ރިޕޯޓް

ސްޓްރެޓެޖިކް ޕްލޭން ހެދުމާއި ބޭނުންތެރިކަން ވަރަށް ބޮޑު!

Jul 11, 2016
1

ސްޓްރެޓެޖިކް ޕްލޭން ހެދުމަކީ ވިޔަފާރިއެއް ވިޔަސް، އަދި ޚިދުމަތެއް ދޭ އިދާރާއެއް ނަމަވެސް، އެ މަސައްކަތެއް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމުގައި ވަރަށް މުހިންމު އާލާތެކެވެ. މި ލިޔުމުގައި ސްޓްރެޓެޖިކް ޕްލޭން ހެދުމާއި އެކަމުގެ ފައިދާ ތަކާއި މެދު ބަލާލެވޭތޯ ބަލާނަމެވެ.

ސްޓްރެޓެޖިކް ޕްލޭން އަކީ ޕްލޭން މިބަހާއި ސްޓްރެޓެޖީ މިބަހާއި ގުޅުވައިގެން އެކުލެވިފައިވާ ބަހެކެވެ. ޕްލޭން އަކީ ރޭވުމެވެ. ނުވަތަ ކަމެއް ކުރިއަށް ގެންދާނެ ގޮތް އެކުލަވާލުމެވެ. ސްޓްރެޓެޖީ މިބަހަށް ބަލާލާއިރުވެސް ފެންނަނީ ވަރަށް އެއްގޮތް މާނައެކެވެ. ސްޓްރެޓަޖީގެ މާނައަކީ ވަކި ކަމެއް ޙާޞިލްކުރުމަށްޓަކައި ދުރުމުސްތަޤްބަލަށް ކަންތައްތަކެއް ކުރަން ރާވާ ރޭވުމެވެ.

މެނޭޖްމަންޓް ދާއިރާގައި ސްޓްރެޓިޖިކް ޕްލޭން އެކުލަވާލުމަކީ އޯގަނައިޒޭޝަނެއް ޙާޞިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކެއް ޙާސިލްކުރުމަށްޓަކައި ކުރަން ކަނޑައަޅާ ކަންތައްތަކާއި އެކަން ޙާޞިލްކުރުމަށް ބޭނުންކުރާނެ ވަޞީލަތްތަކާއި، އެކަން ޙާޞިލް ވާ މިންވަރު ދެނެގަނެވޭނަ ފަދަ މިންގަނޑުތެކެއް ހިމެނޭގޮތުން ތައްޔާރު ކުރެވޭ ދިގުމުއްދަތުގެ ރޭވުމެއް ނުވަތަ ޕްލޭންކެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، ސްޓްރެޓެޖިކް ޕްލޭންއަކީ، ލިބެންހުރި ވަސީލަތްތައް ބޭނުންކޮށްގެން، ކުރިމަތިވެދާނެ ހުރަސްތަކާއި ދަތިތައް ގިރާކޮށްފައި ބޭނުންވާ ލަނޑުދަނޑިއެއް ނުވަތަ ލަނޑުދަނޑިތަކެއް ޙާސިލްކުރާނެ ގޮތް ބަޔާންކުރާ ޕްލޭން އެކެވެ.

ސްޓްރެޓެޖިކް ޕްލޭން އެކުލަވާލުމުގެ މުހިންމު ކަމާމެދު އެއްޗެއް ދަންނަވާކަމުގައި ވާނަމަ، ދެންނެވޭނީ ސްޓްރެޓެޖިކް ޕްލޭން އަކީ އޯގަނައިޒޭޝަންއެއްގެ ކުރިމަގު ބަޔާންކޮށް އެ ދިމާލަށް ދިއުމުގެ މަގުޗާޓު ކަމުގައެވެ. އެހެންކަމުން ކުރިއަށް ދާންވީގޮތުގެ މަގުޗާޓެއް ނެތްނަމަ، ދާންވީ ދިމާލެއް މިސްރާބެއް ނޭނގި ބެހިގެން ދިއުމަކީ ހަމަ ވަރަށް އެކަށީގެންވާކަމެކެވެ. ވީމާ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލުމަކީ އޯގަނައިޒޭޝަނެއްގެ ކާމިޔާބީ އާއި ނާކާމިޔާބީއާއި ދެމެދު ހުންނާނެ ފަރަގެވެ.

ސްޓްރެޓެޖިކް ޕްލޭންއެއްގެ މުހިންމު ބައިތައް

1. ވިޝަން: ވިޝަން އަކީ ތަޞައްވަރެވެ. ވިޔަފާރި އަކަށް ބަލާނަމަ، ދުރު މުސްތަޤްބަލުގައި އެވިޔަފާރިއެއް އޮންނާނެ ގޮތާއިމެދު ދެކޭ ހުވަފެނެވެ.
2. މިޝަން: މިޝަންއަކީ އެއޯގަނައިޒޭޝަނެއް ނުވަތަ ވިޔަފާރިއެއް އުފެއްދި އަދި ދެމި އޮންނަ ސަބަބެވެ.
3. އޮބްޖެކްޓިވްސް: އޮބްޖެކްޓިވްސް ނުވަތަ މަޤުސަދުތަކަކީ މިޝަން އާއި ވިޝަން ޙާސިލް ކުރުމަށްޓަކައި ދުރު މުސްތަޤްބަލުގައި ކަން ކުރާނެ ގޮތްތަކެވެ.
4. ގޯލްސް: ގޯލްސް ނުވަތަ ލަނޑުދަނޑުތަކަކީ މަޤުސަދުތައް ޙާޞިލްކުރުމަށް ކަނޑައަޅާ ލަނޑުދަނޑި ތަކެވެ.
5. އެކްޝަން ޕްލޭން: އެކްޝަން ޕްލޭންއަކީ ލަނޑުދަނޑިތައް ޙާސިލް ކުރުމަށް ކުރުމަށް ކަނޑައަޅާ ބަޔަންކުރާ ކަންތައްތަކެވެ.

މެނޭޖްމަންޓާއި ބެހޭ ބައެއް ލިޔުންތަކުގައި މިނޫން ގޮތްގޮތަށްވެސް ސްޓްރެޓެޖިކް ޕްލޭންގެ ބައިތައް ބަޔާންކޮށްފައި ހުރެއެވެ. ނަމަވެސް ޢާންމު ގޮތެއްގައި ބޭނުންކުރަނީ މަތީގައި މިދެންނެވުނު ބައިތަކެވެ.

ވިޔަފާރިއަކަށް އަންނަ ބަދަލުތަކާއި ގުޅިގެން ސްޓްރެޓެޖިކް ޕްލޭންއަށް ގެންނަންޖެހޭ ބަދަލުތައް އަބަދުމެ ގެންނަންޖެހޭނެއެވެ. އެންމެ ފުރިހަމަ އެއްޗެއްގެ ގޮތުގައި ސްޓްރެޓެޖިކް ޕްލޭން ދެމިއޮންނާނީ މިބަދަލުތައް ގަވާއިދުން ގެންނަނަމައެވެ.

މިފަދަ ޕްލޭންއެއް ހެދުމަކީ ހަމައެކަނި ބޮޑެތި ވިޔަފާރިތަކަށް އޮންނަ ކަމެއް ނޫނެވެ. އެންމެ ކުދި ވިޔަފާރިތަކަށްވެސް ސްޓްރެޓެޖިކް ޕްލޭން އެއް އެކުލަވާލާ އެޕޭލްއާއި އެއްގޮތަށް ކުރިއަށް ދިއުމުން އެކަމުން ގިނަގުނަ ފައިދާ ކުރާނެއެވެ. ޙަޤީގަތުގައި ވިޔަފާރި ފައްޓާއިރު ވިޔަފާރީގެ ތަޞައްވުރެއް އޮވެއެވެ. އަދި ވިޔަފާރި ކުރާނެ ގޮތްވެސް ކޮންމެވެސް ވަރަކަށް ސިކުނޑީގައި ނަމަވެސް ޕްލޭންކޮށް ރާވާލެވެއެވެ. ވިޔަފާރި ފައްޓަނީ މިޕްލޭންގެ ދަށުންނެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ ދިވެހިން ވިޔަފާރިއެއް ފައްޓަނީ ދިރިއުޅުން ތަނަވަސްކުރުމުގެ މަޤްސަދުގައެވެ. މިގޮތުން ދެތިން އަހަރު ވިޔަފާރި ހިންގާއިރު އެވިޔަފާރި އޮންނާނީ ވިޔަފާރި ފަށައިގެންއިރު އޮތް ގޮތަކަށް ނޫނެވެ. އެހެންނަމަވެސް، ޢާންމުގޮތެއްގައި ވިޔަފާރި އެހާހިސާބުން ދެން ކުރިއަށް ގެންދާނެގޮތެއްގެ ޕްލޭންއެއް އެކުލަވާލުން އެއީ އަޅުގަނޑުމެން ދިވެހި ވިޔަފާރިވެރިން ތަންކޮޅެއް ބީރައްޓެހި ކަމެކެވެ. ވިޔަފާރި ފަށައިގެންއިރުވެސް ކަންކަން ކުރަމުން ގެންދިޔަ ގޮތަށް އަބަދުވެސް ކަންކަން ކުރުމަކީ އަޅުގަނޑުމެންގެ އާދައެކެވެ. ނުވަތަ ބަދަލުވަމުން އަންނަ ޙާލަތުގެ މައްޗަށް، ވާނެގޮތެއްވާން ކަންކަން ދޫކޮށްލުމަކީ އަޅުގަނޑުމެންގެ އާދައެކެވެ. މިގޮތުން ބަދަލުވަމުން އަންނަ ޙާލަތާއިއެކު، ވިޔަފާރި ހިންގާ ގޮތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އަލުން ޕްލޭން ނުހަދާނަމަ، ވިޔަފާރި ކުރިއަރަންވާވަރަށް ކުރިނޭރުމުމާއި ނަފާ ލިބެންވާވަރަށް ނަފާ ނުލިބޭތަން އަންނާނެއެވެ.

މިސާލަކަށް ކުޑަގޮތަކަށް ގޭގައި ސައި ހޮޓަލެއް ހުޅުވާ ވިޔަފާރިވެރިޔާ، ވިޔަފާރި ފައްޓާއިރު، އޭނާގެ ސިކުނޑީގައި އެވިޔަފާރި ކުރިއަށް ގެންދާނެ ގޮތް ކޮންމެވެސް ވަރަކަށް ޕްލޭން ކޮށްލާފައި އޮންނާނެއެވެ. ހޮޓަލުގައި ވިއްކަން ހުންނާނޭ ކާއެއްޗެތީގެ ވައްތަރު ތަކާއި ރަހަތައް ހުންނަންޖެހޭނެ ގޮތާއިމެދު ޚިޔާލު ކުރާނެއެވެ. ފަށައިގަންނައިރު އެއްޗެތި ގަންނަން ބާޒާރަށް ދާނީ އަމިއްލައަށެވެ. ގަންނާނީ ފެންވަރު ރަނގަޅު އެއްޗެއްސެވެ. ހޮޓަލުގެ ސޭޓަކަށްވެސް ފުރަތަމަ އިންނާނީ ހަމަ އޭނާއެވެ. ބަދިގެއަށް ވަދެ ތައްޔާރުކުރާ އެއްޗެތީގެ ރަހަތަށް އަމިއްލައަށް ބަލާނެއެވެ. އޭނާ އަށް ކަމުދާ ފެންވަރަކަށް އެއްޗެތި ތައްޔާރުކުރުވޭތޯ މަސައްކަތް ކުރާނެއެވެ. އަދި ހޮޓަލަށް ކާން އަންނަ ފަރާތްތަކަށް ރަނގަޅު ޚިދުމަތެއް ދިނުމަށާއި ރަނގަޅު ގުޅުމެއް ބޭއްވުމަށް މަސައްކަތް ކުރާނެއެވެ. އާދެ ވިޔަފާރި ހިންގަނީ (ލިޔެވިފައި ނެތްނަމަވެސް) ކަނޑައަޅާފައި އޮންނަ ޕްލޭނަކަށެވެ.
ނަމަވެސް ދުވަސްކޮޅަކު ވިޔަފާރި ހިންގާއިރު، މިޙާލަތު ބަދަލުވެގެން ދާނެއެވެ. އެއްޗެތި ގަންނަން ބާޒާރަށް ދާނެ މުވައްޒަފުން ތިބޭނެއެވެ. ޑިއުޓީ އަދާކުރާ ސޭޓުން ތިބޭނެއެވެ. ވިޔަފާރިވެރިޔާއަށް އެހެން ދިމާލަކަށް ސަމާލުކަން އަނބުރާލަށް ޖެހިގެން ދެއެވެ. އާދެ މިއޮތީ ޙާލަތު ބަދަލުވެފައެވެ. މިހާހިސާބުން މިބަދަލުވި ޙާލަތަށް ރިއާއަތްކޮށް، އިތުރު ޕްލޭންއެއް އެކުލަވާނުލައިފިނަމަ، ވިޔަފާރި ފެށިއިރު، ވިޔަފާރިވެރިޔާގެ ސިކުނޑީގައި އެކުލަވާލާފައިވާ ޕްލޭން، މުވައްޒަފުންނަށް އެންގިފައި ނެތްނަމަ، ބާޒާރުން ގަންނަން ޖެހޭނީ ކޮންފެންވަރެއްގެ އެއްޗެއްކަމެއް ކަނޑައެޅިފައި ނުހުންނާނެއެވެ. ބަދިގޭގައި ހަދާ އެއްޗެތީގެ ފެންވަރާއި ރަހަތައް ޔަޤީންކުރާނެ ޕްލޭން އެއް އެކުލަވާލާފައި ނުވާނަމަ، ހަދާ އެއްޗެތީގެ ރަހަ އާއި ފެންވަރު ދަށްވެގެން ދާނެއެވެ. ހޮޓަލުގައި ޚިދުމަތްދޭ ފެންވަރު ބަލަހައްޓާނެ ޕްލޭން އެއް ނެތްނަމަ، ޚިދުމަތް ދިނުން ދޯދިޔާވެގެން ދާނެއެވެ.

އާދެ މިވަރަށް ދަންނަވާލުމުން، އަޅުގަނޑު މިދަންނަވާ ވާހަކައަކީ މިހާރު ވަރަށް ޢާންމުކޮށް ހިނގާ ކަމެއްކަން ފާހަގަކުރެއްވޭނެކަމުގައި ހީކުރަމެވެ. ދޭތެރެއަކުން ނަމަވެސް ހޮޓަލަކުން ހެދިކާއެއް ފަރިއްކުޅުއްވާލައްވާ ކޮންމެ ބޭފުޅަކަށްވެސް، ހެދިކާގެ ރަހަތަކަށް އައި ބަދަލު އިޙުސާސް ކޮށްލެއްވޭނެއެވެ. ޚިދުމަތް ދިނުމުގެ މަސައްކަތް މުޅިންކަހަލަގޮތަކަށް ބިދޭސީންގެ އަތްމައްޗަށް ބަދަލުވެގެން ދިޔައިރު، އާދެ ޙާލަތު ބަދަލުވެގެން ދިޔައިރު، ކާއެއްޗެތީގެ ރަހަތައް އެއްވަރަކަށް ހިފަހައްޓާނެ ގޮތުގެ ވިސްނުމެއް ނުވަތަ ޕްލޭނެއް ގެންގުޅެވިފައިނުވާތީ، ނުވަތަ ވިޔަފާރި ކުރިއަށް ގެންދާނެގޮތުގެ ސްޓްރެޓެޖިކް ޕްލޭންއެއް ހެދިފައިނުވާތީ، މިފަދަ ކަންތައްތައް ދިމާވަނީއެވެ. މިއީ މިއަދު މި ރާއްޖޭގެ ގިނަ ހޮޓާތަކުގެ ޙާލަތު އެހެންނޫންތޯއެވެ. އެހެންނަމަވެސް ކުޑަކޮށް ވިސްނާވަޑައިގެންފިނަމަ، މާލޭގެ ބައެއް މަޝްހޫރު ހޮޓާތަކުގައި މިހާރުވެސް ހަމަ ވަރަށްމީރު، ފެންވަރު ރަނގަޅު ކާއެއްޗެތި ލިބެން ހުންނަކަމުގައި ފާހަގަ ކުރެއްވޭނެއެނެ. އާދެ އެފަދަ ތަންތަނަކީ ކާއެއްޗެތީގެ ފެންވަރު ދެމެހެއްޓުމުގެ ވިސްނުން ކޮންމެވެސް ވަރަކަށް ގެންގުޅޭ ތަންތަނެވެ. ވީމާ ޕްލޭން އެއް އޮތުމާއި ނެތުމުގެ ތަފާތު އެބަ ވިސްނިވަޑައިގަނޭ އެހެންނޫންތޯއެވެ.

ވިޔަފާރި ހިންގުމުގެ ކޮންމެ ދާއިރާއަކަށް ބަލާލިޔަސް މިކަން އޮންނާނީ ހަމަ މިގޮތަށެވެ. ވިޔަފާރި ކުރިއަށް ގެންދާނެގޮތުގެ ފުރިހަމަ ޕްލޭންއެއް އޮވެގެން ކުރިއަށް ގެންދާ ވިޔަފާރިތަކަށް ލިބޭނެ ކުރިއެރުމާއި، ވަގުތާއި އެކު ޙާލަތަށް އަންނަ ބަދަލުތަކަށް ރިއާޔަތް ކުރުމެއް ނެތި، އެކަމަށް ޕްލޭން ނުކުރާ ވިޔަފާރިތަކާއި ދެމެދު ވަރަށްބޮޑު ފަރަގެއް ހުންނާނެއެވެ. ވަރަށް ކުޑަގޮތަކަށް ދަންނަވާލެވޭތޯ މިބެލީ ސްޓްރެޓެޖިކް ޕްލޭނެއް އޮތުމުގެ ބޭނުންތެރިކަމުގެ މައްޗަށެވެ.

ސްޓްރެޓެޖިކް ޕްލޭން އެކުލަވާލުމުގައި އެވިޔަފާރިއެއްގެ ކަންކަން އެނަލައިޒްކުރުމުގައި ނުވަތަ ދެނެގަތުމުގައި ބޭނުންކުރާ ބައެއް މުހިންމު އާލާތްތައް ހުރެއެވެ. މިގޮތުން ސްވޮޓް އެނަލިސިސް އާއި ޕޯޓަރސް ފައިވް ފޯރސަސް އެނެލިސް އައި ޕެސްޓެލް އެނެލިސިސް ފަދަ އާލާތް ތައް ހިމެނެއެވެ. އެހެންނަމަވެސް މިފަދަ ތަފްޞީލުތަކަށް މިކަހަލަ ލިޔުމެއްގައި އަލިއަޅުވާނުލެވޭނެތީ، މިލިޔުން މިހާހިސާބުން އަޅުގަނޑު ނިންމާލާނަމެވެ.

އެޑިޓަރުގެ ނޯޓް: މ. އާސްތާނާ އަލީ އާމިރަކީ، ހިންގުމާއި މެނޭޖްމަންޓްގެ ދާއިރާގެ ތަޖުރިބާކާރެކެވެ. ސަރުކާރުގެ އިސް މަގާމުތަކެއްގައި ގިނަ އަހަރުތަކެއްގައި ޚިދުމަތް ކުރެއްވުމުގެ އިތުރުން ކުޅިވަރުގެ ހިންގުމުގެ ދާއިރާގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ، އާމިރު ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ރޮނގުން މާސްޓާސް ޑިގްރީ ޙާޞިލުކުރައްވާފައި ވެއެވެ. ލިޔުއްވުމަކީ އޭނާގެ އާއިލާގެ ތެރެއިން އައިސްފައިވާ އޭނާގެ ވެސް ވަރަށް ބޮޑު ޝައުގުވެރި ކަމެކެވެ.