ރާއްޖެ ކުޅިވަރު

ވޮލީބޯޅަ މައްސަލަގަނޑެެއްގެ ތެރެއަށް، އިންތިހާބުގެ މައްސަލަ ކޯޓަށް!

މީގެ ހަތަރު މަސް ކުރިން ބޭއްވި ވޮލީބޯޅަ އެސޯސިއޭޝަނުގެ އިންތިހާބުގެ މައްސަަލަ ސިވިލް ކޯޓަށް ހުށަހަޅައި، އެސޯސިއޭޝަން މައްސަލަގަނޑެއްގެ ތެރެއަށް ވައްޓާލައިފި އެވެ.

އިތުބާރު ހުރިގޮތަކަށް އެނގިފައިވާ ގޮތުގައި އިންތިހާބުގެ މައްސަލަ ކޯޓަށް ހުށަހެޅީ އިންތިހާބުގައި ނާކާމިޔާބުވެވަޑައިގެންނެވި ޑީއާރްޕީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) އަށް ސަޕޯޓް ކުރި ޓީމުންނެވެ. އަދި މައްސަލައިގެ އަޑު އެހުމެއް ބުދަ ދުވަހު ބާއްވަން ކޯޓުން ވަނީ ތާވަލްކޮށްފަ އެވެ.

މިއިންތިހާބުން ކާނަލް އަށް ނާކާމިޔާބުވެވަޑައިގެންނެވީ ދެ ބުރަކަށް ކުލަބުތަކުގެ މެދުގައި ވޯޓުލުމުން ވެސް މިހާރުގެ ރައީސް މުހައްމަދު ރިޔާޒާ ދެ ބޭފުޅުން އެއްވަރުވުމުން އެވަގުތު އޮތް ހިންގާ ކޮމިޓީގެ މެމްބަރުންގެ މެދުގައި ވޯޓުލައިގެންނެވެ.

މި އިންތިހާބުގެ މައްސަަލަ ކާނަލްގެ ޓީމުން ކޯޓަށް ހުށަހެޅިއިރު އެފަރާތުން ފާހަގަ ކޮށްފައިވަނީ ގަވާއިދާ ހިލާފަށް ބައެއް ކުލަބުތަކަށް މެމްބަޝިޕްދީ ވޯޓުލާން ފުރުސަތު ދީފައިވުމާއި ޝަރުތު ހަމަވާ ބައެއް ކުލަބުތަކަށް ވޯޓުދޭން ފުރުސަތު ދީފައިވުމެވެ. އަދި އިންތިހާބުގައި ވާދަކުރި ދެ ކެނޑިޑޭޓުން އެއްވަރުވުމުން، އެވަގުތު އޮތް ހިންގާ ކޮމިޓީގެ މެމްބަރުންގެ މެދުގައި ވޯޓުލައިގެން އިންތިހާބުގެ ނަތީޖާ ކަނޑަ އެޅުމަކީ އިންސާފުން އެއްކިބާވުން ކަމަށެވެ.

އަދި އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ހިންގާ ކޮމިޓީގެ މެމްބަރުން ވޯޓުލާން ޖެހޭކަން ކުރިން އެނގިފައިނުވުމާއި ހިންގާ ކޮމިޓީއަކީ ރައީސް މުހައްމަދު ރިޔާޒް ކޮންޓްރޯލް އޮތް ތަނަކަށްވާއިރު އެފަދަ ހާލަތެއްގައި ދެ ކެނޑިޑޭޓުންނަށް ކެމްޕޭން ކުރަން ވަގުތު ދީފައި ނުވުން ވެސް ފާހަގަކޮށްފައިވެ އެވެ.

ވޮލީ އެސޯސިއޭޝަންގެ އިންތިހާބު ފެށުމުގެ ކުރިން ކާނަލް ވަނީ ބައެއް ކުލަބުތަކަކީ ގަވާއިދާ ހިލާފަށް މެމްބަރުޝިޕް ދީފައިވާ ކުލަބުތައް ކަމަށް ބުނެ ރިޔާސަތުން އެކަން ބައްލަވައި ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

ވޮލީގެ ރައީސްކަމަށް ކުރީގެ ޖެނެރަލް ސެކްރެޓަރީ ރިޔާޒް އެންމެ ފުރަތަމަ ވަޑައިގެންނެވީ ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން 2008 ވަނަ އަހަރު އެވެ. އަދި 2012 ވަނަ އަހަރު ބޭއްވި އިންތިހާބު ވެސް އޭނާ ކާމިޔާބު ކުރެއްވީ ވަރަށް ފަސޭހަކަމާއެކުގަ އެވެ. ރިޔާޒަކީ ކުރިން ރާއްޖޭގެ އެއްވަނަ ވޮލީ ރެފްރީ އެވެ.