ހަބަރު

ބަޖެޓް ހަމަޖެހޭތާ ހަތަރު މަސްތެރޭ ބައޯމެޓްރިކް އައިޑީކާޑް ތައާރަފް ކުރަނީ

  • މަޝްރޫއުގެ އަގު 15 މިލިއަން ޑޮލަރު
  • މިހާރުން މިހާރަށް ކާޑް ހައްދާނީ ބޭރުން
  • ދައުލަތުން ހިދުމަތްތައް ދިނުމުގައި ފަސޭހަތަކެއް ވާނެ

ބަޔޯމެޓްރިކް އައިޑީ ކާޑް ޕްރޮޖެކްޓްއަށް ފައިނޭންސް ހޯދަން ހުށަހަޅާފައިވާ ކަމަށާއި ފައިސާ ހަމަޖެހޭތާ ހަތަރު މަސް ތެރޭގައި ރާއްްޖޭގެ ހުރިހާ ރައްޔިތުންނަށް އައިޑީ ކާޑް ހަމަޖެހިގެންދާނެ ކަމަށް ނެޝެނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން ބުނެފި އެވެ.

ސަރުކާރުގެ ފަރާތުން މައިކްރޯސޮފްޓް އާ އެކު އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ކުރުނބާ މޯލްޑިވްސް ގައި ބޭއްވި ރަސްމިއްޔާތެއްގައި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓްރު މުހައްމަދު އަޝްމަލީ ވިދާޅުވީ ބަޔޯމެޓްރިކް އައިޑީ ކާޑެއް ހެދުމަށް ދިރާސާ ކުރަން ފަށާފައިވާތާ ދޮޅު އަހަރެއްހާ ދުވަސް ވެއްޖެ ކަމަށެވެ. އެގޮތުން އެފަދަ އިލެކްޓްރޯނިކް ކާޑު ބޭނުންކުރާ ގައުމުތަކުގައި ބޭނުންކުރާ ކާޑްތައް ބަލައި އޭގެ ފީޗާސްތައް ދިރާސާ ކުރުމަށްފަހު ޕްރޮޖެކްޓަށް ބޭނުންވާ ހުރިހާ ލިޔެކިޔުމެއް ތައްޔާރުކޮށް ބަޖެޓްކޮށް ފައިސާ ހޯދުމަށް ސަރުކާރަށް މިހާރު ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ބޭނުންވާ ފައިސާ ލިބޭތާ ހަތަރު މަސް ތެރޭގައި ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ބަޔޯމެޓްރިކް އައިޑީ ކާޑެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަޝްމަލީ ވިދާޅުވީ ސަރުކާރުން ނިންމާފައިވަނީ ފައިސާ ހަމަޖެހުމުން މިހާރު ރާއްޖޭގައި ތިބި ރައްޔިތުންނަށް ބޭނުންވާ ހަތަރު ލައްކައެއްހާ އައިޑީ ކާޑު ބޭރުން ހަދައިގެން ގެނައުމަށް ކަމަށެވެ. އޭގެފަހުން ހަދަންޖެހޭ ކާޑުތައް ހެދުމަށް ރާއްޖޭގައި މެޝިނެއް ގާއިމްކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ. ބަޔޯމެޓްރިކް ކާޑް މަޝްރޫއަށް ޖުމްލަ 15 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭ ކަމަށް އަޝްމަލީ ވިދާޅުވި އެވެ.

"އައިޑީ ކާޑު ބޭރުން ގަނޑުކޮށް ހެއްދުމުން ރާއްޖެއަށް ކާޑްތައް ލިބޭނީ އާންމުކޮށް ގައުމުތަކަށް ލިބޭ އަގަށްވުރެ 40 ޕަސަންޓު ކުޑަކޮށް،" އަޝްމަލީ ވިދާޅުވި އެވެ.

ޕްރޮޖެކްޓަށް ބޭނުންވާ ބަޖެޓް ލިބުމާއެކު ބަޔޯމެޓްރިކް އައިޑީ ކާޑުތައް ތައާރަފްކުރާއިރު މިހާރު އެކަމަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތަކެއް ފުރިހަމަ ކޮށް ހަދަންޖެހޭ ޕްލޭންތައް ވަނީ ހަދާ ނިންމާފަ އެވެ.

ބަޔޯމެޓްރިކް ކާޑް ތައާރަފް ކުރުމުން އެ ކާޑްގެ ވެރިމީހާގެ މުހިންމު މައުލޫމާތުތައް ރައްކާ ކޮށްފައި ހުންނާނީ އެ ކާޑުގައި ހުންނަ ޗިޕެއްގަ އެވެ. އަދި ކާޑް ސްކޭން ކޮށްގެން އެ މީހާގެ ހުރިހާ މައުލޫމާތުތަކެއް ހޯދުމުގެ ފުރުސަތު އަދި ސަރުކާރުގެ އޮފީސްތަކުގެ އެކި ހިދުމަތްތައް އޮންލައިންކޮށް ލިބޭނެ އިންތިޒާމުތައް ވެސް ހަމަޖައްސާނެ އެވެ.