ހަބަރު

އަންނަ މަހު ހުޅުވާ ހުޅުދާން ބަގީޗާ ވަރަށް ފުރިހަމަވާނެ: މާޒް

ހޯމް މިނިސްޓްރީން ސިޓީ ޕާކުގައި ތަރައްގީކުރާ ހުޅުދާން ބަގީޗާ، ސަލްޓަންޕާކުގައި ހެދި ލެޑް ގާޑަން އަށް ވުރެ ބޮޑުތަން ފުރިހަމަވާނެ ކަމަށާއި، ޕާކް މުޅިން ނިންމައި އަންނަ މަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

ކުރިން ރެސްޓޯރަންޓެއް ހިންގަމުން އައި ސިޓީ ޕާކުގައި ހުޅުދާން ބަގީޗާއެއް ހެދުމުގެ މަސައްކަތް ހޯމް މިނިސްޓްރީން ފެށީ، މިދިޔަ އަހަރު ފާހަގަކުރި މިނިވަން ފަންސާހަށް އެ މިނިސްޓްރީން ބަން ކަޅުއޮއްފުއްމި އާއި ސަލްޓަން ޕާކުގައި ހެދި ހުޅުދާން ބަގީޗާ އެހެން ތަނަކަށް ބަދަލުކުރަންޖެހުމާއި ގުޅިގެންނެވެ. އެއީ މީގެ ހަތަރުވަރަކަށް މަސް ކުރިންނެވެ.

މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ވެސް އިސްކޮށް ހުންނަވާ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މާޒް މުހައްމަދު ސަލީމް ވިދާޅުވީ، މިހާރު ހަދަމުންދާ ލެޑް ބަގީޗާ ފެނިގެންދާނީ ވަރަށް ތަފާތު ގޮތަކަށް ކަމަށެވެ. އޭނާ އަދި ކުރިން ފެނުނު ހުޅުދާން ބަގީޗާއާ މުޅިން ތަފާތު ސިފަތަކެއް ހިމަނައިގެން ހަދާ ގާޑަންއަށް ބޭނުންވާ ބައެއް ސާމާނު ބޭރުން ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެތަކެތި ލިބުމުން މަސައްކަތް ފަށައި އަންނަ މަހުގެ ތެރޭގައި ޕާކް ހުޅުވައިލާނެ ކަމަށެވެ.

"ކަޅުއޮއްފުއްމި ހިޔާ ކުރަންވެސް ބޭރުން މެޓީރިއަލް އަޅުގަނޑުމެން އެބަ ގެންނަން. ސަބަބަކީ ފޮޓޯ ނެގަން ފަސޭހަ ރީތި ގޮތަކަށް އެތަން ހެދުމުގެ ބޭނުމުގައި. ލެޑް ގާޑެންއަށް ބަލާނަމަ މިހާރު މި ހަދާ ލެޑް ގާޑަން ކުރިން ސަލްޓަންޕާކުން ފެނުނު ލެޑް ގާޑެން އަށް ވުރެ އެތައް ތަނެއް ތަފާތު ވާނެ. މި ތަނުގައި ގޮނޑިއެއް، ދޫންޏެއް ހުއްޓަސް ހުންނާނީ ދިއްލޭ ގޮތަށް. އެހެންވީމަ ވަރަށް ހިތްގައިމު ވާނެ،" ސަލީމް ވިދާޅުވި އެވެ.

ސަލްޓަން ޕާކުގައި ކުރިން ހުރި ހުޅުދާން ބަގީޗާ ސިޓީ ޕާކަށް ބަދަލުކޮށް އެތަން ހުޅުވުމަށް ހޯމް މިނިސްޓްރީން މަސައްކަތް ފަށާފައިވާއިރު، ކުޑަކުދިންނަސް ހާއްސަ ކަންތައްތަކަކާއެކު ސަލްޓަންޕާކު މިއަހަރުގެ ތެރޭގައި ހުޅުވާލާނެ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.