށް ވިދާޅުވެ އަދުރޭ ވިދާޅުވީ ފުއްގިރި މައްސަލައިގައި ރިޝްވަތު ދިން ކަމަށް ބުނާ މީހާގެ މައްސަލަ އަނބުރާ ނަގާ ރައީސް ޔާމީންގެ ޝަރީއަތް ފަޓާސްބަރިއެއްހެން ކުރިއަށްގެންދާ ކަމަށެވެ. އަދުރޭ އެ އިޝާރާތް ކުރައްވަނީ ފުއްގިރި މައްސަލައިގައި ދައުވާ ލިބޭ ކްރިކް ރިޒާގެ މައްސަލަ ދައުލަތުން އަނބުރާ ގެންދިޔަ މައްސަލަ އަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ތުހުމަތު ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުވާލީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅިގެން ރައީސް ސޯލިހާ ދެކޮޅަށް ވާހަކަތަކެއް ދައްކަވަފާނެތީ ކަމަށްވެސް އަދުރޭ ތުހުމަތުކުރެއްވި އެވެ.

"ކޮބާހެއްޔޭ އެމްއެމްޕީއާރުސީ މައްސަލައިގައި ހިމެނޭ 200 އެތައް ބަޔަކު، ކޮބާހޭ އަހުމަދު މަހުލޫފު، ޔޫތު މިނިސްޓަރުގެ މައްސަލައަށް ކިހިނެތްހެއްޔޭ ހެދީ. އަނބުރާ ގެނައިއްޔޭ" އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ރައީސް ޔާމީނަށް ތަފާތުކުރުން ގެންގުޅޭކަން ފާހަގަކުރައްވަމުން އަދުރޭ ވިދާޅުވި އެވެ.

އަދުރޭ އިތުރަށް ވިދާޅުވީ ރައީސް ޔާމީނަށް އަނިޔާކުރަމުންދަނީ އެމަނިކުފާނު މިނިވަންކަމާއެކު ރާއްޖޭގެ ސިޔާސީ މައިދާނުގައި ހުންނެވިނަމަ ސަރުކާރަށް ބޭނުން ގޮތަކަށް ކަންކަން ނުކުރެވޭނެތީ ކަމަށެވެ.