ސީރިޔާ

ހަމަނުޖެހުން ހިންގާ ފަރާތްތަކުން އަލެއްޕޯއަށް ހަމަލާތަކެއް ދީފި

ސީރިޔާގައި ހަމަނުޖެހުން ހިންގަމުންދާ ފަރާތަތްތަކުން އަނެއްކާވެސް އަލެއްޕޯއަށް ހަމަލާތަކެއް ދީފި އެވެ. އެ ފަރާތްތަކުން މި ހަމަލާ ދިނީ އަލެއްޕޯ ދެ ބަޔަކަށް ބަހާލަން އެމީހުން ކުރަމުންދާ މަސައްކަތަށް އަސްކަރީ ސިފައިން ހުރަސް އެޅުމުން ކަމަށްވެ އެވެ.

މި ހަމަލާތައް ދީފައިވަނީ އަލެއްޕޯ ދެބަޔަށް ބަހާލުމަށް ކާސްޓެލޯ މަގު ހުޅުވަން ސިފައިން ހުރަސް އެޅުމުން އަލިފާން ރޯކޮށްލައިގެން ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. މި ހަމަލާގައި އަށް މީހުން މަރުވެ 12 މީހަކަށް އެކިވަރުގެ އަނިޔާތައްވަނީ ލިބިފަ އެވެ. އެ ސަރަހައްދަކީ ތިން ލައްކައެއްހާ މީހުން ދިރިއުޅެމުންދާ ސަރަހައްދެކެވެ.

ދެހާސް ބާރަ ވަނަ އަހަރުން ފެށިގެން އަލެއްޕޯއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން އެ ސިޓީގެ ބޮޑު ބައެއް މިހާރުވަނީ ސުންނާފަތިވެފަ އެވެ. އަލެއްޕޯއަކީ ކުރިން ސީރިޔާގެ ކޮމާޝަލް އަދި އިންޑަސްޓްރިއަލް ހަބް އެވެ.

ސީރިޔާގައި ކުރިއަށްދާ ދާހިލީ ހަނގުރާމައިގައި އެތައް ލައްކަ މީހުން މަރުވެފައިވާއިރު އެތައް ލައްކަ ކުދިންނެއްވަނީ ޔަތީމުވެސްވެފަ އެވެ.