ފާއިތުވި ހައެއްކަ އަހަރު ރާއްޖެއަކީ އަބަދުވެސް ނުރައްކާތެރި ކުށްތަކުގެ ރޭޓް މަތީގައި އުޅޭ ގައުމެކެވެ. ގޭންގްތަކުގައި މެދުގައި ހިންގާ މާރާމާރީތަކާއި ސިޔާސީ ބޭނުންތަކުގައި އެއް ބަޔަކު އަނެއް ބަޔަކަށް ދޭ ހަމަލާތަކާއި ޒާތީ މައްސަލަތަކާ ގުޅިގެން ހިންގާ ކުށްތައް ވެސް ހިމެނޭގޮތުން ބޮޑެތި ކުށްތައް ދަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. އެކަމަށް ހައްލެއް ގެންނަން ބައެއް މުއައްސަސާތަކުން އެކި މަސައްކަތްތައް ކުރި ނަމަވެސް އެކަން އޮތީ އެހެނެވެ.
ތަހުގީގު އަވަހަށް ނިންމަން މަސައްކަތް ކުރުމާއި ދައުވާ އުފުލުމުގެ މަރުހަލާ އަވަސް ކުރަން ވެސް މަސައްކަތް ކުރެއެވެ. އެ ނިޒާމުގެ ދަށުން ބައެއް ބޮޑެތި މައްސަލަތައް އަވަހަށް ޝަރީއަތަށް ވެސް ފޮނުވަ އެވެ. ފުރަތަމަ ދުވަސްކޮޅު ކޯޓުތަކުން ވެސް ވަރަށް އަވަސް އަވަހަށް އެ ޝަރީއަތް ބާއްވަ އެވެ. ނަމަވެސް މަހެއްހާ ދުވަސް ފަހުން ދެން އެ މައްސަލައެއް އޮންނަނީ "ވާނުވާ" އެއްގެ ތެރޭގަ އެވެ. އެންމެ އަޑުއެހުމެއް ނުބައްވާ އަހަރެއްހާ ދުވަސް ވެދާނެ އެވެ. އޭގެފަހުން އަޑުއެހުން ބާއްވަން ތާވަލްކުރީ ދުވަހަކު އަޑުއެހުން ކެންސަލް ވެދާނެ އެވެ. މިގޮތަށް ގޮސް އެފަދަ އެންމެ މައްސަލައެއް ނިންމަން ވެސް އަހަރުތަކަކަށް ދިގު ދެމިގެންދެ އެވެ. މިއީ ބޮޑެތި ކުށުގެ މައްސަލަތަކުގެ ޝަރީއަތްތައް ރާއްޖޭގައި އާންމުކޮށް ހިނގާ ގޮތެވެ.
ނުރައްކާތެރި ބޮޑެތި ގޭންގް ކުށްތަކާއި މީހުން މެރުމުގެ މައްސަލަތަކުގެ ގޮތުގައި ވިއްސަކަށް މައްސަލަ އެކި މަރުހަލާގެ ކޯޓުތަކުގައި އޮތްއިރު އެކަށީގެންވާ ބާރު މިނެއްގައި ކުރިއަށް ދަނީ މަދު މައްސަލައެކެވެ. މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ހިންގާފައިވާ ބޮޑެތި ބައެއް މަރުގެ މައްސަލަތައް ވެސް ނުނިމި އެބަހުއްޓެވެ. ބައެއް މައްސަލަތަކުގެ އަޑުއެހުންތައް ނިމި، ހުކުމް ކުރުމާ ހިސާބުގައި އޮންނަތާ ވެސް ދެ ތިން އަހަރުވެފައި އެބަހުއްޓެވެ.
ތަހުގީގު ކުރުމާއި ދައުވާ އުފުލުމުގެ މަރުހަލާގެ ލަސްވާ ކަމަށް ބުނުމުގެ ޖާގައެއް ނެތެވެ. ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވެސް ބޮޑެތި މައްސަލަތައް އެކަށީގެންވާ އަވަސް މުއްދަތެއްގައި ކޯޓުތަކަށް ދަނީ ހުށަހަޅަމުންނެވެ. އެފަދަ މައްސަލަތައް އަވަހަށް ހުށަހަޅަން އެ މުއައްސަސާތަކުގައި ޚާއްސަ އުސޫލުތަކެއް ވެސް ގާއިމްކޮށްފައިވީ ނަމަވެސް ކޯޓަށް މައްސަލަ ހުށަހެޅުމުން އެފަދަ އަވަހަށް މައްސަލަ ނިންމާނެ ނިޒާމެއް ކޯޓުތަކުން ގާއިމްކޮށްފައެއް ނެތެވެ.
ވަކި ވަކި ކޯޓުތަކަށް ބަލާއިރު ކްރިމިނަލް ކޯޓުގައި އެކަނިވެސް މަރުގެ 10 މައްސަލައަށް ވުރެ ގިނަ މައްސަލަ މިހާރު އޮތްއިރު އޭގެ ތެރެއިން އެއްވެސް ވަރަކަށް ކުރިއަށް ނުދާތާ ދެތިން އަހަރުވެފައިވާ މައްސަލަތައް ވެސް އެބަހުއްޓެވެ. ހައި ކޯޓުގައި މަރުގެ ހަ މައްސަލައެއް އޮތްއިރު ގިނަ މައްސަލަތައް ހުރިއިރު ހުކުމާ ހިސާބުގައި ހުރި މައްސަލަތައް މިހާރު އެބަހުއްޓެވެ. ޖުވެނައިލް ކޯޓުގައި މަރުގެ ދެ ތިން މައްސަލައެއް މިހާރު އޮތްއިރު އެ ކޯޓުގައި މައްސަލަތައް އެހާ ލަސްވާ ކަމަކަށް ނުބުނެވޭނެ އެވެ. އެ ކޯޓަކީ އެހެން ކޯޓުތަކަށް ވުރެ މަދުން މައްސަލަ ހުށަހެޅޭ ކޯޓަކަށް ވާތީ އެހެން ކޯޓުތަކާ އަޅާ ބަލާއިރު އެ ތަފާތު ފެންނަނީ ކަމަށް ބުނެވިދާނެ އެވެ.
ކޯޓުތަކުން އަމަލުކުރަމުންދާ އުސޫލަށް ބަލާއިރު ސީރިއަސް ބޮޑެތި މައްސަލަތަކުގައި ވެސް ކޯޓުތަކުން އަމަލުކުރަނީ އާދައިގެ މައްސަލަތަކުގައި އަމަލުކުރާ އުސޫލުންނޭ ބުނެވިދާނެ އެވެ. އަޑުއެހުންތައް ނުބާއްވައި ގިނަ ދުވަސްތަކެއް ވެގެން ދިއުން ފަދަ ކަންކަމުގައި އެކަން ހާމަވެ އެވެ. ނަމަވެސް އެއީ އެކަން ހިނގަންޖެހޭނެ ގޮތެއް ނޫނެވެ. މުޖްތަމައުގެ އާންމު ހަމަޖެހުމާ ގުޅިފައި ހުރި ބޮޑެތި މައްސަލަތަކާ މެދު ކޯޓުތަކުން ޚާއްސަ އުސޫލަކުން އަދި ސީރިއަސް ނަޒަރަކުން އަމަލުކުރަންޖެހޭނެ އެވެ. ކޮންމެ މައްސަލައަކާ މެދު އެ އަމަލުކުރަންޖެހޭނީ އެ މައްސަލައެއްގެ ބާވަތުންނެވެ.
ބޮޑެތި މައްސަލަތައް ލަސްވާ ލަސްވުމުގައި ކޯޓުތަކުގެ މައްސަލަތަކުގެ އިތުރުން ކޮންމެވެސް ވަރެއްގެ އެހެން ސަބަބުތަކެއް ވެސް އެބަހުއްޓެވެ. ހާޒިރުކުރަން ބޭނުންވާ ފަރާތްތައް ހާޒިރު ނުކުރެވުމާއި ބޭނުންވާ މުހިންމު ރިޕޯޓްތައް ލިބުމުގައި ބައެއް ފަހަރު ދަތިވުމަކީ މައްސަލަތައް ލަސްވާން ދިމާވާ ސަބަބެކެވެ. ނަމަވެސް އެއީކީ ހުރިހާ މައްސަލަތަކެއް ނުނިމި ހުރި ސަބަބެކޭ ނުބުނެވޭނެ އެވެ. އެހެނީ އަޑުއެހުންތައް ނިންމާލާފައި ހުރި ބޮޑެތި މައްސަލަތައް ވެސް ނުނިމި އަހަރުތަކެއް ވެފައިވާތީ އެވެ.
ސީރިއަސް ބޮޑެތި މައްސަލަތައް ލަސްވުމުގެ ޝަކުވާ އަންނަނީ އަނިޔާލިބޭ ފަރާތްތަކާއި އެ މީހުންގެ އާއިލާގެ ފަރާތުން އެކަންޏެއް ނޫނެވެ. އެ ޝަކުވާއަކީ ދައުވާލިބޭ ނުވަތަ ތުހުމަތު ކުރެވޭ މީހުންގެ ފަރާތުން ވެސް އަންނަ ޝަކުވާ އެކެވެ. އާންމުކޮށް އެފަދަ މައްސަލަތަކުގައި ދައުވާލިބޭ މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބައިތިއްބާއިރު މައްސަލަ ނުނިމިގެން ދެ އަހަރު ނުވަތަ ތިން އަހަރު ވަންދެން ބަންދުގައި ތިބެންޖެހުމަކީ ދައުވާލިބޭ މީހުންގެ ޝަކުވާ އެވެ. އެމީހުން އެގޮތަށް ޝަކުވާ ކުރާ ނަމަވެސް މައްސަލައިގެ ބާވަތުން މައްސަލަ ނުނިމެނީސް އެ މީހުން ދޫކޮށްލެވޭކަށް ނޯންނާނެ އެވެ. އެހެންވެ އެ މީހުންގެ ޝަކުވާތަކަށް ވެސް ނިމުމެއް ގެނެވެން އޮތީ އަވަހަށް މައްސަލަ ނިންމައިގެނެވެ.
އަވަހަށް ދައުވާ އުފުލުމާއި އަވަހަށް ޝަރީއަތް ނިމުމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގެއް ނަމަވެސް ބޮޑެތި މައްސަލަތަކުގައި އެ ހައްގު ލިބިދެވޭ ކަމަކަށް ބުނެވޭކަށް ނެތެވެ. އެތައް އަހަރެއް ވެގެންދާއިރު ސީރިއަސް ބޮޑެތި މައްސަލަތައް ނުނިމި، އެ މައްސަލަތަކުގެ މަތިން މީހުން ހަނދާން ނެތޭހާ ދުވަސްވުމަކީ ސީރިއަސް މައްސަލައެކެވެ. އަވަހަށް ދައުވާ އުފުލުމާއި އަވަހަށް ތަހުގީގު ނިމުމަކުން ނިމުނީކީ ނޫނެވެ. ޝަރީއަތްތައް ވެސް އަވަސް ވާން ޖެހެ އެވެ. އެއީ އެންމެ މުހިންމު ކަމެވެ.