ހަބަރު

ގެމަނަފުށީގައި 3.75 މިލިއަން ރުފިޔާގެ އައިސްޕްލާންޓެއް އަޅަނީ

ގއ. ގެމަނަފުށީގައި 3.75 މިލިއަން ރުފިޔާގެ އައިސްޕްލާންޓެއް އަޅަން މިފްކޯއިން އެއްބަސްވެއްޖެ އެވެ. އެގޮތުން މިފްކޯއިން ވަނީ އައިސްޕްލާންޓް އެޅުމަށް ބިން ހަވާލު ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފަ އެވެ.

އެކަމާ ގުޅިގެން މިފްކޯގެ މެނޭޖިން ޑިރެކްޓާ އަދްލީ އިސްމާއިލް ވިދާޅުވީ ގެމަނަފުށީގައި އައިސްޕްލާންޓެއް ބަހައްޓަނީ އެ ރަށަކީ ރާއްޖޭގައި ތަފާތު މަހުގެ ބާއްވަތްތައް އުފައްދައި މާކެޓު ކުރާ ބައެއް އުޅޭ ރަށަކަށް ވާތީ ކަމަށެވެ. މި މަޝްރޫއުގެ ދަށުން އަޅައި އައިސްޕްލާންޓަކީ އެ މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެނެސްދޭނެ ކަމެއް ކަމަށް ވެސް އަދުލީ ވިދާޅުވި އެވެ. އެގޮތުން އެރަށުގައި 25 ޓަނުގެ އައިސްޕްލާންޓެއް އިމާރާތް ކުރުމަށް އަންނަ ހަފްތާގައި ހުޅުވާލާނެ ކަމަށާއި މިހާރުވެސް މެޝިން އަގުހޯދައި އޯޑަރު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އަދްލީ ވިދާޅުވި އެވެ.

"އަދި ގެމަނަފުށީގައި އައިސްޕްލާންޓެއް އުފެއްދުމުން އެ ހިސާބުގެ އެހެން މަސްވެރިންނަށް ވެސް އޭގެ ފައިދާ ކުރާނެ. އަދި އެރަށުގައި މަސް ރައްކައިކޮށް ބެހެއްޓުމައި ތާޒާކަންމަތީ އުފައްދައި ހިސާބަށް ގެނައުމަށް ފައިދާ ކުރާނެ. މިއަދު އެއްބަސްވުމުގައި ސޮއި ކުރިޔަސް މިހާރުވެސް މަސައްކަތް ފަށައިގެން ކުރިޔަށް ދަނީ،" އަދްލީ ވިދާޅުވި އެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ގެމަނަފުށީގައި ފާހަގަކުރަން ނިންމާފައިވާ އިރު އަދްލީ ވިދާޅުވީ އެރަށުގައި އަޅައި އައިސްޕްލާންޓްގެ މަސައްކަތް މަސްވެރިންގެ ދުވަހަށް ނިންމާނެ ކަމަށެވެ. އަދި އައިސްޕްލާންޓު އަޅައި އެ ހިންގާނީ މިފްކޯއިން ކަމަށްވެސް އަދްލީ ވިދާޅުވި އެވެ.

މިފްކޯއިން ރާއްޖޭގެ އެކި ހިސާބުގައި ނުވަ އައިސްޕްލާންޓެއްގެ މަސައްކަތް ކުރުމަށް ނިންމާފައިވެއެވެ. އެގޮތުން މިހާރު ހަތް ޕްލާންޓެއްގެ މަސައްކަތް ކުރިޔަށްދާ ކަމަށާއި ތިން އައިސްޕްލާންޓެއް އޯޑަރުކޮށްގެން ގެނެސްފައިވާ ކަމަށް މިފްކޯއިން މައުލޫމާތުދެ އެވެ. އަދި އިތުރު ހަތަރު ޕްލާންޓު އޯޑަރުކޮށްފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.