ރަސްފަންނު

ތްރީޑީ އާޓިސްޓުން މިއަދު ރަސްފަންނުގައި ހުނަރު ދައްކާނެ، ބަލައިލަން ދެވޭނެ!

މިނިވަންދުވަހަށް މާލޭގެ ބައެއް ސަރަހައްދުތަކުގައި ކުރަހަން މާލެ ގެނައި އޮސްޓްރޭލިއާގެ ފަންނާނުން، އަންނަ ހޮނިހިރު ދުވަހު ބާއްވާ ކުރެހުމުގެ މައުރަޒަށް ތައްޔާރުކުރާ ކުރެހުންތަކުގެ މަސައްކަތް ރަސްފަންނުގައި މިއަދު ހަވީރު ފަށާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

މާލޭގެ ބައެއް ސަރަހައްދުތަކުގެ ފާރުތަކުގައި ކުރެހުމަށް މާލެއަށް އައި އޮސްޓްރޭލިއާގެ ތްރީޑީ ކުރެހުންތެރިންނަކީ ފާއަވޭހޮލިޑޭސް އާ ގުޅިގެން ހޯމް މިނިސްޓްރީން ހޯދި ޓީމެކެވެ. ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހު ކުރެހުމުގެ މަސައްކަތުގައި އެ ޓީމް މާލޭގައި ހަރަކާތްތެރިވާނެ އެވެ.

ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މާޒް މުހައްމަދު ސަލީމް ވިދާޅުވީ، ތްރީޑީ އާޓް ފެސްޓިވަލުގައި މާލޭގެ މަގުތައް ނުކުރަހާނެ ކަމަށެވެ. އެހެން ނަމަވެސް ބައެއް އިމާރާތްތަކުގެ ފާރުތަކުގައި ކުރަހާނެ ކަމަށާއި، ރަސްފަންނުގައި އެ ޓީމުން މިއަދު ކުރިއަށްގެންދާ ކުރެހުމުގެ ހަރަކާތަކީ އަންނަ ހޮނިހިރު ދުވަހު އާޓް ގެލެރީގައި ބާއްވާ ތްރީޑީ އާޓް މައުރަޒުގައި ހިމެނުމަށް ކަރުދާހުގައި ކުރަހާ ކުރެހުންތަކެއް ކުރެހުމުގެ މަސައްކަތް ކަމަށެވެ.

އެމީހުން ކުރަހާ މަންޒަރު ބަލައިލަން އާންމުންނަށް އެސަރަހައްދަށް ވަދެވެ އެވެ.

"މި ޓީމުން ކުރަހަން ތިބޭނީ ރަސްފަންނުގައި. އެމީހުން އެތަނުގައި މަސައްކަތް ކުރާއިރު މީހުންނަށް ބަލައިލަން ދެވޭނެ، އެމީހުން ކުރަން ބޭނުންވަނީ އާންމުންނާ އެކު،" ސަލީމް ވިދާޅުވި އެވެ.

މިނިވަންދުވަހާ ގުޅިގެން ތްރީޑީ މަންޒަރުތަކެއް މާލޭގެ އެކި ސަރަހައްދެއްގައި ކުރަހަން ނިންމާފައިވާއިރު، މި އަހަރުގެ މިނިވަން ދުވަސް ވެސް ކުލަ ދަގަކޮށް ފާހަގަކުރާނެ ކަމަށް ސަލީމް ވިދާޅުވި އެވެ.