ދުނިޔެ

ތުހުމަތުތަކަށް ޒާކިރު ނައިކް އިންކާރު، ނަމަވެސް ގައުމަށް ވަަޑައިގަތުން ފަސްކޮށްފި

ޓެރަރިޒަމަށް ހިތްވަރު ލިބޭ ދަރުސްތައް ދެއްވައި، މުސްލިމުން ޓެރަރިސްޓުންނަށް ހަދަން މަސައްކަތްކުރާ ކަމަށް ބުނެ ޕީސް ޓީވީގެ މަޝްހޫރު ދީނީ އިލްމްވެރިޔާ ޒާކިރު ނައިކަށް ބަންގްލަދޭޝްގެ ސަރުކާރުން ކޮށްފައިވާ ބޮޑެތި ތުހުމަތުތަކަށް ޒާކިރު ނައިކް އިންކާރުކޮށްފި އެވެ.

ބަންގްލަދޭޝްގައި 22 މީހުން މަރާލި ހަމަލާ ދީފައިވަނީ ނިބްރަސް އިސްލާމް އަދި ރޯހަން އިމްތިއާޒް ނަމަކަށްކިޔާ ދެ މީހުންނެވެ. މި ދެ މީހުންނަކީ ވެސް ޒާކިރު ނައިކަށް ވަރަށް ބޮޑަށް ތަބާވާ ދެ މީހުންނެވެ. ޒާކިރުގެ ތަގުރީރުތައް ގަވައިދުން އަޑުއަހައި، ފޭސްބުކްގައި ވެސް ޒާކިރު ވަރަށް ބޮޑަށް ފޮލޯކުރާ ދެ މީހުން ކަމަށް ބުނެ އެވެ.

ބަންގްލަދޭޝްގެ އިންފޮމޭޝަން މިނިސްޓަރު ހަސަނުލް ހައްގު ވިދާޅުވެފައިވާ ގޮތުގައި، ބަންގްލަދޭޝްގެ ލީގަލް އެކްސްޕާޓުން ދީނީ ނަސޭހަތް ދިނުމަށް ޒާކިރު ދީފައިވާ ތަގުރީރުތައް ދިރާސާކުރަމުންދާ ކަމަށެވެ. އަދި އެ ތަގުރީރުތަކުގައި ޓެރަރިޒަމަށް ހިތްވަރު ލިބޭފަދަ ވާހަކަ ދައްކަވާފައިވާނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ. އެގައުމުގައި ޒާކިރުގެ ޕީސް ޓީވީ ވެސް މިހާރު ވަނީ މަނާކޮށްފަ އެވެ.

އުމްރާއަށް ވަޑައިގެން، ސައުދީ އަރަބިއްޔާގައި މިހާރު ހުންނެވި ޒާކިރު ނައިކު އިއްޔެ ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ އެ ބޭފުޅާއަކީ ޓެރަރިޒަމަށް ހިތްވަރުދޭ ފަރާތެއް ނޫން ކަމަށާއި އެފަދަ ޖަމާއަތަކާ ވެސް ގުޅުމެއް ނުބާއްވަވާ ކަމަށެވެ. ޒާކިރު ވިދާޅުވީ، މިހާތަނަށް އިންޑިއާގެ އެއްވެސް ތަހުގީގީ އިދާރާއަކުން އެކަމާ ގުޅިގެން އެއްވެސް ސުވާލެއް ކޮށްފައިނުވާ ކަމަށެވެ. އަދި އެ އިދާރާތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

ޒާކިރު މިހެން ވިދާޅުވިއިރު، އިންޑިއާގެ ހޯމް މިނިސްޓަރު ކިރެން ރިޖިޖޫ ވިދާޅުވެފައިވަނީ ޒާކިރުގެ ތަގުރީރުތައް ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އަދި އިންޑިއާގެ ސެކިއުރިޓީ އެޖެންސީތަކުން ޒާކިރުގެ ތަގުރީރުތައް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ޒާކިރު ވަނީ އިންޑިއާއަށް ވަޑައިގަތުން ފަސް ކުރައްވާފަ އެވެ. ފަސް ކުރެއްވި ސަބަބެއް ހާމަކުރައްވާފައެއް ނުވެ އެވެ. ކުރިން ހަމަޖެހިފައިއޮތީ އިއްޔެ އިންޑިއާއަށް ވަޑައިގަތުމަށެވެ. ނަމަވެސް ނޫސް ބަޔާނުގައި ޒާކިރު ވިދާޅުވީ އަދި ދޭއް ނުވަތަ ތިން ހަފުތާ ސައުދީ އަރަބިއްޔާގައި މަޑު ކުރައްވާނެ ކަމަށެވެ.

ނޫސް ބަޔާނުގައި ޒާކިރު ވަނީ މީޑިއާއަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ވިދާޅުވީ، ނެރޭ ނޫސް ބަޔާންތައް ވެސް މީޑިއާތަކުން ގެނެސްދެނީ އޮޅުންއަރާ ގޮތަށް ކަމަށެވެ. މީޑިއާތަކުން ބޭނުންވާ އެޖެންޑާ ފެތުރުމަށް ނޫސް ބަޔާނުގެ ތަންތަން ކޮޅު ނަގައިގެން ޓްވިސްޓްކުރާ ކަމަށެވެ. އެހެންކަމުން ވަރަށް އަވަހަށް ވީޑިއޯ އިންޓަވިއުއެއް އާންމު ކުރައްވާނެ ކަމަށެވެ.

އިންޑިއާގެ ހޯމް މިނިސްޓަރު ވަނީ، ބަންގްލަދޭޝްއަށް ދިން ހަމަލާއަކީ ޒާކިރު ދިން ތަގުރީރެއްގެ ސަބަބުން ޓެރަރިޒަމަށް ހިތްވަރު ލިބިގެން ދިން ހަމަލާއެއްކަން ސާބިތުވެ، އެ ގައުމުން ޒާކިރާމެދު ފިޔަވަޅު އެޅުމަށް އެދިއްޖެނަމަ ތަގުރީރު ދިނުމާއި ދީނީ ހަރަކާތްތައް ހިންގުން ޒާކިރަށް މަނާކުރާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

މީގެކުރިން ވެސް އިންޑިއާ އަދި އެމެރިކާއަށް ދިން ޓެރަރިސްޓް ހަމަލާތަކަކީ ޒާކިރު ދެއްވާފައިވާ ތަގުރީރުތަކުން ހިތްވަރު ލިބިގެން ދިން ހަމަލާތަކެއް ކަމަށް ތުހުމަތުކޮށްފައި ވެއެވެ.