ހަބަރު

ކުނީގެ މައްސަލަ ހައްލުކުރަން 100 މިލިއަން ޑޮލަރުގެ މަޝްރޫއެއް ފަށަނީ

ރާއްޖެއަށް ދިމާވެފައިވާކުނީގެ މައްސަލަތައް ހައްލުކުރުމަށް 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ)ގެ ޕްރޮޖެކްޓެއް ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

"ސާފު ދިވެހިރާއްޖެ"ގެ ނަމުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ގައުމީ މަހާސިންތާގައި ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައ ކުނި މެނޭޖު ކުރުމުގެ 100 މިލިއަން ޑޮލަރުގެ ބިޔަ ޕްރޮޖެކްޓެއް ފެށުމަށް ފަންޑު ހޯދާނީ ބޭރުގެ ބޭންކުތައް ކަމަށްވާ އޭޑީބީ، އޭއައިއައިބީ އަދި ވޯލްޑް ބޭންކުން ކަމަށެވެ. އަދި އަންނަ އަހަރު ތެރޭގައި އެ ޕްރޮޖެކްޓު ފަށާނެ ކަމަށް މުނައްވަރު ވިދާޅުވި އެވެ.

"އެންވާރަމަންޓް މިނިސްޓަރާއި އެކު އަޅުގަނޑުމެން އެބަ ރާވަން އަންނަ އަހަރު އެންމެ މުހިންމު އެއް ޕްރޮޖެކްޓަކަށް އޭޑީބީ، އޭއައިއައިބީ އަދި ވޯލްޑު ބޭންކުގެ އެހީގައި 100 މިލިއަން ޑޮލަރަށްވުރެއް ބޮޑު ޕްރޮޖެކްޓެއް އުފައްދާފައި ފަށަން. އެ ޕްރޮޖެކްޓުގެ ދަށުން އެންމެ އިސްކަމެއް ދޭނީ ތިލަފުށީގެ މައްސަލަ ހައްލު ކުރަން. މިއީ ކުނި މެނޭޖު ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މުނައްވަރުގެ ވާހަކަގައި އިތުރަށް ވިދާޅުވީ ކުނި މެނޭޖު ކުރުމަށް މިއަހަރު ބަޖެޓުގައި ވެސް 370 މިލިއަން ރުފިޔާ ކަނޑައަޅައިފަވާއިރު އެ މަސައްކަތައް ބޭރުގެ އެހީތައް ވެސް ގިނަ އަދަދަކަށް ލިބެމުން އަންނަ ކަމަށެވެ. ނަމަވެސް ގިނަ ފަހަރަށް ބޭރުން ލިބޭ އެހީތަކުންވެސް މަޝްރޫއު ތަންފީޒު ނުކުރެވެނީ އެކަމަށް ލިބެންޖެހޭ އެއްބާރުލުން އެ ރަށަކުން ނުލިބޭތީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.