ޖަޕާނުގެ ރަސްގެފާނު އަކިހިޓޯ އިސްތިއުފާ ދޭން ނިންމައިފި ކަމަށް އަޑުތައް ފެތުރިއްޖެ އެވެ. ޖަޕާނުގެ ގައުމީ ޓީވީ އެންއެހްކޭއިން ބުނީ މިހާރު އުމުރުފުޅުން 82 އަހަރުގެ ރަސްގެފާނު އެމަގާމުން އިސްތިއުފާ ދެއްވަން ނިންމީ އާލާސްކަންފުޅާ އުޅުއްވުމުގެ ސަބަބުން މަގާމުގެ ޒިންމާ އަދާކުރެއްވޭނެ ކަމުގެ ޔަގީންކަން ނެތުމުން ކަމަށެވެ.
ގައުމީ ޓީވީން މިގޮތަށް ރިޕޯޓްކޮށްފައިވީ ނަމަވެސް އެގައުމުގެ ރިޔާސީ ގަނޑުވަރުގެ ތަރުޖަމާނު އެކަން ވަނީ ދޮގުކުރައްވާފަ އެވެ. ތަރުޖަމާނު ވިދާޅުވީ ރަސްގެފާނު އިސްތިއުފާ ދެއްވުމުގެ ރަސްމީ އެއްވެސް އިންތިޒާމެއް ކުރިއަށް ނުގެންދާ ކަމަށެވެ. ނަމަވެސް ރިޕޯޓުތައް ބުނާގޮތުގައި 56 އަހަރުފުޅުގެ ޕްރިންސް ނަރުހިޓޯ މިހާރު ހުންނެވީ ޖަޕާނުގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވަން ތައްޔާރަށެވެ.
ޖަޕާނުގެ ލޯކަލް ނޫސް އެޖެންސީއެއް ކަމަށްވާ ކިޔޯޑޯ ނޫސް އެޖެންސީއަށް ނަން ހާމަކުރަން ބޭނުންނުވާ ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ ބުނެފައިވަނީ ކުރިއަށް އޮތް އަހަރަށްފަހު ރަސްގެފާނު މަގާމުގައި ހުރުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށާއި އިސްތިއުފާ ދޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ރިޔާސީ ގަނޑުވަރުގެ އިސް އޮފިޝަލަކުވަނީ ރަސްގެފާނުގެ އާއިލާއިން އެ ނިންމުން ގަބޫލުކޮށްފައިވާކަން އެންއެޗްކޭއަށް ކަށަވަރުކޮށްދީފައި ކަމަށްވެ އެވެ.
ޖަޕާނުގެ ރިޔާސީ ގަނޑުވަރު އަދި ސަރުކާރު އޮފިޝަލުންވެސް ބުނަނީ ރަސްގެފާނުގެ އިސްތިއުފާ ގަބޫލުކުރެވޭނީ އިމްޕީރިއަލް ހައުސްހޯލްޑް ލޯ ރިވައިސް ކޮށްފައި ކަމަށެވެ. އަދި އެ ގާނޫނަށް އެއްވެސް ބަދަލެއް ގެނެވޭނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރުހުން ލިބިގެން ކަމަށްވެ އެވެ.
މިކަމާ ގުޅިގެން ޖަޕާނުގެ އިމްޕީރިއަލް ޕެލެސްގެ ތަރުޖަމާނު ޝިނިޗޯރޯ ޔަމަމޯޓޯ ވިދާޅުވީ މިކަމަކީ މީޑިއާގެ ސަމާލުކަން ހޯދުމަށް ކޮށްގެން އުޅޭ ކަމެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
އަކިހިޓޯ ޖަޕާނުގެ ރަސްކަމަށް ވަޑައިގެންނެވީ މީގެ 27 އަހަރު ކުރިންނެވެ. އެމަނިކުފާނު މަގާމުން އިސްތިއުފާ ދެއްވައިފިނަމަ މިއީ ފާއިތުވެދިޔަ 200 އަހަރުގެ ތެރޭގައި އެގައުމުގައި ރަސްގެފާނަކު އަމިއްލަ އަށް އިސްތިއުފާދޭ ފުރަތަމަ ފަހަރަށް ވާނެ އެވެ. ޖަޕާނު މިހާރު މިދެކޭ ތަރައްގީގެ ބާނީ އަކީ އަކިހިޓޯ ކަމަށްވެސް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.