ހަބަރު

ތުރުކީގައި ތިބި ދިވެހިން ތިބީ ހެޔޮހާލުގައި: ފޮރިން މިނިސްޓްރީ

Jul 16, 2016

ރޭ ތުރުކީއަށް ގެންނަން އުޅުނު ބަޣާވާރުގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކުގައި އެ ގައުމުގައި ތިބި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުވާ ކަމަށް، ފޮރިން މިނިސްޓްރީ އިން ބުނެފި އެވެ.

ޑޮކްޓަރުންކަމާއި އެހެން ވެސް ބައެއް ދާއިރާތަކުން ކިޔެވުމަށް ދިވެހިން ތުރުކީގައި ތިބެ އެވެ. އަދި ޗުއްޓީ ހޭދަ ކުރުމަށް ވެސް ބައެއް ދިވެހިން އެ ގައުމަށްދެ އެވެ. ބަޣާވާތް ކުރަން އުޅުނު ސިފައިން އިސްތަންބޫލްއަށް ވަންނަން އޮންނަ ބައެއް މަގުތައް ބަންުދު ކުރުމުގެ ސަބަބުން އެތައް ބަޔަކު މަގުތަކުގައި ތާށިވި އެވެ. އޭގެ ތެރޭގައި ވަރަށް ގިނަ ޓޫރިސްޓުން ހިމެނެ އެވެ.

ފޮރިން މިނިސްޓްރީ އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، އެ ގައުމުގައި ތިބި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ވެފައިވާކަން މިހާތަނަށް ބެލިބެލުމުން އެނގިފައި ނެތް ކަމަށެވެ. މިނިސްޓްރީ އިން ބުނީ، ތުރުކީގެ ހާލަތު ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށެވެ. އަދި ތުރުކީގެ ހާލަތާ ގުޅޭ ކަންކަމުގައި މައުލޫމާތު ސާފު ކުރުމަށާއި ކަންކަން ރިޕޯޓް ކުރުމަށް މިނިސްޓްރީ އިން ވަނީ މިހާރު ހޮޓްލައިންއެއް ވެސް ގާއިމްކޮށްފަ އެވެ.

ބަޣާވާތް ކުރި ސިފައިން އާއި ތުރުކީ ސަރުކާރަށް ތާއީދު ކުރާ އާންމުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި، 100 އަށް ވުރެ ގިނަ މީހުން މަރުވެ، 1،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ. އަދި ބަޣާވާތް ކުރި ސިފައިން ވައިގެ އިސްތަންބޫލުގެ ބައެއް ތަންތަނަށް ހަމަލާ ވެސް ދިނެވެ. ތުރުކީގެ އަސްކަރިއްޔާގެ ސިފައިންތަކެއް ހިންގަން އުޅުނު ބަގާވާތް ނާކާމިޔާބުވުމާ އެކު، އެތައް ހާސް ސިފައިނެއް ވަނީ އެ ކުށުގައި ހައްޔަރުކޮށްފަ އެވެ.