އިރާގު ތެރެއިން އުފެދިގެން، ހައްދުފަހަނަޅާފައިވާ ޓެރަރިސްޓް ޖަމާއަތެއްގެ ސިފަ ޖެހިގެން، އިސްލާމިކް ސްޓޭޓް (އައިއެސް) ނުކުމެ އެގައުމުގެ މޫސަލް އާއި ސީރިއާގެ ދެކުނު ބިތުގައި ބާރުގަދަކުރީ އެވެ. އިސާހިތަކު އެމެރިކާ އާއި ހުޅަނގުގެ އެހެން ބާރުތަކާއި އަރަބި އަދި ގަލްފުގެ ގައުމުތައް ގުޅިގެން އައިއެސްއާ ދެކޮޅަށް އިރާގާއި ސީރިއާގައި ވަނީ ވަރުގަދަ އަސްކަރީ ހަރަކާތެއް ވެސް ފަށައިފަ އެވެ.
މި އަސްކަރީ ހަރަކާތުން އެދެވޭ ކުރިއެރުންތަކެއް ނުލބުނަސް އިރާގާއި ސީރިއާގައި އައިއެސްގެ ހަނގުރާމަވެރިން މިހާރު ހަރަކާތްތެރިވަމުން ދަނީ މީގެ ހައެއްކަ މަސްކުރިން އުޅުނު ގޮތަކަށް ނޫނެވެ. އެމީހުންނަށް ވަނީ ހަތަރު ފަރާތުން ވެސް އިރާގާއި ސީރިއާގައި ފިއްތުންތަކާ ކުރިމަތިލާން ޖެހިފަ އެވެ.
އައިއެސް ފުނޑައިލުމުގެ ބޭނުމުގައި އެމެރިކާ އާއި އަރަބި އަދި ގަލްފުގެ ގައުމުތައް އިރާގާއި ސީރިއާ އަށް ސަމާލުކަން ދީގެން ތިއްބައި އައިއެސް އިން އިތުރު އެހެން ފިޔަވަޅެއް ކުރިއަށް އަޅައިފި އެވެ. އެމީހުން މި ވަނީ މިސްރާއި ލީބިއާ އަދި ޔަމަނާއި ޕާކިސްތާނުގެ އިތުރުން އަފްޣާނިސްތާނަށް ވެސް ފެތުރިގެންފަ އެވެ.
އަނެއްކޮޅުން ނައިޖީރިއާގެ އާންމު ރައްޔިތުން ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލައިގެން އުޅޭ، ނުލަފާ ކަމަށް މަޝްހޫރު ބޯކޯ ހަރާމް އަށް ވެސް އައިއެސްގެ "ސްޓައިލް ނިކަން ކަމުގޮސްގެން" މި ވަނީ ފާޑަކަށް ބައިއަތުހިފައިފަ އެވެ.
އައިއެސް އިން އިރާގާއި ސީރިއާގެ އިން ފަހަނަޅައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމީހުންގެ ކިއްލާތައް ވަރުގަދަކުރަމުން އަންނައިރު ދާޚިލީ ހަމަނުޖެހުންތަކުން ހަލާކުވަމުން އަންނަ ގައުމުތަކުގައި މި ބައިގަނޑުގެ ބާރުގަދަކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ. އެގޮތުން މިފަހުން އެންމެ ބާރުގަދަކޮށްފައިވަނީ ދާޚިލީ ތަޅާފޮޅުންތަކާ އެކު ސުންނާފަތިވެފައިވާ ދެ ގައުމު ކަމުގައިވާ ޔަމަނާއި ލީބިއާގަ އެވެ.
ލީބިއާގައި އަތްގަދަކޮށް އައިއެސް އިން މި ވަނީ ނިކަން ވަރުގަދަ އިންޒާރެއް ވެސް ދުނިޔެ އަށް ދީފި އެވެ. އެގޮތުން މިސްރަށް ނިސްބަތްވާ ނަސޯރާއިންގެ 21 މީހަކު އެ ވަނީ ލީބިއާގައި ރަހުމްކުޑަ ގޮތަކަށް މަރާލައިފަ އެވެ. މިއީ ލީބިއާގެ ސިރުތުގައި އަތްގަދަކޮށްގެން އުޅޭ އައިއެސްގެ ހަނގުރާމަވެރިންގެ އަމަލެކެވެ.
އައިއެސްގެ ސަފުތައް ލީބިއާގައި ހަމަޖެހިލިކަން އިއުލާނުކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. މިއީ އިރާގާއި ސީރިއާ އިން ލީބިއާ އަށް ދިޔަ ހަނގުރާމަވެރިންނާއި ލީބިއާގައި ތިބި އިސްލާމިކް ހަނގުރާމަވެރިން ގުޅިގެން އުފައްދާފައިވާ ގޮތްޕެކެވެ.
ލަފާކުރެވޭ ގޮތުން ލީބިއާގައި މިހާރު އައިއެސްގެ ބާރު ނިކަން ގަދަ އެވެ. އެގައުމުގައި އައިއެސްއާ ދެކޮޅަށް އަސްކަރީ ހަރަކާތެއް ހިންގުމުގެ ހުއްދަ އަށް މިސްރުން އެދިފައި ވަނީ ވެސް އެފަދަ އިންޒާރެއް ދިނުމަށް ފަހު އެވެ. މިސްރުން ބުނަނީ ލީބިއާގައި އައިއެސްއާ ދެކޮޅަށް މިހާރުން މިހާރަށް އަސްކަރީ ވަރުގަދަ ހަރަކާތެއް ނުފެށިއްޖެ ނަމަ އެމީހުންގެ ނުރައްކާ ދުނިޔެ އަށް ބޮޑުވެގެންދާނެ ކަމަށެވެ.
މިސްރަށް ބަލާއިރު އައިއެސްގެ އަމާޒު ހިފާފައި ވަނީ މިސްރު ސަރުކާރުގެ ވެސް ބާރު މާބޮޑަކަށް ނުހިނގާ ސައިނާއީ އަށެވެ. ސައިނާއީގައި އައިއެސްގެ ހަނގުރާމަވެރިން އަތްގަދަކުރަމުންދާ ނަމަ މިއީ އިޒްރޭލުން ނުހަނު ކަންބޮޑުވާން ޖެހޭ ވަރުގެ ކަމަކަށްވާނެ އެވެ.