ހަބަރު

ޓެކްސީތަކަށް ދޫކޮށްލެވޭ ތަކެތި ނުފެނިގެން ހުށަހަޅާ މައްސަލަތައް އިތުރުވެފައި

Jul 14, 2016

ޓެކްސީތަކުގައި ދަތުރު ކުރާ ފަރާތްތައް އަތް ދަބަހާއި ވޮލެޓާއި ފޯނު ފަދަ ތަކެތި ޓެކްސީގައި ބޭއްވި ނުފެނިގެން ހުށަހަޅާ މައްސަލަތައް އިތުރުވަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އެފަދަ މައްސަލަތައް ހުށަހެޅުމުން އެ މީހަކު ޓެކްސީއެއް ދެނެގަންނަން ކުރާ މަސައްކަތުގައި ޓެކްސީގެ މައުލޫމާތު ނޭނގުމާއި ޓެކްސީއަކީ ކޮން ސެންޓަރެއްގެ ޓެކްސީއެއްކަން ނޭނގޭތީ އާއި ހާދިސާއަށް ގިނަ އިރުތަކެއް ފަހުން މައްސަލަ ހުށަހަޅާތީ އެފަދަ ތަކެތި ހޯދަން ދަތިވާ ކަމަށެވެ.

ޓެކްސީ އެއްގައި ދަތުރުކުރާއިރު މީހުން އަރާ ފައިބާ ކޮންމެ ފަހަރަކު އެއިން ދަތުރުކުރި މީހުން ދޫކޮށްލާ ތަކެތި ދެނެގަތުމަށް އަދި ހަނދާން ނެތިގެން އެއްޗެއް ޓެކްސީގައި ބޭއްވުނުތޯ ބެލުމަކީ ދަތިކަމެއްކަން ޑްރައިވަރުންނާ ސުވާލު ކުރުމުން އެނގޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަދި ދަތުރެއް ނިމި އެއްބަޔަކު ޓެކްސީން ފައިބާއިރު އެހެން ބަޔަކު ހަމަ އެ ޓެކްސީއަށް އަރާ ކަމަށާއި އެހެންކަމުން ޓެކްސީއަށް ބަޔަކު އެއްޗެއް ދޫކޮށްފައި ދިޔަސް އަލަށް އެރިބަޔަކު އެ ޓެކްސީން އެއްޗެއް ނެގިޔަސް ދެނެގަތުމަކީ ފަސޭހަ ކަމަކަށް ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.