ހަބަރު

ހަތަރު އަހަރުގެ ތެރޭ ހުރިހާ ޓީޗަރުން ޑިގްރީ ފެންވަރަށް

  • މީހުން ތަމްރީން ކުރުމުގެ ބޮޑު މަޝްރޫއަކަށް ވާނެ
  • ދިވެހި ޓީޗަރުން އިތުރު ކުރުމަކީ އެންމެ ބޮޑު އަމާޒު
  • ޕްރިންސިޕަލުންގެ ފެންވަރު ވެސް ރަނގަޅު ކުރާނެ

ކުރިއަށް އޮތް ހަތަރު އަހަރު ނިމޭއިރު ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ ހުރިހާ މުދައްރިސުންނަކީ ދަށް ވެގެން ޑިގްރީ ފެންވަރަށް ކިޔަވައިގެން ތިބި ބަޔަކަށް ހަދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ސްކޫލްތަކުގައި މަސައްކަތްކުރާ ދިވެހި ޕްރިންސިޕަލުންގެ އަދަދު އިތުރުކުރުމަށް ޓަކައި ސްކޫލްތަކުގެ ލީޑިން ޓީޗަރުން ތަމްރީންކުރުމަށް އެެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވާ ޕްރޮގްރާމްގެ ދެވަނަ ވޯކްޝޮޕް މާލޭގައި ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީގެ އަމާޒަކީ ރާއްޖޭގެ ސްކޫލްތަކުގެ ހިންގުން ޒަމާނީކޮށް، މުދައްރިސުންނާއި އިސްވެރިންގެ ތަޖުރިބާ އިތުރުކުރުން ކަމަށެވެ. އެގޮތުން ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުން އަންނަ ކަމަށާއި، އެ މަގްސަދުގައި މުދައްރިސުންނަށް ޑިގްރީއަށް ތަމްރީންވުމަށް ފުރުސަތުތައް ހުޅުވާލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ކިޔަވައިދޭނީ މުޅިންވެސް ޑިގްރީ ފެންވަރުގެ ޓީޗަރުންނެވެ.

ދިވެހި ޕްރިންސިޕަލުން އިތުރުކުރުމަށް މެލޭޝިއާގެ ޔުނިޓާ ޔުނިވަސިޓީއާ ގުޅިގެން މިހާރު ކުރިއަށްގެންދާ ޕްރޮގްރާމާ ބެހޭގޮތުން މިނިސްޓަރު ވިދާޅުވީ، މީހުންނާ ގުޅިގެން އުޅުމާއި މީހުންނާ ގުޅިގެން ހިންގުމުގެ ދާއިރާގައި ކާމިޔާބުކަމާއެކު ކުރިއަށްދިއުމުގެ ހުނަރަކީ ސްކޫލްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުންގެ ކޮންމެހެން ހުންނަން ޖެހޭ ހުނަރެއް ކަމަށެވެ. ހާއްސަކޮށް ސްކޫލުގައި މަސައްކަތްކުރާ އިސްވެރިންނަކީ ދަރިވަރުންނާ ގުޅިގެން ކުދިންނަށް އެކަށީގެންވާ ހެޔޮ ބަދަލުތަކެއް ގެނެވޭ ފެންވަރުގެ މީހުންނަށް ވާން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސްކޫލްތަކުގެ ފެންވަރު އިތުރުކުރުމަށް މިނިސްޓްރީން ކުރަމުންދާ ބައެއް މަސައްކަތްތަކަށް އިޝާރާތްކުރައްވާ މިނިސްޓަރު ވިދާޅުވީ، 3000 ޓީޗަރުން ތަމްރީން ކުރުމަށް ބާއްވަން ރާވާފައިވާ ވޯކްޝޮޕްތައް ވެސް މާދަމާ ފަށާނެ ކަމަށެވެ.

".. މީގެ އިތުރުން ވެސް ޕްރިންސިޕަލުންނަށް އަމާޒުކޮށްގެން އަޅުގަނޑުމެން ފެށި ޕްރޮގްރާމެއް، ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް މެލޭޝިއާއަށް ގޮސް އެ ތަނުގެ ސްކޫލްތައް ހިންގާ ގޮތްތައް ބަލާލައި، އެތަންތަނުގައި އަމަލުކުރާ އުސޫލުތައް ދިރާސާ ކުރުމުގެ ޕްރޮގްރާމަކީ ވެސް. އިރާދަކުރެއްވިއްޔާ މިއަހަރު ނިމެންވާއިރަށް 100 ޕްރިންސިޕަލަކަށް އެ ފުރުސަތު ވެސް ލިބިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ލީޑިން ޓީޗަރުން ޕްރިންސިޕަލުން ފެންވަރަށް ތަމްރީން ކުރުމަށް، ދެކުނުގެ ބައެއް އަތޮޅު ހިމަނައިގެން މިދިޔަ ހަފުތާ ފުވައްމުލަކުގައި ވަނީ ބައްދަލުވުންތަކެއް ބާއްވާފައެވެ. މިއަދު ފެށި ވޯކްޝޮޕްގައި ބައިވެރިވަނީ އުތުރުގެ ފަސް އަތޮޅަކުން 30 ބައިވެރިންނެވެ.

ރާއްޖޭގެ ސްކޫލްތަކުގައި މިހާރު މަސައްކަތްކުރާ ދިވެހި ޕްރިންސިޕަލުންގެ އިންސައްތައަކީ 46 ޕަސެންޓެވެ.