ހަބަރު

ސައުދީ އިން ރާއްޖެއަށް ހެޔޮ އަގުގައި ތެޔޮ ވިއްކަނީ

Jul 17, 2016
2
  • މިހާރު ކުރިއަށް ދަނީ ފަހުގެ ތައްޔާރީތައް
  • އެސްޓީއޯއިން ތެޔޮ އެތެރެ ކުރާނީ ސީދާ ސައުދީއިން
  • ތެލުގެ އަގު ހެޔޮއަގެއްގައި ހިފެހެއްޓޭނެ

ސައުދީއިން ރާއްޖެއަށް ހެޔޮ އަގުގައި ތެޔޮ ވިއްކުމަށް އެއްބަސްވުންތަކަކަށް އާދެވި، އެ ގައުމުން ތެޔޮ ގަތުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ފަށާފައިވާ ކަމަށް، އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ތެލުގެ އަގު ހެޔޮ ކުރުމަށް ޓަކައި ސައުދީ އިން ސާފު ނުކުރާ ތެޔޮ ގަނެ، އެ ތެޔޮ ސާފުކޮށްގެން ރާއްޖޭގައި ވިއްކުމުގެ މަޝްވަރާތަކެއް، ސައުދީގެ މައި ތެޔޮ ކުންފުނި، އަރަމްކޯއާ އެކު ރާއްޖެއިން ކޮށްފައިވެ އެވެ.

ގައުމީ ޓީވީ، ޓީވީއެމް އަށް ދެއްވި އިންޓަވިއުއެއްގައި ފިޝަރީޒް މިނިސްޓަރުކަން ވެސް ކުރައްވާ ޝައިނީ ވިދާޅުވީ، މިހާރު މަޝްވަރާ ކުރެވިފައި ވަނީ ސާފުކޮށްފައި ހުންނަ ތެޔޮ ސީދާ ސައުދީ އަރަބިއްޔާއިން ގަތުމަށް ކަމަށެވެ. އަދި އެ ތެޔޮ ރާއްޖެއަށް ވިއްކާނީ ހެޔޮ އަގުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރުން އެގޮތަށް ނިންމީ، ބާޒާރުގައި ތެޔޮ ލިބެން ހުރި އަގުތަކަށް އައި ބަދަލާ ގުޅިގެން ސައޫދީގައި ރައްކާކޮށްފައިވާ ތެލުގެ މިންވަރު ގިނަވެ، ސާފު ނުކުރާ ތެލުގެ އަގުދަށްވެފައި ވާތީ އެވެ.

"މިއީ ރާއްޖެއަށް އެންމެ ފައިދާ ބޮޑު ގޮތް ކަމަށް ބަލައިގެން އަޅުގަނޑުމެން އެގޮތަށް މި މަޝްވަރާތައް މި ކުރަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޝްވަރާތަކަށް ފަހު މިހާރު ކުރިއަށް ދަނީ، ސައުދީ އިން ރާއްޖެއަށް ތެޔޮ އެތެރެ ކުރުމަށް ޓަކައި އެސްޓީއޯ އެ ގައުމުގައި ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި އެ މަސައްކަތް ނިމުމުން ތެޔޮ އެތެރެ ކުރުމުގެ މަސައްކަތްތައް ފަށައިގަނެވޭނެ ކަމަށް ވިދާޅުވި އެވެ. އެހެން ނަމަވެސް އެ މަސައްކަތަށް އަދި ނަގާނެ މުއްދަތެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.

ސީދާ ސައުދީ އިން ރާއްޖެއަށް ތެޔޮ އެތެރެ ކުރަން ފެށުމުން މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު ތެޔޮ ގަންނަ އަގަށް ވުރެ މާ ހެޔޮކޮށް އެސްޓީއަށް ތެޔޮ ލިބޭނެ އެވެ. އޭގެ ސަބަބުން ރާއްޖޭގެ ބާޒާރުގައި އެސްޓީއޯއަށް ހެޔޮ އަގެއްގައި ތެޔޮ ވިއްކޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ތެލުގެ އަގު ވަކި ހަމައެއްގައި ހިފެހެއްޓޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ރާއްޖެއިން ތެލަށް ކުރާ ހޭދަ ކުޑަވެގެން ދިއުމުން ގައުމުގެ ތަރައްގީގެ އެހެން ޕްރޮޖެކްޓްތަކަށް ހޭދަކުރުމުގެ ފުރުސަތު ފަހިވެގެންމި ދަނީ،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

ބާޒާރުގައި ތެޔޮފީފާއެއްގެ އަގު 50 ޑޮލަރާއި 60 ޑޮލަރާ ދެމެދުގައި ހުރި އިރު ކުރިއަށް އޮތްތަނުގައި އަނެއްކާ ވެސް ތެޔޮ އަގުބޮޑުވާނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ.