ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑުތައް އިލެކްޓްރޯނިކް ނިޒާމަކުން ބެލޭނެ ގޮތް ހެދުމަށް، އޮފީސްތަކުގައި ކަރުދާހުގައި ރައްކާކުރާ ލިޔެކިޔުންތައް ސްކޭންކުރުމަށް ރޮބޮޓިކް ސްކޭނަރެއް ގެންނަން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ރާއްޖޭގެ ގައުމީ އަރުޝީފާއެކު މިއަދު އެ މަސައްކަތް ކުރުމަށް ސޮއިކޮށްފައިވަނީ ބޭރުގެ ކުންފުންޏެއް ކަމަށްވާ ސަންޖޭ ޕްރައިވެޓް ލިމިޓެޑާއެވެ. ނެޝަނަލް ސެންޓާ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އާ ގުޅިގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ އެއްބަސްވުމުގައި މިއަދު ކުރުނބާ މޯލްޑިވްސް ގައި ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކުރެއްވީ، ގައުމީ އަރިޝީފުގެ ފަރާތުން ޑިރެކްޓާ ޖެނަރަލް މުހައްމަދު ޝާތިރެވެ. ސަންޖޭ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ޑިރެކްޓާ ތޯރިގް ޝަނޫނެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މުހައްމަދު ޝާތިރު ވިދާޅުވީ، މަޝްރޫއުގެ ދަށުން ރާއްޖެއަށް އަލަށް އެންމެ ފަހުގެ ޒަމާނީ ރޮބޮޓިކް ސްކޭނަރެއް ފުރަތަމަ ފަހަރަށް ގެނެވި، ސަރުކާރުގެ މުއައްސަސާތަކުގެ މެދުގައި ވާދަވެރިކަމާއެކު ލިޔެކިޔުންތައް ސްކޭންކޮށް ޑިޖިޓަލް އާކައިވެއްގައި ރައްކާކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.
ރާއްޖެއަށް ގެންނަ ރޮބޮޓިކް ސްކޭނަރުން ގަޑި އިރެއްގެ ތެރޭގައި 2،500 ޕޭޖުގެ ފޮތެއް ސްކޭންވާނެ އެވެ.
ޝާތިރު ވިދާޅުވީ، ރޮބޮޓިކް ސްކޭނަރު ގެނެސް ފުރަތަމަ މަސައްކަތް ކުރާނީ ސަރުކާރުގެ އޮފީސްތަކުގެ ތެރެއިން އެންމެ ގިނައި ލިޔެކިޔުންތައް ރައްކާކޮށް ބޭނުންކުރާ އިދާރާތަކާއި މުއައްސަސާތަކަށް އިސްކަންދީގެން ކަމަށެވެ.
އޮފީސްތަކުގެ ލިޔެކިޔުންތައް ޑިޖިޓަލް އާކައިވްއަކަށް ބަދަލުކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގައި ގައުމީ އަރުޝީފުގެ ބެލުމުގެ ދަށުގައި ހުރި ދައުލަތުގެ ކުރީގެ ލިޔުންތަކާއި ފަތްކޮޅުތަކާއި ރިކޯޑުތައް ޑިޖިޓަލްކުރުން ހިމެނެއެވެ. މުއައްސަސާތަކާއި ކުންފުނިތަކުގެ ލިޔެކިޔުންތަކުގެ ތެރެއިން ރައްކާކުރަންޖެހޭ ލިޔުންތައް ސްކޭންކޮށް އާކައިވްކުރާނީ ދެވަނަ ފިޔަވަހީގެ ދަށުންނެވެ. އެންމެ ރަނގަޅަށް އެ މަސައްކަތް ކުރާ ފަރާތަކަށް އިނާމެއް ދިނުމަށްވެސް ގައުމީ އަރިޝީފުގެ ފަރާތުން ވަނީ ނިންމާފަ އެވެ.
ނެޝަނަލް އާކައިވްސް އޮފް މޯލްޑިވްސް އަކީ ދައިލަތުގެ ރަސްމީ ލިޔެކިޔުންތައް ވިލަރެސްކޮށް، ރައްކާތެރިކޮށް ބެލެހެއްޓުމުގެ ޒިންމާ ގާނޫނީ ގޮތުން ހަވާލުކޮށްފައިވާ ފަރާތެވެ. އެފަރާތުން މިހާރު ދަނީ އިމިގްރޭޝަން އާ ގުޅިގެން ޕާސްޕޯޓް ސްކޭންކުރުމުގެ ޕްރޮޖެކްޓެއްވެސް ފަށައިގެން މަސައްކަތް ކުރަމުންނެވެ.