އެކްސިޑެންޓް

އިޓަލީގައި ދެ ރޭލްޖެހި 25 މީހުން މަރުވެ ގިނަ ބަޔަކު ޒަހަމްވެއްޖެ

Jul 13, 2016

އިޓަލީގެ ދެކުނު ސަރަހައްދުގައި ދެ ރޭލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 25 މީހުން މަރުވެ އެތައް ބަޔަކު ޒަހަމް ވެއްޖެ އެވެ.

ދެ ރޭލު އެކަތި އަނެއްކައްޗާޖެހި މުޑި އެރީ، އެއް ދަނގަޑެއްގެ މަތިން ދަތުރު ކުރަނިކޮށެވެ. މި ހާދިސާ ހިނގީ އިޓަލީގެ އަޕްލިއާ ސިޓީގެ ކޮރާޓޯ އާއި އެންޑްރިއާ ޓައުންގެ ދެމެދުގައި އޮންނަ އޮލީވް ގްރޫވް ދަނޑެއް ހިމެނޭ ސަރަހައްދެއްގެ ތެރެއިން ޓްރެއިން ދަތުރު ކުރަމުން ދަނިކޮށެވެ.

ސަލާމަތީ އޮފިޝަލުން ވިދާޅުވީ ބޮޑެތި އަނިޔާތައް ލިބިފައިވާ މީހުން ގިނަ ކަމުން ހާދިސާގެ މަރުގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށެވެ. އެގޮތުން 50 މީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.

"ހާދިސާގެ ސަބަބުން މަރުވި މީހުންނާއި އެމިހުންގެ އާއިލާތަށް ވަނީ ކަރުނައާއި ހިތް ދަތި ކަމުގައި. އަހަރެމެން މިތިބީ ކަންބޮޑުވެފައި އަދި ހިތްހަމަ ނުޖެހިފައި. މިހާދިސާ ހިނގުމަށް މެދުވެރިވީ ކޮންކަމެއްތޯ ބަލަން އަހަރެން ބޭނުން،" އިޓަލީގެ ބޮޑު ވަޒީރު މަޓޯއޯ ރެންޒީ ވިދާޅުވި އެވެ.

ރެންޒީ ވަނީ މިލާންއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ދަތުރުފުޅު ކެންސަލް ކުރައްވާ އަޕްލިއާއަށް ވަޑައިގަންނަވާފަ އެވެ.

އިޓަލީގެ ރެއިލްވޭ ޕޮލިސްގެ ކޮމާންޑަރު ގިއަންކާލޯ ކޮންޓިޗޯއީ "ސްކައި ޓީޖީ 24" ޓީވީގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ދެ ޓްރެއިން އެއްވަގުތެއްގައި އެހިސާބުން ދަތުރު ކުރަން ނުޖެހޭނެ ކަމަށެވެ.

"ހަމަ ޔަގީނުންވެސް ކޮންމެވެސް ގޯހެއް ހިނގައިފި އަހަރެމެން މިދަނީ އެއީ ކޮންކަމެއްތޯ ބަލަމުން" ވިދާޅުވި އެވެ.

މީހުން ސަލާމަތް ކުރުމަށް ހަރަކާތްތެރިވާ ފުލުހުންގެ އޮފިޝަލާކާ ހަވާލާދީ އިޓަލީގެ "ރައި ނިއުސް" އިން ބުނެފައިވަނީ އެ ހާދިސާއަކީ ބިރުވެރި ހާދިސާއެއް ކަމަށާއި އޭނާގެ ހަޔާތުގައި މިވަރުގެ ހާދިސާއަކާ ކުރިމަތި ނުވާ ކަމަށެވެ.

މި ހާދިސާ ހިނގީ އިޓާލީގެ ގަޑިން އިއްޔެ ހެނދުނު 11:30 ހާއިރުއެވެ.