ސްރީލަންކާ އަސްކަރިއްޔާ އާއި ތަމަޅަ ޓައިގަރުންނާ ދެމެދު 25 އަހަރަށް ދިގު ދެމިގެންދިޔަ ދާޚިލީ ހަނގުރާމާގައި އިންސާނިއްޔަތާ ޚިލާފް އަމަލު ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ރިޕޯޓް ނެރުން އަންނަ ސެޕްޓެމްބަރު މަހަށް ފަސްކޮށްފި އެވެ.
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ހިންގަމުންދާ އެ ތަހުގީގުގެ ރިޕޯޓް ނެރުން ސެޕްޓެމްބަރު މަހަށް ފަސްކުރީ އަންނަ މަހު އެ ރިޕޯޓް ނެރެން ކުރިން ނިންމާފައި އޮތުމަށް ފަހު އެވެ.
އދ. ގެ އެ ނިންމުމަށް ލަންކާ ސަރުކާރުން ވެސް ވަނީ މަރުހަބާ ކިޔައިފަ އެވެ. ލަންކާގެ ފޮރިން މިނިސްޓްރީން ބުނީ އެގޮތަށް ނިންމުމުން އެ ރިޕޯޓް އަންނަންވާއިރަށް އެ ގައުމުގެ ދައުލަތުގެ މުއައްސަސާތައް އެކަމަށް ތައްޔާރު ކުރުމަށް އިތުރަށް ވަގުތު ލިބިގެން ގޮސްފައިވާ ކަމަށެވެ.
ވަކި ދައުލަތެއް އުފެއްދުމަށް ތަމަޅައިން ކުރި ހަނގުރާމަ ނިމުމަކަށް އައީ 2009 ވަނަ އަހަރު ތަމަޅަ ޓައިގަރުންގެ ލީޑަރު ވެލުޕިއްލައި ޕްރަބާކަރަން އަސްކަރިއްޔާގެ ހަމަލާއެއްގައި މަރުވުމުންނެވެ. އެ ހަނގުރާމާގައި ދެ ފަރާތުން ވެސް އިންސާނިއްޔަތާ ޚިލާފު އަމަލު ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވެ އެވެ.
ލަންކާގެ ރައީސަކަށް މަހިންދަ ރާޖަޕަކްސަ ހުންނަވަނިކޮށް އދ. އިން ފެށި އެ ތަހުގީގަށް އޭރުގެ ސަރުކާރުން އެއްބާރުލުން ނުދިން ނަމަވެސް މިދިޔަ މަހު އެ ގައުމުގެ ރައީސްކަމާ ހަވާލުވި މައިތިރިޕަލާ ސިރިސޭނާގެ ސަރުކާރުން ވަނީ އެ ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް ބުނަމުންނެވެ.