ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ހިޔާނާތުގެ މައްސަލާގައި އަދީބަށް ކުރި ހުކުމް އިސްތިއުނާފުކޮށްފި

ހިޔާނާތުގެ ކުށް ސާބިތުވުމާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި އަށް އަހަރު ދުވަހުގެ ޖަލު ހުކުމް މިއަދު ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ހިޔާނާތުގެ މި ދައުވާ އަދީބުގެ މައްޗަށް ކޮށްފައިވަނީ އެމްއެމްޕީއާރްސީއިން ކުރެއްދޫ ހޯލްޑިންސްއަށް ކުއްޔަށް ދިން ޅ. މާބިންހުރާގެ ފައިސާ އަދީބުގެ ބޭބެ، ހާމިދު އިސްމާއިލް ހިއްސާވާ އަދި އަދީބު މިނިސްޓަރަކަށްވެވަޑައިގަތުމުގެ ކުރިން މަސައްކަތްކުރެއްވި ކުންފުންޏެއް ކަމަށްވާ މިލޭނިއަމް ކެޕިޓަލްގެ އެކައުންޓަކަށް ޖަމާކުރި ކަމަަށް ބުނެ އެވެ.

ހިޔާނާތުގެ ދައުވާގެ ޝަރީއަތުގައި ދައުލަތުން ފާހަގަކޮށްފައިވާ ނުކުތާތަކުގެ ތެރޭގައި މާބިންހުރާއިން ފަސް މިލިޔަން ޑޮލަރު ދައުލަތަށް ލިބެން ޖެހޭ ކަމާއި އޭގެ ބައެއް ފައިސާ ޖަމާކޮށްފައި ވަނީ ހާމިދުގެ މިލޭނިއަމް ކެޕިޓަލްގެ އެކައުންޓަކަށް ކަމާއި އެގޮތަށް އަމަލުކޮށްފައި ވަނީ އަދީބު އަންގަވައިގެން ކަމާއި އޭގެތެރެއިން 1.5 މިލިޔަން ޑޮލަރާއި އަށް ލައްކަ ޑޮލަރު އަދީބުގެ ކުންފުންޏެއް ކަމަށްވާ މޮންޓިލިއަންގެ އެކައުންޓަކަށް ޖަމާ ކުރި ކަމަށް ހިމެނެ އެވެ.

އަދީބުގެ ވަކީލް މޫސާ ސިރާޖު ވިދާޅުވީ، އަދީބަށް ކުރިމިނަލް ކޯޓުން އިއްވި ހުކުމް މިއަދު ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާނެ ކަމަށެވެ. މީގެ ކުރިން ވެސް އަދީބުގެ ދެ ހުކުމެއް ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފަ އެވެ. އެއީ، ރިޔާސީ ލޯންޗުކޮޅު، "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބުގެ މައްޗަށް އިއްވި 15 އަހަރު ދުވަހުގެ ޖަލު ހުކުމާއި ފިސްތޯލައެއް ގެންގުޅުނުކަން ސާބިތުވެ 10 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމެވެ.

މި މައްސަލާގައި ދެން ހުކުމްކުރި ހާމިދު އިސްމާއިލް ވެސް ވަނީ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ނަމަވެސް އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު އަދި ހުކުމް އިސްތިއުނާފުކޮށްފައެއް ނުވެ އެވެ. މި މައްސަލާގައި ޒިޔަތަށް ކުރީ އަށް އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. ހާމިދަށް ދެ އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. އިސްތިއުނާފު ކުރަން ޖެހެނީ 10 ދުވަސް ތެރޭގަ އެވެ.