ބޭރު ކުޅިވަރު

ވަރުބަލިކަން ބަލިވުމުގެ އުޒުރަކަށް ނުވާނެ: ޑެޝޯން

އަމިއްލަ ގައުމުގައި ފްރާންސް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ރޭ ބަލިވިއިރު ކުޅުންތެރިންގެ ފަރާތުން ފެނުނީ ވަރުބަލިކަން ކަމަށާއި ނަމަވެސް މިއީ އުޒުރެއްނޫން ކަމަށް ފްރާންސުން ބުނެފި އެވެ.

ކޯޗު ޑިޑިއޭ ޑެޝޯން ބުނީ ސެމީ ފައިނަލުގައި ޖަރުމަނާ ދެކޮޅަށް ދެއްކި ކުޅުންތެރިން ނުފެނުނު ކަމަށާއި މެޗުގެ ފަހު ބައިގައި ކުޅުންތެރިންގެ ފަރާތުން ފެނުނީ ބަރުހެލިކަން ކަމަށެވެ.

"މިއީ އުޒުރެއްނޫން. އަހަރުމެންނަށް ލިބުނު ފުރުސަތުތައް ވެސް ބޭނުމެއް ނުކުރެވުނު. އަހަރެން ބުނާނީ ކުޅުންތެރިންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ވެސް މޮޅުވާން ކުރިއޭ. ދަނޑީގައި ވެސް ޖެހި. އެކަމަކު ގޯލެއް ނުޖެހުނު. ޗެމްޕިއަނުންނަށްވާން އަހަރުމެންނަށް ފުރުސަތު ލިބުނު. އެކަން ނުވީމަ އަހަރުމެން މިތިބީ ވަރަށް ބޮޑަށް ދެރަވެފައި،" ޑެޝޯން ބުންޏެވެ.

1998 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2000 ވަނަ އަހަރުގެ ޔޫރޯ ފްރާންސަށް ހޯދައިން ކެޕްޓަން ޑެޝޯން ބުނީ ފައިނަލް މެޗުގެ އިތުރު ވަގުތުގައި ބަލިވުމަކީ ހިތްދަތި އިހުސާސެއް ކަމަށާއި މިމެޗު ހަނދާނުން ފޮހެލަން އޭނާ ބޭނުންވާ ކަމަށެވެ.

ފޯވަޑް އެންޓޯނިއޯ ގްރިއެޒްމަން ބުނީ ޕޯޗުގަލް އަކީ އެންމެ މީހަކަށް ބިނާވެފައި އޮތް ޓީމެއް ނޫން ކަމަށާއި އެމީހުންގެ ޑިފެންސް ވަރަށް ބަދަހި ކަމަށެވެ.

"ޕޯޗުގަލް އަކީ ހަމައެކަނި ކްރިސްޓިއާނޯ ރޮނާލްޑޯއެއްނޫން. އެމީހުންގެ ޑިފެންސުން އަަހަރުމެންނަށް ފުރުސަތު ނުލިބޭ. އަހަރެން މިހުރީ ތަށި ނުލިބުމުން ދެރަވެފައި. އެކަމަކު ފުޓްބޯޅައިގައި އޮންނާނީ މޮޅުވުމާއި ބަލިވުން. މިއީ ހިތިތަޖުރިބާއެއް. ބައެއް ފަހަރު ހިތާމަ އަދި އަނެއް ބައިފަހަރު އުފާލިބޭނެ ފުޓްބޯޅައިން. އަހަރެން އެއްވެސް މީހަކު ދެރަނުކުރާނަން. އަހަރުމެން ހުރިހާ ކުޅުންތެރިން ވެސް ވަރަށް ބޮޑަށް މޮޅުވާން މަސައްކަތްކުރި. އަހަރުމެން ހަމަލާތައް ވެސް ފޮނުވާލިން. ކީޕަރު ސޭވްކުރީ،" ގްރިއެޒްމަން ބުންޏެވެ.