އަހުމަދު ތޯރިގް

އެފްއޭއެމްގެ އޮޑިޓްތަކުގައި މައްސަލަ ހުރީ ސިސްޓަމް އޮތް ގޮތުން: ޓޮމް

Jul 14, 2016
2

އެފްއޭއެމް ވޭތުވެދިޔަ ދައުރު ތަކުގެ އޮޑިޓް ރިޕޯޓްގައި ގިނަ މައްސަލަތަކެއް ހުރި ކަމަށާއި އެހެން ނަމަވެސް އެފަދަ ގިނަ މައްސަލަތައް ދިމާވެފައި ހުރީ ސިސްޓަމް އޮތް ގޮތުން ކަމަށް އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެ އެވެ.

އެފްއޭއެމްގެ އިދާރާގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި އޮޑިޓް ރިޕޯޓްތަކާ ބެހޭގޮތުން ސުވާލު ކުރުމުން، ޓޮމް ވިދާޅުވީ އޭނާ އެފްއޭއެމްގެ ހިންގުމާ ހަވާލުވި އިރު ގިނަ އޮޑިޓްތަކެއް ހުރީ ނިމިފައި ކަމަށާއި އޭގެ ގިނަ ރިޕޯޓްތަކުގައި މައްސަލަ ހުރި އިރު ފާހަގަ ކުރެވެނީ، އެކަންކަން ހިނގާފައި އޮތީ ގަސްތުގައި ނޫން ކަމަށެވެ. އަދި އެއީ ސިސްޓަމްގެ މައްސަލައެއް ކަމަށް ބެލެޥޭ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފްއޭއެމްއަށް ބަދަލުތަކެއް ގެނައުމަށް މަސައްކަތް ފަށާފައިވާ ކަމަށާއި، އެކަމަށް ވަގުތު ވެސް ހޭދަވާނެ ކަމަށެވެ. އެގޮތުން ޒަމާނުންސުރެ އެފްއޭއެމްގެ ތެރޭގައި އޮތް ހިންގުމުގެ ނިޒާމު ބަދަލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިއަދު ވިދާޅުވި އެވެ.

"އެފްއޭއެމްގެ އާ ސްޓްރެޖެޓިކް ޕްލޭން، އިންޓަނޭޝަނަލް ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް އެބަގަންދަން. އޭގެ ދަށުން ފަހެއް ނުވަތަ ހަ މެންބަރުންގެ ޓެކްނިކަލް ކޮމިޓީއެއް އެކުލަވައިލުމުގެ މަސައްކަތް ކުރިއަށް އޮތީ،" ޓޮމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސްޓްރެޓެޖިކް ޕްލޭންގެ މަސައްކަތް ކުރާ ކުންފުނީގެ ނަން ފަހުން އިއުލާން ކުރައްވާނެ ކަމަށާއި އެ ކުންފުންޏަކީ ބައިނަލްއަގްވާމީ ކުޅިވަރު އެސޯސިއޭޝަންތަކާއި އޮލިމްޕިކް ކޮމިޓީތަކާއި ގައުމު ތަކުގެ ސްޕޯޓްސް މިނިސްޓްރީތަކުގެ އެފަދަ ޕްލޭންތައް ހަދާފައިވާ ކުންފުންޏެއް ކަމަށެވެ.