ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީން ރާއްޖެއިން ބޭރަށް 30 ދަތުރުފުޅު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެއިން ބޭރަށް 30 އަށްވުރެ ގިނަ ދަތުރުފުޅު ކުރެއްވި ކަމަށް ރައީސް އޮފީހުން ހާމަކޮށްފި އެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ 2014 ވަނަ އަހަރު އެކަނިވެސް ރައީސް ޔާމީން ސިންގަޕޫރަށް ހަ ދަތުރުފުޅު ކުރެއްވި ކަމަށެވެ.

ވެރިކަމުގައި ހުންނެވިއިރު ރައީސް ޔާމީން ވަނީ ސިންގަޕޫރަށް ނުވަ ދަތުރުފުޅެއް ކުރައްވާފަ އެވެ. ސައުދީ އަރަބިއްޔާއަށް ހަ ދަތުރުފުޅެއް ކުރެއްވިއިރު މެލޭޝިއާއަށް ހަތަރު ދަތުރުފުޅެއް ކުރެއްވި ކަމަށް މިއުވާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީން ޗައިނާ އާއި އިންޑިއާއަށް ތިން ފަހަރު ވަޑައިގެންނެވި އެވެ. އަދި ސްރީލަންކާއަށް ދެ ފަހަރު ވަޑައިގެންނެވި އެވެ.

މީގެއިތުރުން ތައިލެންޑް، ޕާކިސްތާން، ނޭޕާލް، ޖަޕާން އަދި ޔޫއޭއީ މިއިން ކޮންމެ ގައުމަކަށް އެއް ދަތުރުފުޅު ކުރެއްވި ކަމަށްވެސް މިއުވާން ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތައް ގިނަ ކަމަށް ބުނެ އިދިކޮޅު ސިޔާސީ ޕާޓީތަކުން ދަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުކިޔަމުންނެވެ.

މިއުވާން ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށާއި ރައްޔިތުންގެ ހާލު ބެއްލެވުމަށާއި މަޝްރޫއުތައް ކުރިއަށްދާ ގޮތް ބެއްލެވުމަށް ގިނަ ދަތުރުފުޅުތަކެއް ކުރައްވަން ޖެހިވަޑައިގަންނަވަ އެވެ.

ރާއްޖެ އާއި ރާއްޖެއިން ބޭރަށްވެސް ރައީސް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަން މިއުވާން ވަނީ ފާހަގަކުރެއްވި އެވެ. އެކަމަކު ރައީސް ޔާމީން ކުރެއްވި ދަތުރުފުޅުތަކުގައި ނިކުތް ނަތީޖާއެއް ނެތް ކަމަށް ވިދާޅުވި އެވެ.