ބޭރު ކުޅިވަރު

އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ސަންޗޭޒަށް

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ޕޯޗުގަލްގެ ރެނާޓޯ ސަންޗޭޒަށް ދީފި އެވެ.

ޔޫއޭފާގެ ޓެކްނިކަލް ޓީމުން މި އެވޯޑް އުމުރުން 18 އަހަރުގެ ކުޅުންތެރިޔާ އަށް ދޭން ނިންމީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައިވަނިކޮށެވެ.
ފުރަތަމަ ހަތަރު މެޗުގައި ބެންޗުން ސްޓާޓް ކުރި ނަމަވެސް ސަންޗޭޒް ވަނީ ޕޯޗުގަލް އަށް ޗެމްޕިއަންކަން ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދީފަ އެވެ.

މި އެވޯޑަށް ވާދަކުރެވެނީ 1 ޖެނުއަރީ 1994ގެ ފަހުން ވިހާފައިވާ ކުޅުންތެރިންނަށެވެ. ސަންޗޭޒަށް މި އެވޯޑް ލިބުނުއިރު އޭނާ ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުގައި ޕޮލެންޑް ކޮޅަށް ގޯލެއް ވެސް ޖަހައިފަ އެވެ.

ސަންޗޭޒަކީ ކުރިއަށް އޮތް ސީޒަނުގައި ޖަރުމަނުގެ ބަޔާން މިއުނިކުން ފެނިގެންދާނެ ކުޅުންތެރިއެކެވެ. ޕޯޗުގަލްގެ މެދުތެރެ އާއި ފޯވަޑް ލައިނަށް ބޯޅަ ސަޕްލައިކޮށްދިނުމުގެ އެންމެ މުހިންމު ދައުރެއް އަދާކުރީ ވެސް އޭނާ އެވެ. ރެނާޓޯ ސަންޗޭޒަކީ ޕޯޗުގީޒް ބައްޕަ އަކާއި ކޭޕްވާޑޭގެ މަންމައަކަށް ލިބުނު ކުއްޖެކެވެ.

ޕޯޗުގަލްގައި ސަންޗޭޒް ވިހޭތާ ވަރަށް ކުޑަކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބައްޕަ އާއި މަންމަ ކައިވެނީގެ ގޮށް މޮހާލުމަށްފަހު ބައްޕަ ދިޔައީ ފްރާންސަށެވެ. މިހެންވެ ސަންޗޭޒް ރަޖިސްޓްރީ ކުރުމުގެ ކަންތައްތައް ވެސް އެތައް ދުވަހެއް ވަންދެން ފަސްވެގެންދިޔަ. އެވެ. 18 އޮގަސްޓް 1997ގައި ޕޯޗުގަލް އަށް އުފަން ރައްޔިތެއްގެ ގޮތުގައި ސަންޗޭޒް ރަޖިސްޓްރީ ކުރެވުނީ އޭނާގެ ބައްޕަ 2002 ވަނަ އަހަރު ފްރާންސުން އެނބުރި ޕޯޗުގަލް އައުމާއެކުގަ އެވެ. ނަމަވެސް މިއަދު ސަންޗޭޒަކީ އޭނާގެ ހިދުމަތަށް ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން ބޭނުންވާ އަގުހުރި ފުޓްބޯޅަ ކުޅުންތެރިއެކެވެ.