ހަބަރު

ކޯޕަރޭޓް ގަވަނަންސްގެ ފުރިހަމަ އުސޫލު ތައާރަފް ކުރަންޖެހޭ: އޮޑިޓާ ޖެނެރަލް

ކުންފުނިތަކުގެ ހިންގުން އިތުރަށް ހަރުދަނާ ކުރަން ދުނިޔޭގެ އެހެން ގައުމުތަކުގައި ބޭނުންކުރާ ކޯޕަރޭޓް ގަވަނެންސްގެ އެންމެ ފުރިހަމަ އުސޫލު ރާއްޖެއަށް ތައާރަފު ކުރަންޖެހޭ ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެ އެވެ.

ސީއެމްޑީއޭއިން މިއަދު ފެށި "ކޯޕަރޭޓް ގަވަނަންސް ފޯ ޓުވެންޓީ ފަސްޓް ސެންޗުރީ ލީޑާސް ވޯކްޝޮޕް" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޒިޔަތު ވިދާޅުވީ އެކަން މުހިންމު ވަނީ ރާއްޖޭގެ އިގްތިސޯދާއި މާލީ ބަޒާރު ކުޑަވުމުން ސިސްޓަމެޓިކް އެބްޒޯބް ކުރުމުގެ ގާބިލްކަން ރާއްޖެ ފަދަ ކުޑަ ގައުމަކަށް ނޯންނާތީ ކަމަށެވެ. ނަމަވެސް ކޯޕަރޭޓް ގަވަނަންސްގެ އުސޫލެއް ތައާރަފްކޮށް އެއަށް އާންމުން ހޭލުންތެރިކުރުމުގެ މަސައްކަތް މިހާރުވެސް ސީއެމްޑީއޭ އިން ކުރަމުން އަންނަކަން ޒިޔަތު ފާހަގަކުރެއްވި އެވެ.

އޮޑިޓާ ޖެނެރަލް ވިދާޅުވީ ކޯޕަރޭޓް ގަވަނަންސް އެކްސްޓްރީމް ވެގެން ދިޔައީ ދެހާހުގެ ކުރީކޮޅު ބޮޑެތި ގިނަ ކުންފުނިތަކެއް ބަނގުރޫޓު ވެގެންދާން ފެށުމުން ކަމަށާއި އިގްތިސޯދީ ގިނަ މަސައްކަތްތަކެއް ކުރަނީ ވިޔަފާރިވެރިންނަށް ވާތީ މާލީ ބާޒާރާއި ވިޔަފާރީގެ ބާޒާރު އޮންނަނީ ވިޔަފާރިތަކާއި ގުޅިފައި ކަމަށެވެ.

"އެހެންވީމަ ބޮޑެތި ވިޔަފާރިތައް ބަނގުރޫޓު ވުމުން މާލީ ބާޒާރަށާއި، އިގްތިސާދަށް އަދި ވަޒީފާގެ ބާޒާރަށް ލޮޅުން އަރާ. އިންވެސްޓަރުންގެ އިތުބާރު ގެއްލި އުންމީދުތަކަށް ހިޔަނި އެޅި މާޔޫސްވޭ." ޒިޔަތު ވިދާޅުވި އެވެ.

ޒިޔަތު ވިދާޅުވީ ހިއްސާދާރުންގެ މަސްލަހަތު ހިފާއްޓާ ދެމެހެއްޓެނިވި ތަރައްގީ އާއި މުޖުތަމައުގެ އާންމު ހާލަތު ރަނގަޅު ކުރުމުގެ ކޯޕަރޭޓް ގަވަނަންސްގެ ތަރަހައިގެ ތެރޭގައި ހިމެނިފައިވާ ކަމަށާއި ހަރުދަނާ ގަވަމެންޓް ފްރޭމް ވޯކެއް އެކުލަވާލާ ތަންފީޒުކުރަމުން ދިއުމުން ކުންފުނިތަކުގެ މަގްސަދު ކަނޑައަޅަންވީ ގޮތާއި އެ މަގްސަދު ހާސިލުކުރަން ގޮތާއި ވިޔަފާރީގައި ކުރިމަތިވެދާނެ ނުރައްކާތަކާއި ކަންކަން ބަލައި ދެނެގަނެވޭނެ ހާމަކަން ބޮޑު ގޮތަކަށް ކުންފުނިތައް ހިންގާނެ އުސޫލުތައް ކަނޑައެޅިގެންދާނެ ކަމަށެވެ.