ބޭރު ކުޅިވަރު

ރޮނާލްޑޯ އާއި މެސީ ޗުއްޓިއަށް ދިޔައީ އެއްތަނަކަށް!

Jul 14, 2016
2

ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށްވާ އާޖެންޓިނާގެ ލިއޮނަލް މެސީއާއި ޕޯޗްގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ، އެ ދެ ކުޅުންތެރިންގެ ޗުއްޓި ހޭދަ ކުރަމުން ދަނީ މެޑިޓެރޭނިއަން ކަނޑުގައި އޮންނަ ޖަޒީރާއެއް ކަމަށްވާ އިބީޒާގެ، މެރީނާ ބޮޓާފޮޗްގަ އެވެ.

ސްޕެއިންގެ ވާދަވެރި ދެ ކުލަބު ކަމަށްވާ ބާސެލޯނާއާއި ރެއާލް މެޑްރިޑަށް ކުޅޭ މިދެތަރިން، އޯގަސްޓް ނުވަ ވަނަ ދުވަހު ފަށާ ޔޫރަޕްގެ އާ ސީޒަނަށް، ތައްޔާރުވުމަށް "ބެޓްރީ ރީޗާޖް" ކޮށްލުމުގެ ގޮތުން ޗުއްޓި ހޭދަ ކުރާއިރު މި ދެ ކުޅުންތެރިން ތިބި ތަނުގެ ދެމެދުގައި ވަނީ މަދު އަދަދެއްގެ ޔޮޓްތަކަކެވެ.

ޕޯޗްގަލްއަށް ޔޫރޫ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކޮށްދިނުމަށްފަހު، ސަޕޯޓަރުންނާއެކު ވެރިރަށް ލިސްބަންގައި އުފާ ކުރުމަށްފަހު ރޮނާލްޑޯ އިބީޒާއަށް ދިޔައީ އިއްޔަ މެންދުރު ވަގުތެއްގަ އެވެ.

އޭގެ ދެތިން ދުވަސް ކުރިން މެސީ ވަނީ އިބީޒާގައި އޭނާގެ ޗުއްޓި ހޭދަ ކުރަން ފަށާފަ އެވެ.

ސްޕެއިންގެ މާސާއިން ބުނެފައިވަނީ، އިއްޔަ މެސީއާއެކު އޭނާ ސަޕޯޓަރުންތަކެއް ފޮޓޯ ނެގި ވަގުތު ފަހަތުން ކަޅުކުލައިގެ ކާރެއް ދާ މަންޒަރު ފޮޓޯއަށް އަރައިފައިވާ ކަމަށެވެ. މާސާއިން ބުނީ އެކާރުގައި އިނީ ރޮނާލްޑޯ ކަމަށެވެ.

މެސީ ޗުއްޓި ހޭދަ ކުރަމުން ދަނީ އޭނަގެ އަންހެނުންނާއި ދަރިންނާއެކުއެވެ. ރޮނާލްޑޯ ޗުއްޓި ހޭދަ ކުރަމުން ދަނީ އޭނާގެ އާއިލާ ބައެއް މެންބަރުން ނާއެކުއެވެ.