ރިޕޯޓް

ޕީޕީއެމްއަށް އޮތީ މަޝްވަރާ، ދެންވާނީ ކިހިނެއް؟

ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަކީ ކުރިން ރާއްޖޭގައި އޮތް އެންމެ ވަރުގަދަ، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ތެރޭގައި އުފެދުނު ފެކްޝަނެއްގެ ތެރެއިން ވުޖޫވެގެން އައި މިހާރު އެންމެ ކާމިޔާބު ޕާޓީ އެވެ. ރަސްމީ ނަމްބަރުން ދައްކާ ގޮތުން ދެވަނައަށް އެންމެ ބޮޑު ޕާޓީ އެވެ. ފަހަރުގައި މިހާރު އެއީ އެންމެ ބޮޑު ޕާޓީއަށް ވުމަކީ ވެސް ގާތް ކަމެކެވެ.

ޑީއާރްޕީ ބައިބައިވެ ބެހިގެން ދިޔުމުގެ ކުރިން ފުރަތަމަ ފެންނަން ފެށީވެސް ޕީޕީއެމް ތެރޭގައި މިދުވަސްކޮޅު ފެންނަމުން ދާކަހަލަ ބައިބައިވުމެކެވެ. އޭރު ޑީއާރްޕީގެ ލީޑަރަކަށް ހުންނެވި އަހުމަދު ތަސްމީން އަލީ އާއި އެޕާޓީގެ ޒައީމް މައުމޫން އަބްދުލް ގައްޔޫމާ ދެމެދު ނުތަނަވަސްކަން އުފެދި މަތިމައްޗަށް އައި ކޯޅުންތަކުގެ ނަތީޖާއަކަށްވީ އެ ޕާޓީއިން މައުމޫން ނުކުމެވަޑައިގެން 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޕީޕީއެމް އުފައްދައި ފިޔާތޮށި ކުލައިގެ ދިދައިގެ ހިޔަލުގައި ރައީސް އަބްދުﷲ ޔާމީނާއެކު ނުކުންނެވުމެވެ.

ގައުމުގެ މިނިވަންކަމައި އިސްތިގުލާލު ހިފަހައްޓައި، އިސްލާމް ދީނުގެ ހަމަތައް ދެމެހެއްޓުމުގެ އިތުރުން ޒުވާނުންގެ ކުރިއެރުމަށް ފަރުމާކޮށްފައިވާ ވަރުގަދަ މެނިފެސްޓޯ ހިފައިގެން ނުކުތް ބޮޑު ޕީޕީއެމް، އެތައް ބައެއްގެ ތާއީދު ހޯދައި އިންތިހާބު ކާމިޔާބު ކުރައްވައި ސަރުކާރައި ހަވާލުވި އެވެ. އިންތިހާބުތަކުގައި ބޮޑެތި ކާމިޔާބީތައް ތަކުރާރު ކުރަމުން އަންނަ ޕާޓީގެ ތެރެއަށް މިހާރު ވަނީ މައްސަލަ ފުންޏެއް ބަންޑުން ވެފައެވެ.

މައުމޫންގެ ބަސް ޕީޕީއެމް ތެރޭގައި ނުވިކޭ ކަމަށް ބުނެ ޝަކުވާތައް ކުރަން ފެށި އިއުލާނުވީ އެވެ. އެ ތުހުމަތުތަކާއި މައްސަލަތަކާއި މިދިއަ ދެހަފުތާއެއްހާ ދުވަހު ހިނގައިދިޔަ ކަންކަން މިހާރު އެންމެނަށް ވެސް އެނގެ އެވެ. އޭގެ ތަފުސީލަށް ދިއުމުގެ ބޭނުމެއް ނެތެވެ.

މައްސަލަތައް ބޮޑުވެ ޕީޕީއެމް ތެރޭގައި ރެނދުލައި ޕާޓީގެ މުސްތަގުބަލާމެދު ސުވާލު އުފެދިފައި ތިއްބާ މިދިއަ އީދު ދުވަހު ރައީސް ޔާމީން ވަނީ ޕީޕީއެމްގެ ހުރިހާ ގުނަވަނަކުން މައްސަލަތައް އެއްފަރާތްކޮށް އަލުން ޕާޓީއާއެކު ހިނގައިގަންނަން ޖެހޭ ސަބަބުގެ ތެރެއަށް ޕާޓީގެ އިސް ލީޑަރުންނާއި ގުންނަތަކާއި މެންބަރުން ވަނުމަށް މަގެއް ހުޅުވައި ދެއްވާފަ އެވެ.

ސިޔާސީ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އެއީ މިފަދަ ދަނޑިވަޅެއްގައި ރައީސް ޔާމީން ދެއްކެވި ވަރަށް ރީތީ މަގެކެވެ. މަޝްވަރާކޮށް އަވަހަށް މައްސަލަތައް ހައްލުކޮށްލައިގެން ޕީޕީއެމްގެ މަގުސަދުގެ ތެރެއަށް ވަނުމަށް އަލުން މަސައްކަތް ކުރަން ތައްޔާރުވުމެވެ.

"ރައީސްގެ [ޕާޓީގެ މުސްތަޝާރު] ގެ ވިސްނުން ހުރީ ޕާޓީ ބަދުނާމްވާ ފަދަ ވާހަކަތައް ދައްކަން ފްލޯ ދޫކޮށްލާފައި ބޭއްވުމެއް ނޫން. އޭގެ ބަދަލުގައި ވާހަކަދައްކައިގެން މައްސަލަ ހައްލު ކުރަން. މީގެ ކުރިން ޑީއާރްޕީގައި ޖެހުނު މައްސަލަތަކުގައި މިމަގަކަށް ނުދެވުނު، އަދި އެމްޑީޕީގެ ތެރޭގައި ވެސް އެ ދިމާއަކަށް ނުގެންދެވުނު. އެހެންވީމާ މަޝްވަރާކޮށްގެން ވީހާވެސް އަވަހަކަށް މައްސަލަތައް ހައްލު ކުރުން އެއީ އެންމެ ރަނގަޅު ގޮތް. އެފުރުސަތު މިހާރު އެވަނީ ރައީސް ތަނަވަސްކޮށްދެއްވާފައި،" ޕާލަމެންޓްގައި ހިމެނި ވަޑައިގަންނަވާ ޕީޕީއެމްގެ މެންބަރަކު ވިދާޅުވި އެވެ.

އެހެން މެންބަރަކު ވިދާޅުވި ގޮތުގައި ޕާޓީގެ އާންމު މެންބަރުންނަށާއި ގުނަންތަކަށާއި ލީޑަޝިޕަށް ރައީސް ދެއްވި މެސެޖަކީ އަލުން ޕީޕީއެމް ޓްރެކަށް ގެނެވިދާ މަގެވެ.

ދިމާވި ހުރިހާ މައްސަލަތަކަށް ފަހު މިހާތަނަށް ރައީސް ވިދާޅުވީ މިހެނެވެ: "އާންމު މެންބަރުންނަށް މި އިލްތިމާސް ކުރަނީ، މި ހައްލު ހޯދުމުގައި ހުރިހާ ބޭފުޅުން އެކަތިގަނޑަކަށްވެވަޑައިގަންނަވާށޭ. އަޅުގަނޑުމެންގެ ތެރޭގައި ހުންނަ އުސޫލުތަކާ އެއްގޮތަށް، ކަންކަން ނިންމުމަށް، އަޅުގަނޑުމެން ޕާޓީގެ އިސް މީހުންނަށް ހިތްވަރު ދެއްވާ. އަޅުގަނޑުމެންގެ ތެރޭގައި މައްސަލަތައް ހައްލުވެގެންދާނީ މަޝްވަރާ މޭޒު ކައިރިން. އަޅުގަނޑުމެންގެ ތެރޭގައި މައްސަލަތައް ހައްލުވުން ނޫން ގޮތެއް އަޅުގަނޑުމެންނަކަށް ނެތް. މި ސަރުކާރު މިއައީ ރައްޔިތުންނަށް ހިދުމަތް ކުރަން. އެހެންވީމާ، ސަރުކާރަށް ހުރިހާ ފަރާތެއްގެ އެއްބާރުލުން ދެއްވަން އެބަޖެހޭ،"

މިއީ ބޮޑު ޕާޓީއެއްގެ ގޮތުގައި އޮތް ޕީޕީއެމަށް ވަރަށް ބޮޑު ވާހަކައެކެވެ. މި މިސްރާބަށް ޕީޕީއެމަށް ނުދެވިއްޖެނަމަ ވަރަށް ގިނަ މައްސަލަތަކާއި ޕީޕީއެމް ކުރިމަތިލާނެ ވަރަށް ގިނަ ބަޔަކު ވެސް ދެކެވެ.

ޕީޕީއެމް ކޯޅުމަކީ އެމްޑީޕީއަށް ލިބުނު އީދު ހަދިޔާ!

ޕީޕީއެމް ތެރޭގައި މައްސަލަތައް ބޮޑުވެ ޕީޕީއެމްގެ "ނުބައި ވާހަކަތައް" މީޑިއާ ކުރިމައްޗައް ތިލަވުމާއެކު އެމްޑީޕީއަށް ތާއީދު ކުރާ ފަރާތްތައް ވަނީ އޭގެ ނާޖައިޒު ފައިދާ ނަގައި ސިޔާސީ ގޮތުން ގޮތްގޮތަށް އަނބުރާފައެވެ. އެއީ އެކަން ހިނގާނެ ގޮތެވެ. އެއީ އެމްޑީޕީއަށް ކުރަންޖެހޭނެ ވެސް ކަމެކެވެ. ސަބަބަކީ ވާދަވެރި ޕާޓީ ބަލިކުރުމަކީ އެމްޑީޕީ ކުރަންޖެހޭ ކަމަކަށްވާތީ އެވެ.

އެކަންކަން އެއީ ޕީޕީއެމްއަށް އޮތް ބޮޑު ގެއްލުމަކަށް އަދި މައްސަލަތައް އިތުރަށް ބޮޑުވެގެން ދިޔުމުގެ ސަބަބެކެވެ. އެހެން ކަމުން މިހާރު ވެސް އެމްޑީޕީއަށް ވަނީ ސިޔާސީ ގޮތުން މިދަނޑިވަޅަށް އީދު ހަދިޔާ ލިބިފައެވެ.

ޕީޕީއެމަށް އަންނަ ހިލުންގަނޑަކާ ގުޅިގެން އިދިކޮޅު ފަރާތްތަކަށް ހަދިޔާ ލިބުމަކީ ރައީސް މައުމޫނާއި ރައީސް ޔާމީނަށް ތާއީދު ކުރާ އަދި ޕީޕީއެމް ބޭނުން ވާނެ ގޮތެއް ނޫނެވެ. ރައީސް ޔާމީން ވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އެމަނިކުފާނު ސިފަ ކުރެއްވި ގޮތުގައި ވެސް އެއީ "އިދިކޮޅު ފަރާތްތަކަށް ލިބޭނެ ހަދިޔާ" އެކެވެ.

"އަޅުގަނޑުމެން ދުށިން، މީގެ ހަތަރު ފަސް އަހަރު ކުރިން ރާއްޖޭގައި އައިސްފައި އޮތް ވެރިކަން. ރާއްޖޭގެ އެކި ހިސާބުތަކުގައި ނުރައްކާތެރި ކަންތައްތައް ކުރުމާއި، އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ވީރާނާވަމުންދާ ކަންތައްތަކެއް އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ. މިކަންކަމަށް ހައްލު ހޯދުމަށްޓަކައި ވަރަށްގިނަ ފަރާތްތަކެއް ގުޅިގެން ކުރެވުނު މަސައްކަތުގެ ނަތީޖާއަކަށްވަނީ މިހާރު މިއޮތް ސަރުކާރު އައުން،" ރައީސް ވިދާޅުވި އެވެ.

ހައްލަކީ ކޮބާ؟

ޕީޕީއެމްގެ ތެރޭގައި ހުރި މައްސަލަތަކަށް އޮތް ހައްލު ރައީސް ޔާމީން ވަނީ ވިދާޅުވެ ދެއްވާފައެވެ. އެއީ މަޝްވަރާ ކުރުމެވެ. އެ މަޝްވަރާތަކުން ޕާޓީގެ އަސްލު މައިގަނޑު އުސޫލުތަކަށް ރުޖޫއަވާން މަސައްކަތް ކުރުމެވެ.

ރައީސް މައުމޫނާއި ރައީސް ޔާމީނަށްވެސް ގާތްގަނޑަކަށް ބުރަވެވިފައި ވަނީ މަޝްވަރާއަށެވެ. އަދި އީދުގެ ފަހުން އެ މަޝްވަރާތައް ފެށިދާނެކަމުގެ އިޝާރާތްވެސް ރައީސް މައުމޫން ވަނީ ދެއްވާފަ އެވެ. އެހެން ކަމުން ކުރިޔަށް އޮތް ހަފުތާތަކުގައި ޕީޕީއެމްގައި ލީ ރެނދު ބެދެނީތޯ ނޫނީ އިތުރަށްފުޅާވެ ބާ ހެދެނީތޯ ދެނެގަންނަން ފަސޭހަވާނެ އެވެ.