ހަބަރު

ތައުލީމީ ސެޓްފިކެޓްތަކުގައި އެމްކިޔުއޭ އިން ތައްގަނޑު ޖެހުން ހުއްޓާލަނީ

Jul 17, 2016
2

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމް ދޭ ތަންތަނުން ހިންގާ ކޯސްތައް ފުރިހަމަ ކުރުމުން ދޭ ސެޓްފިކެޓްތަކުގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ޖަހަމުން އަންނަ "ރިކޮގްނިޝަން" ތައްގަނޑު ޖެހުން ހުއްޓާލަން ނިންމައިފި އެވެ. އެކަން ހުއްޓާލަން ނިންމާފައި ވަނީ، އަންނަ ސެޕްޓެމްބަރު މަހު އެކަކުން ފެށިގެންނެވެ.

އެމްކިއުއޭއިން އެގޮތަށް ނިންމީ އެ އޮތޯރިޓީ އިން ބުނި ގޮތުގައި މަތީ ތައުލީމު ދޭ ތަންތަނުން ކޯސްތައް ހިންގަން ޖެހެނީ ވެސް ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގައި ކަނޑައެޅިފައިވާ ގިންތިތަކަށް ފެތޭގޮތަށް ތައްޔާރުކޮށް، އެ އޮތޯރިޓީގެ ހުއްދަ ހޯދައިގެން ކަމަށް ވާތީ އެވެ. މީގެ އިތުރުން ޕްރޮގްރާމް ނިންމާ ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކުރަނީ ވެސް އެ ޕްރޮގްރާމް ހިންގި ގޮތް ބަލައި އެމްކިއުއޭއިން ހުއްދަދިނުމަށް ފަހު އެވެ.

ސިވިލް ސާވިސް ވަޒީފާއަށް އެދޭއިރު ހުށަހަޅާ ތައުލީމީ ސެޓްފިކެޓްތަކުގައި އެމްކިއުއޭ އިން ތައްގަނޑު ޖަހަން ޖެހޭތީ، މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތައް ހައްލުކުރަން އެމްކިއުއޭ އާއި ސިވިލްސާވިސް ކޮމިޝަން އާ ދެމެދު މިއަދުވަނީ އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފަ އެވެ.

މި އެއްބަސްވުމުގައި ވާގޮތުން މިކަމުގެ ސަބަބުން ދިމާވާ ދަތިތަކަށް އެމްކިއުއޭ އިން ސީއެސްސީއަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. މަތީ ތައުލީމް ދޭ ތަންތަނުގައި ހިންގަން އެމްކިއުއޭއިން ހުއްދަ ދީފައިވާ ކޯސްތަކުގެ މައުލޫމާތު އެ އޮތޯރިޓީގެ ވެބްސައިޓުގައި އާންމުކޮށް އިއުލާންކޮށްފައިވެ އެވެ.