ހަބަރު

މި ސަރުކާރުން ވައްކަމެއް ނުކުރޭ، ހަގީގީ ވަގުން ހާމަ ކުރާނަން: ސައީދު

Jul 16, 2016
1

ކުރިއަށް އޮތް 2018 ގެ ރިޔާސީ އިންތިހާބުގެ ކުރިން، "ހަގީގީ ވަގުންނަކީ" ކޮބައިކަން ރައްޔިތުންނަށް ހާމަވެގެން ދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އައްޑޫ ބަސްދަތުރާއި ފެރީގެ ހިދުމަތް ފެށުމަށް އެރަށުގައި ބޭއްވި ހަފްލާގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މި ސަރުކާރުގައި ތިބީ ވަގުން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކަށް މި ސަރުކާރަށް އިނގިލި ދިއްކުރެވޭކަށް ނެތް ކަމަށާއި ހަގީގީ ވަގުންނަކީ ކޮބައިކަން ދެނެގަންނަން ބޮޑު މުބާރާތެއް މިހާރު ބާއްވަން ޖެހިއްޖެ ކަމަށެވެ. އޭނާ ވިދާޅުވީ އެމްޑީޕީ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ހިންގާފައިވާ ބޮޑެތި ހިޔާނާތްތައް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ފެންނަން އެބަހުރި ކަމަށެވެ.

ފެރީގެ ނިޒާމު ގާއިމް ކުރުމަށް އެމްޑީޕީގެ ސަރުކާރުން ކޮށްފައި ހުރި މުއާމަލާތްތަކަކީ، ވަކި ބަޔަކަށް ވަރަށް ބޮޑަށް ފައިދާވާ މުއާމަލާތްތަކެއްކަން ފާހަގަ ކުރައްވައި ސައީދު ވިދާޅުވީ، އެންމެ 14 ފެރީ ދުއްވުމަށް ޓަކައި، 14 ރިސޯޓް ހެދުމަށް އެތައް ފަޅުރަށެއް ދޫކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން އެންމެ އަށް ރަށަށް ބެލި ނަމަވެސް އެކަމުގެ ސަބަބުން ދައުލަތަށް 140 މިލިއަން ޑޮލަރުގެ ގެއްލުންވެފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ. އަދި އެއީ މުޅި އާބާދީގެ ނިސްބަތަށް ބަލާ އިރު ބޮލަކަށް، 5،500 ރުފިޔާ ޖެހޭ ވަރުގެ އަދަދެއް ކަމަށް ސައީދު ވިދާޅުވި އެވެ. އެހެން ނަމަވެސް އެއްވެސް ފެރީގެ ނިޒާމެއް ކާމިޔާބު ކަމާ އެކު ރައްޔިތުންނަށް ފައިދާއެއްވާ ގޮތަށް ހިންގިފައި ނެތް ކަމަށާއި އެ ހިދުމަތް ނުދީ އެފަދަ ރަށްރަށުގައި ރިސޯޓް ހަދައިގެން ބައެއް ފަރާތްތަކުން ފައިދާ ނަގަމުން އަންނަ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

"... ވަގުންގެ ވާހަކަ އަޅުގަނޑުމެންނާ ދިމާލަށް އިނގިލި ދިއްކޮށްފާ މި އޮތް ތަރައްގީތައް ލޯމަތިން ފެންނަމުން ދަނިކޮށް ދައްކަން ފެށީމާ އަޅުގަނޑުމެން ހަގީގަތުގަ ވެސް ހަގީގީ ވަގުންނަކީ ކޮބައިކަން މި ވަނީ ބަލަން ޖެހިފައި،" ސައީދު ވިދާޅުވި އެވެ. ""މިނިސްޓްރީ އޮފް ފިނޭންސްގައި އެބަ ހުރި އެނގެން ހަގީގީ ވަގުންނަކީ ކޮބައިކަން. އެހެންވެ، 2018 ގެ ކުރިން އަޅުގަނޑުމެން ހާމަ ކުރާނަން ކޮބައިކަން ހަގީގީ ވަގުންނަކީ. މިއީ ރައްޔިތުންނަށް މިހާރު އެގެން ޖެހިއްޖެ ކަމެއް،"

ސައީދު ވިދާޅުވީ ރާއްޖޭގެ ހަތް ސަރަހައްދެއްގައި ފެރީގެ ނިޒާމު ގާއިމް ކޮށް މި ސަރުކާރުން ނިންމާލީ އަމިއްލަ ބަޔަކަށް ބައި ލާރިއެއް ވެސް ނުދީ ކަމަށާއި އެ ހިދުމަތް ކުރިއަށް އޮތްތަނުގައި ވެސް ތަރައްގީ ކުރަމުން ދާނެ ކަމަށެވެ. އޭނާ ވިދާޅުވީ އޭރުގެ ސަރުކާރުން ރަށްތައް ދޫކޮށްގެން ގާއިމް ކުރި ފެރީ ނިޒާމުތައް ހުރީ ނަމަކަށް ކަމެއް ކުރާ ގޮތަށް ކޮށްފައި ކަމަށެވެ. އައްޑޫއަށް ބަލާއިރު ބަސްތަކުގައި އޭސީއެއް ފައްކާއެއް ވެސް ނެތް އިރު އަރާމު ގޮޑިތަކެއް ވެސް އެ ބަސްތަކުގައި ނެތް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ. މީގެ އިތުރަށް ފެރީތަކުގެ އިންޖީނު ދިރުބާ ކޮޅުގައި ހުރި އިރު އެތަކެތި ދުވަނީ ފަހަތަށް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

"މި ހުރިހާ ޗެލެންޖްތަކެއް ހުއްޓާ އަޅުގަނޑުމެން އެ ކަންކަން އިސްލާހުކޮށް އިރާދަ ކުރެއްވިއްޔާ ހަތް ސަރަހައްދުގައި ދަތުރުފަތުރުގެ ނިޒާމު ގާއިމް މި ކުރީ. ދައުލަތަށް އެންމެ ލާރިއެއް ވެސް ބައި ސެންޓް ވެސް ނުގެއްލޭ ގޮތަށް މިކަން މި ކުރީ. އެހެން ވީމާ ރައީސް ޔާމީންގެ ތަސައްވަރު އެބަ ފެނިގެން އެބަދޭ. އަޅުގަނޑުމެން ނޫންކަން ވަގުންނަކީ އެނގިގެން މިދަނީ،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދުނިޔޭގެ އޮޔެވަރު މިހާރު ހުރި ގޮތުން ރާއްޖެ ދަތުރުކުރަން ޖެހެނީ ވަރަށް ގަދަ ކަނޑެއްގައި ކަމަށެވެ. އަދި ތަރައްގީގެ ދުވެލި ވެސް އެ ހުރިހާ ކަމަކަށް ވުރެ ބާރަށް ކުރިއަށް ގެންދިޔުމަށް ރައީސްގެ ވިސްނުންފުޅު ހުރި ކަމަށް ވެސް ސައީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރާއްޖެއިން ބޭރުގައި އަރާމު ކުރަމުން މި ރާއްޖެއަށް ގެއްލުން ދެމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް އެ މަސައްކަތް ކާމިޔާބު ނުވެ، ރާއްޖެ ދަނީ ބައިނަލްއަގުވާމީ މުޖުތަމައުގައި ވެސް ކުރިއަށް ކަމަށް ސައީދު ވިދާޅުވި އެވެ.