މިނިވަންދުވަސް ފާހަގަ ކުރަން ކޮންމެ ރަށެއްގައި ވެސް ޖުލައި 26 ވިލޭރޭ އުމީ ދިދަ ނެގުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވަން ހޯމް މިނިސްޓްރީން ކައުންސިލްތަކަށް އަންގައިފި އެވެ. އަދި އެ ރަސްމިއްޔާތުގައި ބައިވެރިވާ މީހުންގެ އަދަދު އަންގަން ވެސް އެ މިނިސްޓްރީން ކައުންސިލްތަކަށް ވަނީ އަންގާފަ އެވެ.
މި ރަސްމިއްޔާތުގައި ކޮންމެ ރަށެއްގައި ވެސް ދިދަ ނަންގަވައި ދެއްވާނީ އެ ރަށެއްގައި ހުންނަވާ އެންމެ އިސްވެރިއާ އެވެ. އަދި ވީހާ ގިނަ ރައްޔިތުން އެ ރަސްމިއްޔާތުތަކުގައި ބައިވެރި ކުރުވުމަށާއި ބައިވެރިން ގައުމީ ސަލާމް ކިއުމަށް ވެސް ހޯމް މިނިސްޓްރީން ވަނީ އަންގާފަ އެވެ.
ދުވަހާ ގުޅޭގޮތުން އިތުރު ހަރަކާތްތަކެއް ބާއްވާނަމަ އެކަމެއްގެ މައުލޫމާތު ހޯމް މިނިސްޓްރީ އަށް ދިނުމަށާއި މިނިވަން ދުވަހުގެ ދިދަ ނެގުމުގަ ރަސްމިއްޔާތުގައި ބައިވެރިވި ސަރުކާރުގެ މުއައްސަސާތަކާއި ބައިވެރިންގެ އަދަދު އެނގޭނެ ގޮތަށް ރިޕޯޓެއް ތައްޔާރުކޮށް ފޮނުވައިދިނުމަށް ވެސް ކައުންސިލްތަކުގައި މިނިސްޓްރީން ވަނީ އެދިފަ އެވެ.