ރިޔާޒު (17 ފެބްރުއަރީ) - މި އޮތްހާ ދުވަހު ސައިންސްވެރިން ދެއްކި ވާހަކަ އާއި އެންމެން ގަބޫލުކޮށްގެން ތިބި ގޮތާ މެދު އެހެންވީމަ ދެ ވަނަ ވިސްނުމަކަށް ދާން ޖެހުނީއެއް ނޫން ހެއްޔެވެ؟
ސައޫދީ އަރަބިއްޔާގެ ދީނީ އިލްމުވެރިޔަކު ވިދާޅުވަނީ އިރުގެ ވަށައިގެން ދުނިޔެ ދައުރުވާ ކަމަށް ބުނާ ވާހަކަ އަކީ ބުހުތާނު ދޮގެއް ކަމަށެވެ. ޝައިހް ބަންޑާރަ އަލް ޚައިބަރީ މިހެން ވިދާޅުވެފައި ވަނީ ދަރިވަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އޭނާ ވިދާޅުވަނީ މިހެންނެވެ.
"އަޅުގަނޑަށް ސަމާލުކަން ދެއްވާ. މިސާލަކަށް މިއީ ދުނިޔެ،" އިރުގެ ވަށައިގެން ދުނިޔެ ނޭނބުރޭ ކަމަށް ވިދާޅުވުމަށް ފަހު އޭގެ އިތުރު ތަފްސީލު ދެއްވުމަށް ފެންތަށްޓެއް ނަންގަވައި އެއަށް އިޝާރާތްކުރައްވަމުން ޝައިހް ޚައިބަރީ ވިދާޅުވި އެވެ.
"އެންމެ ފުރަތަމަ އަޅުގަނޑުމެން މި ތިބީ ކޮން ތަނެއްގައި ތޯ؟ އަޅުގަނޑުމެން މި ދަނީ ޝަރްޖާން އެއާޕޯޓަށް، ޗައިނާ އަށް ދާން. ސާފުވެއްޖެތޯ؟."
މިފަދަ ގޮތަށް އޭނާގެ ވާހަކަ ސިފަކޮށް ދެއްވަމުން ޚައިބަރީ ވިދާޅުވީ އިރުގެ ވަށައިގެން ވަކި ފަރާތަކުން ދުނިޔެ ބުރު ޖަހަމުންދާ ކަމަށް ބުނާ ވާހަކަ އަކީ ހަގީގަތެއް ނަމަ، ޝަރްޖާން އެއާޕޯޓުން ފުރައިގެންދާ މަތިންދާބޯޓް ކޮންމެހެން ޗައިނާ އަށް ދާން ދަތުރުކުރާކަށް ނުޖެހޭނެ ކަމަށެވެ. ޝައިހް ވިދާޅުވަނީ ދުނިޔެ އެނބުރެމުންދާ ނަމަ، މައްޗަށް އަރައި ފްލައިޓް ވައިގެ ތެރޭގައި މަޑުކޮށްލުމުން އެ ބޯޓާ ގާތަށް އަންނަން ޖެހޭނީ ޗައިނާ ކަމަށެވެ.
"ދެން މިސާލަކަށް ޗައިނާ އަށް އަޅުގަނޑުމެން މަތިންދާބޯޓެއްގައި ދަތުރުކުރަމުންދާއިރު، މި ބޯޓް ދަތުރުކުރަމުންދާ ދިމާއާ އިދިކޮޅަށް ދުނިޔެ އެނބުރެމުންދާ ކަމުގައި ވަނީ ނަމަ ކިހިނެއްތޯއޭ މި މަތިންދާބޯޓަށް ދުވަހަކު ވެސް ޗައިނާ އަށް ދެވޭނީ؟،" ޝައިހް ސުވާލު އުފައްދަވަނީ މިގޮތުގަ އެވެ.
އޭނާގެ މި ވާހަކަ ސޯޝަލް މީޑިއާގައި ހިލިގެން ގޮސް "ކްލެރިކް-ރިޖެކްޓްސް-ރޮޓޭޝަން-އޮފް-އާތު" ގެ ނަމުގައި ހޭޝްޓެގް ހަދައިގެން ގިނަ ބަޔަކު ދަނީ ޝައިހްގެ ވާހަކަ އަށް ފާޑު ވެސް ކިޔަމުންނެވެ.
ނަމަވެސް އޭނާ ވިދާޅުވަނީ އިރުގެ ވަށައިގެން ދުނިޔެ ބުރު ޖަހަމުން ދާ ވާހަކަ އަކީ ވަރަށް ގިނަ ދީނީ އިލްމުވެރިން ދެކޮޅުހަދާ ކަމެއް ކަމަށާއި ދީނީ ފަތުވާތަކުގައި ވެސް އެ ވާހަކަ ދޮގުކޮށްފައި އެބަހުރި ކަމަށެވެ.