ބަންގްލަދޭޝް

ބަންގްލަދޭޝްގައި ޕީސް ޓީވީ މަނާކުރަނީ

Jul 11, 2016

އިސްލާމީ ޓީވީ ޗެނަލް ޕީސް ޓީވީ މަނާ ކުރަން ބަންގްލަދޭޝް ސަރުކާރުން ނިންމައިފި އެވެ. ބަންގާޅު ސަރުކާރުން އެގޮތަށް ނިންމީ ވެރިރަށް ޑާކާގައި މިދިޔަ ހަފްތާގެ ތެރޭގައި ކެފޭއަކަށް ހަމާލާދީ އެތައް ބަޔަކު ރަހީނުކޮށް އަދި ގިނަ ބަޔަކު މަރާލި ހާދިސާ އާ ގުޅިގެން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ނިންމުން ނިންމީ އެ ޓީވީގެ ޕްރޮގްރާމްތަކުން އިސްލާމީ ހަރުކަށި ވިސްނުމަށް މަގުފަހިކުރުވާ އަދި ގިނަ ބަޔަކު ހަރުކަށި ވިސްނުމަށް އެނބުރޭތީ ކަމަށް ބަންގާޅު ސަރުކާރުން ބުނެ އެވެ.

ޖާނުން ފިދާވެގެން އެފަދަ ހަމަލާތައް ދޭން ހިތްވަރު ލިބޭފަދަ ތަގްރީރެއް އެ ޗެނަލުން ދާދިފަހުން ގެނެސްދީފައިވާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކޮށްފައިވެ އެވެ. ނަމަވެސް އެ ޗެނަލް ހިންގާ، މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ޒާކިރް ނައިކްވަނީ އެކަން ދޮގު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ އެފަދަ އެއްވެސް ޕްރޮގްރާމެއް އެ ޗެނަލުން ނުފޮނުވާނެ ކަމަށެވެ. ބަންގާޅު ކެފޭއަށް ހަމަލާ ދިނީ އޭނާގެ ތަގުރީރެއް އަޑުއަހައިގެން ނޫން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ބަންގާޅުގެ އިންފޮމޭޝަން މިނިސްޓަރު ހަސަނުލް ހައްގު އިނޫ ވިދާޅުވީ އެ ޗެނަލް މަނާ ކުރުމުގެ އިދާރީ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.

"އަޅުގަނޑު ބަންގްލަދޭޝް ސަރުކާރުގެ ބައެއް އިސްވެރިންނާ މިހާރު ވާހަކަ ދައްކައިފިން، އެމީހުން ގަބޫލުކުރޭ ކެފޭއަށް ދިން ހަމަލާއަކީ އަޅުގަނޑުގެ ތަގްރީރަކުން އިންސްޕަޔާވެގެން ދިން ހަމަލާއެއް ނޫންކަން،" ބަންގާޅުގެ ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވެފައިވެ އެވެ.

ޕީސް ޓީވީ ހިންގަނީ މުމްބާއީގެ އިސްލާމިކް ރިސާޗް ފައުންޑޭޝަނުންނެވެ.