ހަބަރު

އައްޑޫގައި ބަހާއި ފެރީގެ ހިދުމަތް ފަށައިފި، އެއް ހަފްތާ ހިލޭ

އައްޑޫ އާއި ފުވައްމުލަކު މެދުކެނޑިފައިވާ ބަހާއި ފެރީގެ ހިދުމަތްތައް އެމްޕީއެލް އިން އެ ދެ ރަށުގައި މިއަދު އަލުން ފަށައިފި އެވެ. އެ ހިދުމަތްތައް ރަސްމީކޮށް ފެށީ މިރޭ ބޭއްވި ހަފްލާއެއްގަ އެވެ.

"ސަދާން ޓްރާސްޕޯޓް ލިންކް"ގެ ނަމުގައި އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ބަހުގެ ހިދުމަތާއި ވަކިން އޮންނަ އައްޑޫގެ ދެ ރަށަށް ވަނީ ފެރީގެ ހިދުމަތް ވެސް ފަށައިފަ އެވެ. އަދި ފުވައްމުލަކުގައި ވެސް މެދުކެނޑިފައި އޮތް ބަހުގެ ހިދުމަތް ވެސް މިއަދު ވަނީ ފަށައިފަ އެވެ. އެ ހިދުމަތްތައް ފައްޓަވައި ދެއްވީ ފޭދޫގައި ބޭއްވި ކުލަގަދަ ޖަލްސާއެއްގައި ނައިބު ރައީސް އަބްދުﷲ ޖިހާދެވެ.

އައްޑޫ ފުވައްމުލަކުގައި ބަހުގެ ހިދުމަތް ދިނުމަށް ފެންވަރު ރަނގަޅު އަދި އޭސީކޮށްފައިވާ 13 ބަސް ރާއްޖެ ވަނީ ގެނެސްފަ އެވެ. އެގޮތުން ފުވައްމުލަކުގައި ދެ ބަސް ބޭނުން ކުރާ އިރު ބާކީ ބަސްތައް ބޭނުން ކުރާނީ އައްޑޫގަ އެވެ. އަދި ފެރީގެ ހިދުމަތަށް ހައި ސްޕީޑް ދޯންޏާއި، ސްޕީޑް ލޯންޗް ވެސް ބޭނުން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ ކުރިން ފުވައްމުލައް އަދި އައްޑޫގައި ބަސް އަދި ފެރީގެ ހިދުމަތް ދިނީ އެމްވީކޭ އިންނެވެ. އެހެން ނަމަވެސް އެ ކުންފުންޏަށް މާލީ މައްސަލަތައް ދިމާވެ އެ ހިދުމަތް ހުއްޓިފައި އޮންނަތާ އެތައް އަހަރެއް ވަނީ ވެފަ އެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ހަފްލާގައި ވިދާޅުވީ، އައްޑޫ ފުވައްމުލަކުގައި ބަހުގެ ހިދުމަތް ފެށުމަށް ބޭނުންވާ ކަންކަން ހަމަޖެއްސުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވި ކަމަށެވެ. އަދި އެންމެ ފުރަތަމަ ބަސްތައް އޯޑަރު ކުންފުނިން އެ މަސައްކަތް ނުކުރުމުން އެހެން ކުންފުންޏަކަށް އެ ބަސްތައް ގެންނަން ހަވާލު ކުރަން ޖެހުނު ކަމަށް ވެސް ޖުނައިދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި ހިދުމަތް އެމްޕީއެލް އިން ދެނީ ރައްޔިތުންނަށް ޓަކައި ކަމަށްވާތީ، އެ ހިދުމަތް މެދުކަނޑާނުލާ ކުރިއަށް ގެންދާނެ ކަމަށާއި ދުވަހެއް ދުވަހަކަށް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރާނެ ކަމަށެވެ.

"މިއީ އޭސީ ކުރެވިފައި ހުރި މުދާ ވެސް އުފުލޭ ބަސްތައް މި ގެނައީ. ދެން ބައެއް ބޭފުޅުން ހިތައް އަރާފާނެ އަންނަން އުޅޭ ވޯޓަކަށް ކުރިކަމެކޭ މިއީ. މިއީ އެއްގޮތަކަށް ވެސް އެގޮތަށް ކުރިކަމެއް ނޫން. އެހެން ވީމާ އަޅުގަނޑުމެން މި ހިދުމަތް ހަމަ މިގޮތަށް ހުއްޓާނުލައި ރަނގަޅު ފެންވަރުގައި ކުރިއަށް ގެންދާނަން. މި ކުންފުނިން އަދި ރައީސް ދެކިވަޑައިގަންނަވަނީ މިއީ އައްޑޫ ރައްޔިތުންނަށް ލިބެން ޖެހޭ އަސާސީ ހިދުމަތެކޭ،" ޖުނައިދު ވިދާޅުވި އެވެ.

ނައިބު ރައީސް ޖިހާދު ވިދާޅުވީ، މި ހިދުމަތާ އެކު އައްޑޫ ރައްޔިތުންނަށް އެތައް ފަސޭހަތަކެއް ލިބި، އަތުން ހަރަދު ކުރަން ޖެހޭ ފައިސާ ސަލާމަތް ކުރެވޭނެ ކަމަށެވެ. ޖިހާދު ވިދާޅުވީ އެމްޕީއެލް އިން ނިންމަވާފައި ވަނީ ކުރިއަށް އޮތް އެއް ހަފްތާ ބަހާއި ފެރީގެ ދަތުރުތަކުގެ ހިދުމަތުން އަގު ނުނަގާ ކުރިއަށް ގެންދަން ކަމަށް ވެސް ޖިހާދު ވިދާޅުވި އެވެ. ނައިބު ރައީސް ވެސް ވިދާޅުވީ މި ހިދުމަތަކީ ބިން ބޮޑު އައްޑޫގެ ދަތުރުފަތުރަށް އަދި ވިޔަފާރިއަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.

"ރައީސް އަބްދުﷲ ޔާމީންގެ ވިޝަންއަކީ އައިސްކްރީމް ބޯލަން ވެސް އާއިލާ މީހަކާ ބައްދަލުކޮށްލަން ވެސް އަދި ރަށްޓެހިވެގެން އުޅޭ ކުއްޖާ ގޮވައިގެން ތަނަކަށް ދާން ވެސް އަގުހެޔޮކޮށް ފަސޭހަކޮށް އައްޑޫގެ ރައްޔިތުންނަށް ތަންތަނަށް ދަތުރުފަތުރުކޮށް އުޅެވުން،" ޖިހާދު ވިދާޅުވި އެވެ.

ޖުނައިދު ވިދާޅުވީ މި ހިދުމަތާ އެކު އައްޑޫގެ ރައްޔިތުންނަށް ވަޒީފާގެ އާ ފުރުސަތުތަކެއް ހުޅުވިއްޖެ ކަމަށެވެ. މީގެ އިތުރަށް އައްޑޫގައި އެ ކުންފުނިން ހަދާ 100 އެނދުގެ ޓޫރިސްޓް ހޮޓަލާ އެކު އިތުރު ވަޒީފާތައް އުފެދޭނެ ކަމަށް ވެސް ޖުނައިދު ވިދާޅުވި އެވެ. އަދި އައްޑޫގައި ވަޒީފާތައް އިތުރުކޮސް ތަރައްގީތައް އިތުރު ކުރުމަށް ރައީސް އަބަދުވެސް ސަމާލުކަން ދެއްވާ އިރުޝާދު ދެއްވާ ކަމަށް ވެސް ޖުނައިދު ވިދާޅުވި އެވެ.