ރިޕޯޓް

ގްރީން ޓެކުހާ އެކު މިކަންކަން ބަދަލުވާން ޖެހޭ

Jul 18, 2016
  • ގްރީން ޓެކްސް ހަރަދު ކުރާގޮތް އެނގެން ޖެހޭ
  • އެ ޓެކުހާ އެކު ތިލަފުށީގެ މައްސަލަ ހައްލު ކުރުމަކީ ވައުދެއް
  • މައްސަލަތައް ހައްލު ކުރަން ކުރާ ހަރަދު އެތައް ގުނައެއް އިތުރު

މުޅި ރަށުގެ މަލަމަތި އޮތީ ބޯ ދުމުން ބައްދާލައިފަ އެވެ. ފެތުރިފައި އޮތް ދުންގަނޑުގެ ބޯ ކަމުން ނޭވާލާން އުނދަގޫވެ ދިޔައީ ކޮށިއަރަމުންނެވެ. ވަށައިގެން މުޅި މޫދުގައި އޮތީ ތަފާތު ޒާތްޒާތުގެ ކުނި ބުންޏެވެ. އެ ދުންތަކާއި ވަށައިގެން އެނބުރެމުން ދިޔަ ކުނިތަކުގެ ތެރެއިން ރަށެއްގެ މަލަމަތި، ވަރަށް ފުސްކޮށް ފެނެ އެވެ، އެ ވެދެވެނީ މާލެ އާއި ރާއްޖޭގެ އެތައް ސަރަހައްދަކުން ކުނި ޖަމާކުރަމުން އަންނަ، ތިލަފުށްޓަށެވެ. ގާތްގަނޑަކަށް މުޅިން ވެސް ކުނި ބޭނުންކޮށްގެން ހިއްކާފައިވާ އެ ރަށުގެ ހާލަތުގެ ވާހަކަ އެއްވެސް މީހަކަށް އަލެއް ނުވާނެ އެވެ. އެ ރަށުގައި ކުނި އެންދުމުގެ ސަބަބުން އަރާ ވިހާ ދުމާއި ކުނިތައް މޫދަށް އެޅިގެން ގޮސް މޫދު ތަޣައްޔަރުވުމުގެ ޝަކުވާ އިންތިހާއަށް ބޮޑެވެ. އެ ޝަކުވާ އެންމެ ބޮޑަށް ކުރަނީ ޓޫރިޒަމްގެ ދާއިރާއިންނެވެ. ތިލަފުށްޓަކީ ރާއްޖޭގެ ޓޫރިޒަމަށް ކުރިމަތިވެފައި އޮތް ޒަމާންވީ މުސީބާތެކެވެ.

އެ މައްސަލަ ހައްލުކުރުމަށް މިހާތަނަށް އަލިމަގެއް ފެނިފައެއް ނުވެ އެވެ. ހުރީ ހަމައެކަނި ވާހަކަތަކަކާއި ލިޔެ ކުރަހާފައިވާ ޕްލޭންތަކެކެވެ. މި ސަރުކާރުގެ ވާހަކަ ވެސް ވަރަށް ބޮޑެވެ. ލިޔެ، ކުރަހާފައި އޮތް ޕްލޭން އެހާމެ ފުރިހަމަވެފައި ބޮޑެވެ. ތިލަފުށި ފަދަ ޓޫރިޒަމަށް ކުރިމަތިވާ ގުދުރަތީ ގޮންޖެހުންތަކުން ސަލާމަތް ކުރުމަށް ސަރުކާރުގެ ވިސްނުން އޮތީ ގްރީން ޓެކްސުން ނެގޭ ފައިސާ އިން އެ ކަންކަމަށް ހައްލު ހޯދުމަށެވެ. މިހާރު ވެސް ގްރީން ޓެކްސްގެ ގޮތުގައި ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓެއްގެ އަތުން ހަ ޑޮލަރު ނަގަމުން އަންނަ އިރު ގެސްޓް ހައުސްތަކުގައި ތިބޭ ކޮންމެ ޓޫރިސްޓެއްގެ އަތުން ވެސް ގްރީން ޓެކުހަށް ދެ ޑޮލަރު ނެގުމަށް އޮތީ ފާސްވެފަ އެވެ. ގެސްޓް ހައުސްތައް ހިންގާ ފަރާތްތަކުގެ ކަންބޮޑުވުމަކީ، ވިޔަފާރީގެ ވިސްނުން އެއް ފަރާތް ކުރާއިރު އެ ޓެކްސް ދައްކައިގެން ޓޫރިޒަމަށް ހުރި ގޮންޖެހުންތަކަށް ފަރުވާލެއް ނުލިބުމެވެ. ހާއްސަކޮށް ކޮންމެ ރަށެއްގައި ވެސް ގެސްޓް ހައުސް ވިޔަފާރިއަށް އޮތް އެންމެ ބޮޑު ތުރާލަކީ ކުނި ނައްތާލުމުގެ ރަނގަޅު ނިޒާމެއް ނެތުމެވެ. އެ މީހުން ސުވާލު އުފައްދަނީ ގްރީން ޓެކްސް އިން މިކަމަށް ހައްލެއް ލިބިދާނެ ހެއްޔެވެ؟

"ރިސޯޓްތަކުން ގްރީން ޓެކްސް ނަގަން ފެށިފަހުން ވެސް ތިން މަސް ވެއްޖެ. އެ ޓެކްސް ނެގިއިރު ބުނި، ތިލަފުށީގެ މައްސަލަ ވެސް ހައްލުކޮށްދޭ ނަމޭ. އެކަމަކު މިހާތަނަށް އައި އިރުވެސް އެ މައްސަލަ ހައްލު ކުރަން އަމަލީ މަސައްކަތެއް ކުރާތަނެއް ނުފެނޭ. އެ ޓެކްސް މި ނަގަނީ ތިމާވެށީގެ ގޮންޖެހުންތައް ހައްލު ކުރަން. އެކަމަކު މިކަހަލަރަށްރަށުގައި އެންމެ ބޮޑު މައްސަލައަކީ ކުނި އެންދުމުން ރަށު ތެރެއަށް ދުންގަނޑު ފެތުރި ޓޫރިސްޓުންނަށް އުނދަގޫވުން. އެކަމަށް މި ގްރީން ޓެކްސް އިން ހައްލެއް ލިބެން ޖެހޭނެ،" އއ. ރަސްދޫގައި ގެސްޓް ހައުސްގެ ވިޔަފާރި ކުރާ މީހަކު ބުންޏެވެ.

މިއީ ހަގީގަތުގައި ވެސް ބޮޑު މައްސަލަ އެކެވެ. ގްރީން ޓެކްސް ނަގާ މަގްސަދު ހާސިލް ނުވުމާއި އެ ޓެކްސް އިން ނެގޭ ފައިސާ އިން ކުރާ ބޭނުން އެނގެން ޖެހުމަކީ ކޮންމެހެން ވެސް އެނގުން ލާޒިމް ކަމެކެވެ. ގްރީން ޓެކްސް ނަގަން ފެށި ފުރަތަމަ ތިން މަސް ދުވަހު ވެސް، ދައުލަތަށް 162 މިލިއަން ޑޮލަރު ލިބުނެވެ. މިހާތަނަށް 272.9 މިލިއަން ރުފިޔާ ސަރުކާރަށް ވަނީ ލިބިފަ އެވެ. އެއީ ދައުލަތަށް މިހާތަނަށް ލިބުނު އާމްދަނީގެ ހަތަރު ޕަސެންޓެވެ. އެހެން ކަމުން ގްރީން ޓެކްސް އަކީ ދައުލަތަށް ވަރުގަދަ ބޮޑު އާމްދަނީއެއް ލިބޭ އެއްޗަކަށް މި ވަނީ ބަދަލުވެފަ އެވެ. އެކަމަކު އޭގެ ސަބަބުން ކުނީގެ މައްސަލައަށް ހައްލުތަކެއް ވެސް އަންނަން އެބަ ޖެހެ އެވެ. ތިމާވެށި ހިމާޔަތް ކުރުމަށް ކުރެވޭ މަސައްކަތް އެއްގިޔަރު މަތިވެސް ވާން ޖެހެ އެވެ. އެކަމަކު އެ މަންޒަރު އެބަ ފެނޭ ހެއްޔެވެ؟

ސަރުކާރުން ބުނަނީ، ޓޫރިޒަމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކުނީގެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާއި މިނިސްޓްރީ ވެސް ގުޅިގެން އެކި ރަށްރަށުގައި ކުނި މެނޭޖް ކުރުމަށް ރީޖަނަލް ސެންޓަރުތައް އުފެއްދުމާއި މާލޭ ސަރަހައްދުގައި ހަދާ އިންޑަސްޓްރިއަލް ވިލެޖްގެ މަސައްކަތް ސަރުކާރުން ފާހަގަ ކުރެ އެވެ. އިންޑަސްޓްރިއަލް ވިލެޖަކީ ޒަމާނީ ގޮތަކަށް ކުނި ނައްތާލުމުގެ ނަމޫނާ ސަރަހައްދަކަށް ބަދަލުވާނެ ކަމަށް ސަރުކާރުން ބުނެ އެވެ. ސަރުކާރުން ބުނަނީ، ކުނި މެނޭޖް ކުރުމަށް އޮންނަ ބަޖެޓް ވެސް 30 މިލިއަން ރުފިޔާއަށް އިތުރު ކުރާނެ ކަމަށެވެ. އަދި އާ ފިނޭންސް މިނިސްޓަރު ވިދާޅުވަނީ، ކުނީގެ މައްސަލަ ހައްލު ކުރަން 100 މިލިއަން ޑޮލަރުގެ މަޝްރޫއެއް ބޭރުގެ އެހީގައި ފަށާނެ ކަމަށެވެ.

"ކުނީގެ މައްސަލަ ހައްލު ކުރަން އެހެން ސަރުކާރެއްގައި ނުކުރާ ވަރަށް މަސައްކަތް އެބަ ކުރެވޭ. ގްރީން ޓެކްސްއަށް މި ލިބިފައި ހުރި އަދަދަށް ވުރެ މާ ބޮޑު އަދަދެއް އެބަ ހަރަދު ކުރެވޭ ކުނި މެނޭޖް ކުރުމަށް އަދި އެހެން ވެސް މިހިރަ ކޯސްޓަލް ޕްރޮޓެކްޝަން ސާފު ބޯފެން އާންމުންނަށް ފީރުކޮށްދިނުން ފަދަ ކަންކަމަށް. އިއާދަ ކުރަނިވި ހަކަތަ އާލާކުރަން ވެސް އެހާމެ ބޮޑެތި މަސައްކަތްތައް އެބަ ކުރެވޭ،" އެންވަޔަރުމަންޓް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.

ތިލަފުށީގެ ސަބަބުން ޓޫރިޒަމަށް އެތައް ގެއްލުމެއް ވާއިރު އެ މައްސަލައަށް ހައްލު ލިބޭހާ ދުވަސް ވެއްޖެ ކަމަށް ޓޫރިޒަމް އިންޑަސްޓްރީ އިން ގަބޫލު ކުރެ އެވެ. ރަށްރަށުގެ ގެސްޓް ހައުސްތަކުން ވެސް ދައްކާ ގްރީންޓެކްސް އިން އެ ރަށްރަށުގައި ކުނި މެނޭޖްކުރެވޭނެ ރަނގަޅު ނިޒާމާއި ރަށް ގިރުން ހައްލު ކުރަން ސަރުކާރަށް ފިޔަވަޅު އަޅަން މިހާރު މަޖުބޫރު ވާނެ އެވެ. އެހެން ނޫން ނަމަ، އާމްދަނީ އިތުރު ކުރުމުގެ ނިޔަތުގައި ރީތި ނަމެއްގައި ޓެކްސްއެއް ނެގުމުގެ މާނައެއް ނެތެވެ. ޓެކްސްގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ބޭފުޅަކު ވިދާޅުވި ގޮތުގައި ޓެކްސް ނިޒާމަކަށް އިތުބާރު ކުރެވޭނީ ވެސް، ޓެކްސް ނަގާ ބޭނުމަށް އެ ފައިސާ ހަރަދު ކުރާ ނަމަ އެވެ. ގެސްޓް ހައުސްތަކުގެ ކަންބޮޑުވުންތަކާ އެކު ވެސް އެ މީހުން ގްރީން ޓެކްސް ޓޫރިސްޓުން އަތުން ނަގައިގެން އެ ދައްކަނީ އެ ފޮނި އުންމީދުގަ އެވެ.

"މިކަހަލަ ކަންކަން ހައްލުވުން ކިރިއާ ވެސް މި އޮތް ކުޑަ އުންމީދަކީ. މި ޓެކްސް އިން ކުރާ ހަރަދު އަޅުގަނޑުމެންނަށް ވެސް އެބަ އިނގެން ޖެހޭ،" ގެސްޓް ހައުސް އޯނަރަކު ހިޔާލުފާޅުކުރި އެވެ.

ހެޔޮނިޔަތެއްގައި ރަނގަޅު ގޮތުގައި ގްރީން ޓެކްސްގެ ފައިސާ ހޭދަ ކުރާ ނަމަ، ތިލަފުށީގެ މައްސަލައަށް ވެސް ހައްލުތަކެއް ހޯދޭނެ އެވެ. އަދި އެހެން ވެސް ތިމާވެއްޓަށް ކުރިމަތިވެފައި އޮތް އެތައް މައްސަލައެއްގެ ފަރުވާއަކަށް ގްރީން ޓެކްސް ވާނެ އެވެ. އެކަމަކު، އެކަން ބިނާ ވަނީ ގްރީން ޓެކްސް އިން ނެގޭ ފައިސާ ހަރަދު ކުރާ ގޮތެއްގެ މައްޗަށެވެ. އެހެން ނަމަވެސް ޓޫރިޒަމް އިންޑަސްޓްރީގެ ބޮޑު އުންމީދަކީ ވައުދާ އެއްގޮތަށް މިހިރަ ބޮޑެތި މައްސަލަތައް ގްރީން ޓެކްސްގެ ތެރެއިން ހައްލުވުމެވެ.