އީރާން

އިރާނާ ގުޅުން ބަދަހިކުރުމަށް ދިވެހި ސަރުކާރުން ނިންމައިފި

Mar 10, 2023

ސައުދި އަރަބިއްޔާ އިން އިރާންއާ ގުޅުން ބަދަހިކުރުމަށް އެއްބަސްވުމާ ގުޅިގެން ދިވެހި ސަރުކާރުންވެސް އަލުން ސިޔާސީ ގުޅުން ގާއިމުކުރުމަށް ނިންމައިފި އެވެ.

އިރާން އާއި ސައުދި އަރަބިއްޔާ ގުޅުން ކެނޑިފައިވާތާ ހަތް އަހަރު ފަހުން އެ ގުޅުން އިއާދަކުރުމަށް ނިންމީ ޗައިނާ މެދުވެރިވެގެން ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުންތަކަށްފަހު މިއަދުގެ ވަގުތެއްގަ އެވެ. ސައުދީ އާއި އިރާން އަދި ޗައިނާ ގުޅިގެން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ސައުދީ އާއި އިރާން ސުލްހަވީ ކަމަށް ބުނެފަ އެވެ.

ދިވެހި ސަރުކާރުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސައުދި އަރަބިއްޔާ އާއި އިރާނުން ދެ ގައުމުގެ މެދުގައި އަލުން ސިޔާސީ ގުޅުން ގާއިމުކޮށް ދެ ގައުމުގެ އެމްބަސީ އަލުން ހުޅުވުމަށާއި ގައުމުތަކުގެ ސިޔާދަތަށް ހުރުމަތްތެރިކޮށް ހިތުމާއި، ގައުމުތަކުގެ ދާހިލީ ކަންކަމާ ނުބެހުމާ ގުޅޭ އަސާސް އަލުން ކަށަވަރުކޮށް ތިން ގައުމުން ގުޅިގެން ނެރެފައިވާ ބަޔާނަށް މަރުޙަބާ ކިޔާ ކަމަށެވެ.

"އަދި މިހެޔޮ ބަދަލުތަކުގެ އަލީގައި ދިވެހި ސަރުކާރުން އީރާނާއެކު އަލުން ސިޔާސީ ގުޅުން ގާއިމުކުރުމަށް ނިންމައިފީމެވެ." ދިވެހި ސަރުކާރުގެ ބަޔާނުގައި ބުނެފައިވެ އެެވެ.

އިރާނާ އެކު އޮތް ސިޔާސީ ގުޅުން ކަނޑާލުމަށް ދިވެހި ސަރުކާރުން މެއި 17، 2016 ގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.

އިރާނާ އެކު އޮތް ސިޔާސީ ގުޅުން ކަނޑާލައި ޔާމީންގެ ސަރުކާރުގައި ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އަރަބި ގަލްފު ސަރަހައްދުގެ ހަމަޖެހުމާއި ސުލްހަ ދެމެހެއްޓުމަކީ ރާއްޖޭގެ ސަލާމަތާއި ހަމަޖެހުމާވެސް ގުޅިފައިވާ ކަމެއް ކަމަށެވެ. ނަމަވެސް އެސަރަހައްދުގެ ސުލްހައަށް އިރާނުން ހުރަސް އަޅަމުންގެންދާ ދިއުމަކީ ރާއްޖެއިން އެކަން ކުށްވެރިކުރާ ކަމެއް ކަމަށެވެ.

ރާއްޖެއިން އިރާނާއެކު އެންމެ ފުރަތަމަ ސިޔާސީ ގުޅުން ގާއިމުކުރީ ޖޫން 2، 1975 ގައެވެ.