ފަލަސްތީނުގެ ގާޒާގެ އުތުރުގައި އޮންނަ "އެރެޒް" ބޯޑަރު ނުވަ އަހަރަށް ފަހު ހުޅުވަން އިޒްރޭލުން އެއްބަސް ވެއްޖެ އެވެ. އެރެޒް ބޯޑަރަކީ އިޒްރޭލްގެ ސަރަހައްދު ކަމަށް ބުނާ ސަރަހައްދުން ގައްޒާއަށް ވަދެވެން އޮންނަ މައި ދޮރާއްޓެވެ.
އިޒްރޭލްގެ ދިފާއީ ވުޒާރާގެ އޮފިޝަލަކު ވިދާޅުވީ އެރެޒް ބޯޑަރު ހުޅުވަނީ ގާޒާއަށް ބޭނުންވާ ކާބޯތަކެތި ވެއްދުމަށް ޓަކައި ކަމަށެވެ.
"މިފިޔަވަޅު މި އެޅީ ފަލަސްތީނުގެ ވިޔަފާރި ވެރިންނަށް ގާޒާއަށް މުދާ ވެއްދުމަށްޓަކައި. ގާޒާގެ އިގްތިސޯދީ ހާލަތު ރަނގަޅު ކުރުމަށްޓަކައި،" އެ އޮފިޝަލް ވިދާޅުވިއެވެ.
އެރެޒް ބޯޑަރު ހުޅުވުމަށް ހަމަޖެހިފައިވަނީ މިއަދު އެވެ. ނަމަވެސް މި ފިޔަވަޅު އެޅި ނަމަވެސް އެ ސަރަހައްދު ހުރަސް ކުރުމުގެ ފުރުސަތު ލިބިގެންދާނީ ހަމައެކަނި ވެހިކަލް ތަކަށެވެ.
ދެހާސް ހަތް ވަނަ އަހަރުން ފެށިގެން އެރެޒް ބޯޑަރު އިޒްރޭލުން ވަނީ ބަންދުކޮށްފަ އެވެ. އެހެންވެ ގާޒާއަށް މުދަލާއި ކާނާގެ ހިދުމަތް ފޯރުކޮށް ދިނުމަށް ބޭނުން ކުރަމުން ދިޔައީ ގާޒާގެ ދެކުނު ފަޅި އެވެ. އެއީ އިޒްރޭލް ކަނޑުގެ ސަރަހައްދުގެ ރަށެއް ކަމަށްވާ ޕޯޓް އަޝްދޯދު ސީޓީ މެދުވެރިކޮށެވެ.
މިދިޔަ ފިތުރު އީދުގެ ކުރިން ތުރުކީއިން ގާޒާއަށް ފޯރުކޮށްދިން 10000 ޓަނުގެ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ވެސް އިޒްރޭލުން ވަނީ ފުރުސަތު ދީފައެވެ.
ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން 1.9 މިލިއަން މީހުން ދިރިއުޅެމުން ދަނީ ގާޒާގަ އެވެ.