ރާއްޖެ ކުޅިވަރު

ކުނަހަންދޫ ކުރިކެޓް ފެސްޓިވަލް ނިންމާލައިފި

Jul 12, 2016

މިދިޔަ ރޯދަމަހު ލ. ކުނަހަންދޫގައި ކުރިއަށް ގެންދިޔަ ހަސަން މެރިން ރަމަދާން ކުރިކެޓް ފެސްޓިވަލް ނިންމާލައިފި އެވެ.

މި މުބާރާތުގެ އެއްވަނަ ހޯދާފައިވަނީ އިއްޔެ ހަވީރު އޮތް ފައިނަލް މެޗުގައި މާޒިޔާ ޓީމް އާ ވާދަކޮށްގެން ރެޑްލައިން ޓީމެވެ. މެޗުގައި ޓޮސް ލިބިގެން ފުރަތަމަ ކުޅެން އެރީ މާޒިޔާ ޓީމެވެ. ރެޑްލައިނުން މޮޅުވީ އެޓީމުން 13 އޯވާ ހަތަރު ބޯޅައިން ހުރިިހާ ކުޅުންތެރިން ނުބައިވެގެން 167 ލަނޑު ހަދާފައިވަނިކޮށް ޖަވާބުގައި ކުޅެން އަރާ 12 އޯވާ ތެރެއިން ހަތަރު ވިކެޓް އަށް 178 ލަނޑު ހަދައިގެންނެވެ.

މާޒިޔާ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 39 ލަނޑު ހަދައިދިން އަހްމަދު މިސްބާހް އެވެ. ރެޑްލައިން ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 26 ލަނޑަށް ތިން ވިކެޓް ނެގި މުހައްމަދު އަޒީމް އެވެ. ފައިނަލް މެޗުގައި އެންމެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ މެޗުގައި 70 ލަނޑުހެދި މުހައްމަދު އަޒީމެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ރެޑްލައިންގެ އަޒީމް ހޮވުނު އިރު ފެއާޕްލޭ ކުޅުންތެރިއަކަށް ހޮވުނީ އެޓީމްގެ މުހައްމަދު ސާއިން އެވެ.

މުބާރާތުގައި ހަތް ޓީމު ބައިވެރިވެފައިވާއިރު އެ ޓީމްތަކުގައި ތަކުގައި ތިބޭނީ ހަތް އަހަރާއި 21 އަހަރާއި ދެމެދުގެ ކުދިންނެވެ. މި މުބާރާތް ފަށާފައިވަނީ މިދިޔަ ރޯދަ މަހުގެ ދެ ވަނަ ދުވަހު އެވެ.

މި މުބާރާތުން އެއްވަނަ ހޯދި ޓީމަށް ހަސަން މެރިން އިން ދީފައިވާ ތަށިގެ އިތުރުން ކްރިކެޓް ބޯޑް އޮފް މޯލްޑިސްވްސް އިންވެސް ތައްޓާއި އިނާމް ދީފައިވެ އެވެ.