ސިނަ މާލެ ބްރިޖް

ބްރިޖްގެ މަސައްކަތް ބަލާ ޔުނިޓެއް ގާއިމްކޮށް އިންޖިނޭރަކު ހޯދަނީ

Jul 13, 2016
3

ޗައިނާ މޯލްޑިވްސް ފްރައިންޑްޝިޕް ބްރިޖްގެ މަސައްކަތް ބެލުމަށް ހާއްސަ ޔުނިޓެއް، ބްރިޖް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ބީޕީއެމްޔޫ) އެއް ހައުސިން މިނިސްޓްރީގައި ގާއިމްކުރަން ނިންމައި، އެ ޔުނިޓަށް ބޭނުންވާ އިންޖީނޭރަކު ހޯދަން އިއުލާންކޮށްފި އެވެ.

މާލެ ހުޅުލެ ގުޅުވައިލާ ބްރިޖްގެ މަސައްކަތް ކުރިއަށްދާ މިންވަރު ބެލުމަށް ހާއްސަ ޔުނިޓެއް ގާއިމްކުރަން ހައުސިން މިނިސްޓްރީން ނިންމާފައިވާއިރު، އެ މަސައްކަތް ކުރިއަށްދާ ސްޕީޑާ ބެހޭގޮތުން ބައެއް ފަރާތްތަކުން މިހާރުވެސް ދަނީ ފާޑުކިޔަމުންނެވެ. ނަމަވެސް ހައުސިން މިނިސްޓްރީން ބުނީ ބްރިޖްގެ މަސައްކަތް ދާ ސްޕީޑް ލަސް ނޫން ކަމަށާއި، އެ މަސައްކަތް ބޭނުންވާ ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.

ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ބީޕީއެމްޔޫ ގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން އިންޖީނޭރެއްގެ މަގާމަށް މީހަކު ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެ މަގާމުގެ މަސައްކަތްތަކާއި، މަގާމަށް ހޯދުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ޝަރުތުތައް ބަޔާންކޮށްފައިވާ ލިޔުން އެ މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށާއި އެހެންކަމުން ޝއުގުވެރިވާ ފަރާތްތަކުން އެ މަގާމަށް ކުރިމަތިލާން އެދޭ ކަމަށެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި އަކީ އަންނަ މަހުގެ ދޭކެވެ.