ރިޕޯޓް

ހަކުރު ބަލީގައި އާޝިޔާގެ ދިރިއުޅުން ކަނި ވެފައި، އެހީއަކަށް އާދޭސް ކުރަނީ

ނ. ކެނދިކުޅުދޫ މިރުސްމާގޭ އާޝިޔާ މޫސާ އަކީ މީގެ ހަތް އަހަރު ކުރިން އުފާވެރި ދިރިއުޅުމެއްގެ ފޮނި ހުވަފެންތަކަކާއެކު ކުރިއަށްދާން މަސައްކަތްކުރި ޒުވާން އަންހެންކުއްޖެކެވެ. އުމުރުން އެންމެ ވިހި އަހަރުގައި މީހަކާ އިނދެގެން މާލޭގެ ހަލަބޮލި މާހައުލަށް ބަދަލުވީ ދިރިއުޅުން އާރާސްތުކޮށް އަމިއްލަ ކުޑަ އާއިލާއެއް ބިނާކުރުމުގެ ފޮނި އުންމީދާއެކު އެވެ. ނަމަވެސް އޭނާގެ ހުވަފެންތަކަށް ނަސީބު ތަންދޭ ގޮތެއް ނުވި އެވެ. ކައިވެންޏަށް މާ ގިނަ ދުވަހެއް ނުވަނީސް، ބަލިވެގެން ޑޮކްޓަރަށް ދެއްކުމުން ހައްދަން ދިން ޓެސްޓަކުން ލިބުނީ ހިތާމަވެރި ހަބަރެކެވެ. އުމުރުން ހަނގު އާޝިޔާ ޕޮޒިޓިވް ވީ ހަކުރު ބަލީގެ ނުރައްކާތެރި ވައްތަރެއް ކަމަށްވާ "ޓައިޕް ވަން ޑައިބެޓީސް" އަށެވެ.

ހަށިގަނޑުގެ އެކި ގުނަވަންތަކުގެ މަސައްކަތުގައި އަވަދިނެތި ހަރަކާތްތެރިވާ ސެލްތަކަށް ބޭނުންވާ ގުލްކޯޒް އުފެއްދުމުގައި މުހިއްމު ރޯލެއް އަދާކުރާ އިންސިއުލިން ހޯމޯން، ހަށިގަނޑުގައި އުފައްދާ މިންވަރު މަދުވުމުން، ނުވަތަ އުފެއްދުން މުޅިން ހުއްޓާލުމުން ޖެހޭ ޑައިބެޓީސް ޓައިޕް ވަން އަށް އާޝިޔާ ޕޮޒިޓިވް ވުމުން، އޭނާއަށް ފަރުވާ ދިނުމުގައި އާއިލާ އަތުކުރި އޮޅާލި އެވެ. އެކަމުގައި އެންމެ ބޮޑު މަސައްކަތެއް އަދި ފިކުރެއް ވެސް ކުރަން ޖެހުނީ މިއަދާ ހަމަޔަށް ވެސް އާޝިޔާއަށް އަޅާލައި އޭނާގެ ވޭނުގައި އެއްވަރަކަށް ބައިވެރިވާ މަންމަ ސަލްމާ އަށެވެ.

ގަވާއިދުން މާލެއިން ކުރަމުން އައި ފަރުވާއާއި ދެ ފަހަރެއްގެ މަތިން އިންޑިއާ އަށް ގޮސްގެން ކުރި ފަރުވާއިންވެސް އާޝިޔާގެ ހަށިގަނޑަށް ލިބުނު ރާހަތެއް ނެތް ފަދަ އެވެ. ދުވަހެއް ދުވަހަކަށް މީހާ އަނަރޫފަ ވަމުން ގޮސް ހަތް އަހަރު ފަހުން އާޝިޔާ އެވަނީ ތެދުވެ ނޫޅެވޭ ވަރަށް ހަށިގަނޑު ހިކި އަނަރޫފަ ވެފަ އެވެ. ހަރު ކާއެއްޗެއް އުނދަގުލުންވެސް ނުކެވޭތާ ދުވަސްތަކެއް ވެފައެވެ. އޭނާގެ ހަށިގަނޑުން ފެންނަނީ ނިކަމެތި ކަމެވެ.

"މިހާރު އެ އޮތީ ކަށިކޮޅަކަށް ވެފަ، ކަށިކޮޅެކޭ ބުންޏަސް ބަޔަކަށް ގަބޫލުވެސް ނުކުރެވޭހާ އަނަރޫފަ ވެއްޖެ. މިދިޔަ ހަފުތާ އޭޑީކޭން ދޫކުރީ، މިހާރު ރަށުގަ. ކާއެއްޗެއް ކެވެނީކީ ނޫން. އަމިއްލަޔަށް އިންސިއުލިން އިންޖެކްޝަން ވެސް ޖަހާލެވޭ ވަރެއް ހުންނަނީ ހަމަ ހޭގައި އޮންނަ ވަގުތެއްގަ އެކަނި. އެނޫން ނަމަ ސިއްހީ މަރުކަޒުން ނަރުހަކު ގެންނަނީ،" އާޝިޔާގެ ކަންކަމުގައި ވަރުބަލިކަމެއްނެތި އެހީތެރިވާ މަންމަ ސަލްމާ ކިޔައިދިނެވެ. ސަލްމާއްތަ ބުނި ގޮތުގައި އާޝިއާ އަށް މިހާރު ދިޔާއެއްޗެއް ނޫން އެހެން އެއްވެސް އެއްޗެއް ނުކެވޭތާ ދުވަސްތަކެއް ވެދާނެ އެވެ.

"މިހާރު އަހަރެއް މިވަނީ އެފަކީރު އޮތްތަނުން ތެދު ނުވެވި މިހާލެއްގަ އުޅޭތާ. 20 އަހަރު ވުމުގެ ކުރިން [މީގެ ހަތް އަހަރު ކުރިން] ދަރިފުޅަކީ ނުލާހިކު މުރަނަ ކޮށް އުޅުނު ކުއްޖެއް. ވަޒީފާވެސް އަދާކުރި. މަސައްކަތް ވެސް ކުރި. އެކަމަކު މިހާރު ދިރިއޮތްކަން އެކަނި، އެހެން އޮންނަ އިރު އޭނަ ހަކުރު މަތިވާކަން އަޅުގަނޑަށް އެނގެނީ މާ ފުންކޮށް ނޭވާލާން ފެށީމަ،" ސަލްމާއްތަ އާޝިޔާގެ ވާހަކަ އަވަސްއާ ހިއްސާކުރި އެވެ.

އާޝިއާ މިހާރު އެވަނީ ހަމައެކަނި އިންސިއުލިން އިންޖެކްޝަނަކުން ފުއްދާލެވޭވަރަށްވުރެ މާ ނުރައްކާ ހާލަތެއްގައެވެ. އަށް އަންހެންކުދިން ހިމެނޭ އާއިލާއަކަށް ނިސްބަތްވާ އާޝިއާ އަށް މިހާތަނަށް ވެސް އެހީތެރިވެދެމުން އައީ އާއިލާއިންނެވެ. ދެ ފަހަރު މަތިން އިންޑިއާއަށް ދިޔައީވެސް އާއިލާގެ އެކި މެންބަރުންގެ އޯގާތެރިކަމާ އެހީތެރިކަމާއެކުގައި ކަމަށް ސަލްމާއްތަ ބުންޏެވެ. އަބަދު ބަލިއެނދުގައި އޮންނަން ޖެހުމުގެ ސަބަބުން އާޝިޔާއާ އޭނާގެ ފިރިމީހާ ވެސް ވަކިވީ އެވެ. މިހާރު އޭނާ އަކީ ބަލި އެދުގައި އެކަމުގައި

"އާއިލާ ވަރަށް ރަނގަޅު، އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭން އޮންނަނީ ތައްޔާރަށް. އެކަމަކު އަޅުގަނޑުމެންނަކީ ވަރަށް ލިބޭ ބައެއް ނޫން. ރޯދަ މަހުގެ ފަހު ރޯދަތައްވެސް މާލޭގަ ހޭދަކުރީ އާޝިއާ އޭޑީކޭގައި އެޑްމިޓް ކޮށްގެން. އެމީހުން ދޫކުރާކަން ބޭނުމެއް ވެސް ނޫން. އެކަމަކު ރުފިޔާ ހުސްވީމަ މި އަންނަނީ. އަނެއްކާވެސް މި އުޅެނީ މާލެ ދާން. ކުއްޖާ މިހާރު އެއޮތީ ބަލަހައްޓައިގެން އިނދެވޭ ހާލަތެއްގައެއް ނޫން. އެކަމަކު ރާއްޖެއިން ބޭރުން ފަރުވާކުރަން އަނެއްކާވެސް ބޭނުންވާތީ އެހީއަށް އެދުނީ،" ސަލްމާއްތަ ބުންޏެވެ.

ސަލްމާއްތަ އެދެނީ ދަރިފުޅުގެ ފަރުވާއަށް ކުޑަ އެހީއެކެވެ. ހަކުރު ބައްޔަކީ ރާއްޖެއިން ކޮންމެހެން ބޭނުންވާ ފަރުވާ ލިބޭ ބައްޔަކަށް ވާތީ އާސަންދައިގެ ދަށުން ބޭރަށް ދެވޭނެ ފުރުސަތެއް ނެތެވެ. ނަމަވެސް 27 އަހަރުގެ އާޝިއާގެ ކުރިމަތީގައި އޭނާގެ މުޅި ދިރިއުޅުން އޮއްވާ އުންމީދު ކަނޑާލާކަށް މަންމަ ސަލްމާއްތަ ހުރީ ތައްޔާރަކަށް ނޫނެވެ. އޭނާގެ ފަރުވާއަށް މި ވަނީ ދީލަތި އެތައް ބައެއްގެ އެހީ ބޭނުންވެފަ އެވެ.

-- ނޯޓް: އާޝިއާ އަށް އެހީ ދޭން ބޭނުންވާ ފަރާތްތަކުން ގުޅުއްވާނީ؛ 9952481 ފޯން އަށް. --