ބޭރު ކުޅިވަރު

ބޭލް ބާކީކޮށް ޔޫރޯ ޑްރީމް ޓީމު އިއުލާނުކޮށްފި

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ތިން ލަނޑު ޖަހައި މޮޅު ކުޅުމެއް ދެއްކި އަދި ސެމީ ފައިނަލްގައި ކުޅުނު ވޭލްސްގެ މިޑްފީލްޑަރު ގްރެތް ބޭލް ބާކީކޮށް ޔޫރޯ ޑްރީމް ޓީމު އިއުލާނުކޮށްފި އެވެ.

ރޭ ނިމުނު މުބާރާތުގެ 51 މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމަށް ބެލުމަށްފަހު ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާއިން ނެރުނު ގަދަ 11 ކުޅުންތެރިންގެ ޓީމުގެ ކީޕަރަކަށް ހޮވާފައިވަނީ ޗެމްޕިއަން ޕޯޗުގަލްގެ ކީޕަރު ރުއި ޕެޓްރީސިއޯ އެވެ.

ޑިފެންޑަރުންނަކީ ޖަރުމަނުގެ ޖޯޝުއާ ކިމިޗް އާއި ޖެރޯމް ބޯޓެން އަދި ޕޯޗުގަލްގެ ޕެޕޭ އާއި އެ ޓީމުގެ ރަފޭލް ގުއެރެއިރޯ އެވެ.

މިޑްފީލްޑަރުންނަކީ ޖަރުމަނުގެ ޓޯނީ ކްރޫސް އާއި ސެމީ ފައިނަލުގައި ޕޯޗުގަލް އަތުން ބަލިވި ޖޯއެލަން އާއި އެޓީމުގެ އާރޮން ރަމްސޭ އަދި ފައިނަލްގައި ކުޅުނު ފްރާންސްގެ ޑިމިޓްރީ ޕަޔެޓް އެވެ.

މި ޓީމުގެ ފޯވަޑުންނަކީ މުބާރާތުގެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ގޯލު ޖަހައިގެން ރަންބޫޓު ހޯދި ފްރާންސްގެ އެންޓޯނިއޯ ގްރިއެޒްމަން އާއި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

މި ޓީމު ނަގާފައިވަނީ ޔޫއޭފާގެ ޓެކްނިކަލް ޓީމުންނެވެ. އެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވި ޔޫއޭފާގެ ކޯޗިން އެމްބެސެޑަރު އަދި މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ކޯޗު ސާ އެލެކްސް ފާގަސަން ބުނީ މިއި އެންމެ ރަނގަޅަށް ކުޅުނު ޓީމުތަކުގައި އެންމެ ރަނގަޅަށް ކުޅުނު ކުޅުންތެރިން ކަމަށް ޓެކްނިކަލް ޓީމުން ފާހަގަކުރި 11 ކުޅުންތެރިން ކަމަށެވެ.

"އަހަރުމެން ނަގާފައިމިވަނީ ޑޮމިނޭޓް ކުރި ސެންޓްރަލް ޑިފެންޑަރުންނާއި އެޓޭކާއި ޑިފެންސްގައި ވެސް ފާހަގަކުރެވުނު ފުލްބެކަށް ކުޅުނު ކުޅުންތެރިންނާއި ގޭމް ކޮންޓްރޯލްކުރި މިޑްފީލްޑަރުންނާއި ޓީމަށް އެންމެ ފައިދާހުރި ގޮތަށް އުފެއްދުންތެރި ކުޅުމެއް ދެއްކި އެޓޭކަރުން. މިއީ ކޮންމެ ވަގުތެއްގައި ލަނޑު ޖެހުމުގެ ގާބިލްކަން ކުރި ކުޅުންތެރިން. އަހަރުމެން ގަބޫލުކުރާ ގޮތުގައި މިއީ އެންމެ ރަނގަޅު 11،" ފާގަސަން ބުންޏެވެ.