މޫސުން

މޫސުން ގޯސްވުމުން މެރިން ފުލުހުން ފެރީ ދަތުރުތައް މޮނިޓާ ކުރަން ފަށައިފި

  • ކުރިޔަށް އޮތް 24 ގަޑި އިރު ވާރޭ ވެހޭނެ
  • ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރަން އެދޭ
  • ހުޅުމާލެ އަށް ސައިކަލް ގެންދިއުން ރައްކާތެރިއެއް ނޫން

މޫސުން ގޯސްވުމާ ގުޅިގެން ހުޅުމާލެ އާއި ވިލިމާލޭގެ ފެރީ ދަތުރުތަކަށް ބަދަލު ގެނެސް ރައްކާތެރިކަން އިތުރުކޮށް ފެރީ ދަތުރުތައް ކުރާއިރު މެރިން ފުލުހުން މޮނިޓާކޮށް ބަލަހައްޓަން ފަށައިފި އެވެ.

ފުލުހުން ބުނީ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫން ގޮތަކަށް ކަނޑު ދަތުރުތައް ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ހުޅުމާލެ އަށް ދަތުރު ކުރާ ފަރާތްތަކުން ސައިކަލް ގެންދިއުން ވެސް ރައްކާތެރި ނޫން ކަމަށެވެ.

މޫސުން ގޯސްވެ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅާފައިވާއިރު މޫސުމާބެހޭ އިދާރާއިން ބުނީ ކުރިޔަށް އޮތް 24 ގަޑިއިރު ތެރޭގައި ވެސް މުޅި ރާއްޖެއަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.

މެޓް އޮފީހުން ބުނީ ކުރިޔަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ގަދަޔަށް ވައިޖެހި، ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސްވާނެ ކަމަށެވެ.

އެ އިދާރާއިން ބުނީ 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި، ވައިޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލާއި 50 މޭލާ ދެމެދު ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ކަނޑުތައް ވެސް ގަދަވާނެ ކަމަށެވެ.

މޫސުން ގޯސްވެފައިވާތީ ކަމާބެހޭ އެހެން އިދާރާތަކުން ވެސް ވަނީ މޫސުމަށް ބަލައި ސަލާމަތީ ފިޔަވަޅުތައް އަޅައިގެން ނޫނީ ދަތުރުތައް ނުކުރުމަށް އެދިފަ އެވެ.

ރާއްޖެއަށް މޫސުން ގޯސްވެފައިވާއިރު މިއީ ރާއްޖެއަށް ހުޅަނގު މޫސުމެވެ. އަދި މިއީ ގަދަ ވަޔާއެކު ވިއްސާރަ ކުރާ ފުނޯސް ނަކަތުގެ ފަހު ދުވަހެވެ. އެ ނަކަތް ހިނގާނީ ޖުލައި މަހުގެ 1 އިން 14 އަށެވެ. މާދަމާ ފަށާނީ ފުސް ނަކަތެވެ. ފުނޯސް ނަކަތަކީ އެހާ ވިއްސާރަ ނަކަތެއް ނޫނެވެ.