މޯލްޑިވްސް ހައްޖު ކޯޕަރޭޝަން

ޑިސެމްބަރުގެ އުމްރާ ދަތުރުގެ އަގު ހެޔޮކޮށް، އާ ޕެކޭޖްތަކެއް

  • އާންމުކުރީ އަންނަ އަހަރުގެ ޕެކޭޖްތައް
  • ހާއްސަ ޑިސްކައުންޓްތަކެއް ލިބޭ
  • ޑިސެމްބަރުގެ އުމްރާ ދަތުރު އަގު ހެޔޮ

އަންނަ އަހަރުގެ އުމްރާ ޕެކޭޖްތައް ހައްޖު ކޯޕަރޭޝަނުން ތައާރަފުކޮށްފި އެވެ. އެގޮތުން އަންނަ އަހަރުގެ އުމްރާ ދެ ޕެކޭޖެއް މިއަދު އެ ކޯޕަރޭޝަނުން ވަނީ ތައާރަފުކޮށްފަ އެވެ.

މިއަދު އިއުލާންކޮށްފައިވާ ފުރަތަމަ އުމްރާ ޕެކޭޖަކީ، އަންނަ އަހަރުގެ މާޗު މަހުގެ ކުރުމަށް ހަމަޖެހިފައިވާ އުމްރާ ދަތުރެވެ. މި އުމްރާ ދަތުރަކީ ސްކޫލް ބަންދު ދުވަސްތަކުގައި ކުރަން ހަމަޖެހިފައިވާ 10 ދުވަހުގެ އިމްރާ ދަތުރެއް ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެ އެވެ. މި ދަތުރުގެ އަގަކީ 25،965 ރުފިޔާ އެވެ.

ދެން މިއަދު ތައާރަފުކުރި އުމްރާ ޕެކޭޖަކީ އަންނަ ރޯދަ މަހު އެ ކޯޕަރޭޝަނުން ކުރުމަށް ހަމަޖެހިފައިވާ އުމްރާ ދަތުރެވެ. މި ދަތުރުގެ އަގަކީ 39،965 ރުފިޔާ އެވެ. އަދި މި ދަތުރުތަކަށް ވަރަށް ހާއްސަ ޑިސްކައުންޓްތަކެއް ވެސް ލިބޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ، މިވަގުތު އިއުލާންކޮށްފައިވާ އުމްރާ ދަތުރުތަކުގެ އިތުރުން ކުރިއަށް ހުރި އަހަރުތަކުގެ އުމްރާ ދަތުރުތަކަށް ރަޖިސްޓްރީކޮށް ބައިބަޔަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ހައްޖު ކޯޕަރޭޝަނުން މިއަދު ވަނީ އަންނަ ޑިސެމްބަރު ކުރުމަށް ހަމަޖެހިފައިވާ އުމްރާ ދަތުރުގެ ޕެކޭޖަށް ބަދަލުތަކެއް ގެނެސް އެކަން ވެސް އިއުލާންކޮށްފަ އެވެ. މި ދަތުރު ފެށުމަށް ހަމަޖެހިފައިވަނީ ހަތަރެއް ޑިސެމްބަރުގަ އެވެ. ދަތުރުގެ މުއްދަތަކީ 15 ދުވަހެވެ. އެ ޕެކޭޖަށް ގެނެވުނު ބަދަލުގެ ސަބަބުން މިހާރު މި އުމްރާ ދަތުރުގެ އަގަކީ 29،965 ރުފިޔާ އެވެ. ކުރިން އަގެއް ކަމަށް ކަނޑައަޅާފައި އޮތީ 34،965 ރުފިޔާ އެވެ.

އުމްރާ ދަތުރުގެ ހާއްސަ ޑިސްކައުންޓް

ހަތަރު މީހުންގެ ގުރޫޕެއް ނުވަތަ ހަތަރު މީހުންގެ އާއިލާއެއް ރަޖިސްޓްރީކުރާނަމަ ވަރަށް ހާއްސަ ޑިސްކައުންޓެއް ލިބޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެ އެވެ. އެގޮތުން ހަތަރު މީހުންގެ ގުރޫޕެއްނަމަ ކޮންމެ މީހަކަށް 1،000 ރުފިޔާގެ ޑިސްކައުންޓަކާއި 10 މީހުންގެ ގުރޫޕެއް ރަޖިސްޓްރީކޮށްދޭ ފަރާތަކަށް އުމްރާ އަގުގެ 50 ޕަސެންޓް ޑިސްކައުންޓެއް ލިބޭނެ އެވެ. އަދި 12 އަހަރުން ދަށުގެ ކުދިންނަށް ވަރަށް ހާއްސަ ޑިސްކައުންޓެއް ވެސް ލިބޭނެ އެވެ.

ޕެކޭޖްގައި ފޯރުކޮށްދޭ ހިދުމަތްތައް

  • އުމްރާކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން
  • ސައުދީ އަރަބިއްޔާގެ ދެކޮޅު ޓިކެޓް
  • އުމްރާ ވިސާ
  • އުމްރާ ތަމްރީން ޕްރޮގްރާމް
  • ވެކްސިން ޖެހުމުގެ ހިދުމަތް
  • ދެ އުމްރާކުރުމުގެ ފުރުސަތު
  • 15 ދުވަހު ހުރުމާއި ކެއުން (ދިވެހި ކެއުން)
  • މައްކާ މަދީނާގެ ބަސް ދަތުރުތައް
  • މައްކާ އަދި މަދީނާގެ މުހިންމު ތަންތަނަށް ޒިޔާރަތްކުރުން
  • ފަސް ލީޓަރުގެ ޒަމްޒަމް ފެން ފުޅިއެއް
  • އުމްރާ ކިޓް

ޑިސެމްބަރު މަހުގެ ޕެކޭޖަށް ފައިސާ ދެއްކުމުގެ އެންމެ ފަހު ތާރީހަކީ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހެވެ.