ރިޕޯޓް

މަޝްވަރާތަކުން އޮއްޓަރެއް ފައިދާއެއްވާނެތަ؟

Jul 19, 2016
3
  • އިދިކޮޅު ފަރާތްތަކުގެ ޝަރުތުތައް ވަރަށް ބޮޑު
  • ބައެއް ކަންކަމަށް ދޫދޭން ތައްޔާރެއް ނޫން
  • އެއް މޭޒެއްގެ ދަށުގައި މަޝްވަރާތައް އަދިވެސް ނުފެށޭ

ރާއްޖޭގެ ސިޔާސީ މަސްރަހު މި އޮތީ އަދިވެސް ހަލަބޮލިވެފަ އެވެ. ރާއްޖެ އޮތީ ސިޔާސީ ގޮތުން ހަމަނުޖެހުމުގެ ތެރޭގަ އެވެ. އެކަން ކަމަށް އެންމެން ވެސް ހައްލު ބޭނުންވެ އެވެ. އެންމެވެސް ބުނަނީ މަޝްވަރާ ކުރަން ބޭނުން ކަމަށެވެ. ސަރުކާރުން ވެސް ބުނަނީ ގައުމުގެ ތަރައްގީއަށް ހަމަޖެހުން މުހިންމު ކަމަށާއި، އެކަން ހާސިލް ކުރަން ބޭނުން ކަމަށެވެ. އަދި ސަރުކާރެކޭ އެއްގޮތަށް، އިދިކޮޅު އެމްޑީޕީ އާއި އަދާލަތުޕާޓީ އާއި އެހެން ވެސް ސިޔާސީ ލީޑަރުން ބުނަނީ ހަމަޖެހުމަށް ނިމުމެއް އަންނަން އެ މީހުން ވެސް ބޭނުން ކަމަށެވެ. އެހެންވިޔަސް އެހެންވާނެ ހެއްޔެވެ؟

މަޝްވަރާތައް އަލުން ފެށުމަށް އދ މެދުވެރިކޮށްގެން މަސައްކަތް ފަށާފައިވާ އިރު، ސަރުކާރުން ބުނަނީ ރާއްޖޭގެ ހަމަޖެހުމަށާއި، ރައްޔިތުންގެ ފައިދާއަށް ސަރުކާރާއެކު މަޝްވަރާކުރަން އިދިކޮޅު ‏‏ސިޔާސީ އެންމެހާ ލީޑަރުންނަށް ވެސް ‏ރައީސް ޔާމީން ‏ދައުވަތު ދެއްވާ ކަމަށެވެ. ބޭރުގައި އަމިއްލައަށް އަރުވާލެވިގެން ތިއްވެވި ލީޑަރުން ވެސް އެނބުރި ގައުމަށް ވަޑައިގެން، މަޝްވަރާތައް ގެންދިޔުމަށްސަރުކާރުން ވަނީ އިއްޔެ ވެސް ގޮވާލައިފަ އެވެ.

މަޝްވަރާތައް ކުރިއަށް ގެންދިޔުމުގައި ސަރުކާރުގެ ސްޓްރެޓެޖީއަކީ ހޯމް މިނިސްޓަރު އަހުމަދު ޒުހޫރާއި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އަދި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މެދުވެރި ކުރައްވައިގެން މަޝްވަރާތައް ކުރިޔަށް ގެންދެވުމެވެ. އަދި މެދުވެރިއެއްގެ ގޮތުގައި އދ ގެ ހާއްސަ މަންދޫބު ތަމްރަތް ސެމިއުލް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. އަދި އޮތީ ވަކިވަކިން މަޝްވަރާތައް ޕާޓީތަކާ އެކު އޭނާ ކުރިއަށް ގެންދިޔުމެވެ. އެއް މޭޒެއްގެ ދަށަށް އައިސް މަޝްވަރާތައް ކުރެވޭނެ ދުވަހެއް އަދި ނޭނގެ އެވެ.

މަޝްވަރާގެ ފުރުސަތު ތަނަވަސްކުރުމަށް މަސައްކަތް މިއަދު ފަށާފައިވާ އިރު، މަޝްވަރާގެ ފުރުސަތު ހުޅުވާލާފައި ވަނީ ރާއްޖޭގެ ހަމެޖުހުމަށާއި ރައްޔިތުންގެ ‏‏ލާބައާއި ފައިދާއަށްޓަކައި ‏‏ސަރުކާރުން ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރުމަށެވެ. އަދި އެއީ ގާނޫނީ ތަރަހައިގެ ‏‏ތެރޭ ‏‏މަޝްވަރާއަށް ހުޅުވި ދޮރެއް ކަމަށް ސަރުކާރުން ބުނާ ވާހަކަ މަޝްވަރާތަކުގައި ބައިވެރިވާ ސަރުކާރުގެ މަންދޫބުން އިއްޔެ ވެސް ތަކުރާރު ކުރެއްވި އެވެ.

އދ އިން މެދުވެރިއެއްގެ ރޯލުު އަދާކުރާ މަޝްވަރާތަކަށް އެމްޑީޕީ އާއި އަދާލަތު ޕާޓީ އަދި ސަރުކާރު ވެސް ހިމެނޭ ގޮތުްނ ސިޔާސީ އެހެން ވެސް ލީޑަރުން މަރުހަބާ ކިޔަ އެވެ. އެއީ ޑިޕްލޮމަސީ އެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުގެ ރާގު ހުރީ ޝަރުތުތަކަކާއެކު މަޝްވަރާ ކުރާށެވެ. އެހެން ނަމަވެސް ސަރުކާރުގެ ޝަރުތެއް ނެތެވެ. މިހާތަނަށް އިދިކޮޅު ދެއްކި ގިނަ ބަހަނާތަކަށް ސަރުކާރުން އެއްބަސްވެ، މަޝްވަރާތައް ފެށޭނެ ގޮތަކަށް އެއީ ކަންކަން އިންތިޒާމް ކުރަމުންނެވެ.

އެމްޑީޕީން ބުނާ ގޮތުގައި މި ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މިހާރު މަސައްކަތް ކުރަނީ އިއްތިހާދެއްގެ ތެރެއިންނެވެ. އެހެންކަމުން މަޝްވަރާގައި ބައިވެރިވާނީ އިއްތިހާދު ތަމްސީލް ކުރެވޭ ގޮތަށެވެ. އެހެން ނަމަވެސް ސަރުކާރުން ބުނަނނީ އިއްތިހާދަކީ ޣައިރު ގާނޫނީ ޖަމާއަތެއް ކަމަށާއި މަޝްވަރާ ކުރާނީ ރަޖިސްޓްރީކޮށްގެން ހިންގާ ސިޔާސީ ޕާޓީތަކާއެކުގައި ކަމަށެވެ.

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވިދާޅުވީ ސިޔާސީ ލީޑަރުން އެކީ މިނިވަން ނުކުރާނަމަ މަޝްވަރާއެއް ނުކުރެވޭނެ ކަމަށެެވެ. އަދި ލީޑަރުން ހައްޔަރުގައި ތިބެގެން ހަމަ ހަމަ އިންސާފުވެރި މަޝްވަރާއެއް ނުކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އިދިކޮޅު އިއްތިހާދުގެ ތަރުޖަމާން އަހުމަދު މަހުލޫފް ވިދާޅުވެފައި ވަނީ، މަޝްވަރާ ކުރުމަށް އަބަދުވެސް މަރުހަބާ ކިޔާ ކަމަށެވެ. ނަމަވެސް އެފަދަ މަޝްވަރާ އެއް ކުރާނަމަ އެކަން ކުރަން ޖެހޭނީ އިދިކޮޅު އިއްތިހާދުގެ ލީޑަރުންނާއި ޕާޓީތަކުގެ އެހެން ވެސް އިސް މަގާމުތަކުގެ ވެރިންނާއެކުގަ އެވެ. އެހެން ނަމަވެސް އެކި ޖިނާއީ ކުށްކުށުގެ ތުހުމަތާ ގުޅިގެން އެބޭފުޅުން ތިއްބެވީ އިނގިރޭސިންގެ ހިމާޔަތަށް ވަންނަވައިގެން ކަމަށްވާ އިރު، އެއީ ވަގުތުން ވަގުތަށް ކުރަން އުނދަގޫ ކަމެކެވެ. އެހެން ނަމަވެސް އޭނާ ވިދާޅުވެފައި ވަނީ މަޝްވަރާގެ މޭޒަށް ދެވޭނީ ވެސް އެ ޝަރުތު ފުރިހަމަ ވެގެންނެވެ. އެހެން ވީމާ، ޑައިލޮގްގެ ކުރިން ފުރަތަމަވެސް މިއޮތީ މުރަނަވެފަ އެވެ.

އެމްޑީޕީގެ އިސް އޮފިޝަލަކު ވިދާޅުވީ، މަޝްވަރާތައް ފެށޭނީ އިދިކޮޅު ފަރާތްތަކުން މިހާރު އެކުލަވާލާފައިވާ "އިދިކޮޅު އިއްތިހާދު" ގެ ނިންމުންތަކެއްގެ ތެރެއިންކަމަށެވެ. އަދި އެންމެ ބޮޑު ޝަރުތަކީ ލީޑަރުން މިނިވަން ކުރުން ކަމަށާއި ސަރުކާރުން އެކަން ކުރަން ޖެހެނީ އިހުލާސްތެރިކަން ދެއްކުމުގެ ގޮތުން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އެހެން ނޫން ނަމަ މަޝްވަރާތަކުން ނަތީޖާއެއް ނުނިކުންނާނެ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެން އޮންނާނީ މާ ކުރިން މަޝްވަރާއަށް އެދިފައި. ތަކުރާރުކޮށް އެކަމަށް އެދި އަދި ގޮވާލަމުން ވެސް ދިޔައިން. އޭރު މާބޮޑު ޝަރުތުތަކެއް ވެސް ނެތް. އެކަމަކު މިހާރު ވަރަށް ބޮޑަށް ހާލަތު ބަދަލު ވެއްޖެ. އެހެންވެ ސަރުކާރުން ވެސް އެބަ ޖެހޭ ކޮމްޕްރަމައިޒްކޮށް އިތުބާރު އުފެއްދުމަށް އަޅުގަނޑުމެންގެ ޝަރުތުތައް ފުރިހަމަކޮށް ގެން މަޝްވަރާ ކުރަން،" އޮފިޝަލް ވިދާޅުވި އެވެ.

އަނެއްކޮޅު އިދިކޮޅު އަދާލަތު ޕާޓީ އާއި ޖަލަށް ލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ފަރާތުން ވެސް ރާގު ހުރީ މިގޮތަށެވެ. އަދާލަތުގެ ރައީސް އިމްރާން އަބްދުﷲ މިނިވަން ނުކުރާ ނަމަ މަޝްވަރާއެއް ނެތް ކަމަށް އެޕާޓީން ވަނީ އިއުލާންކޮށްފަ އެވެ. އަދި އިއްތިހާދުގެ ސްޕޯކްސްޕާސަން މަހުލޫފް ފުލުުހުންނަށް ހުރަސްއެޅުމުގެ ކުށުގައި އިއްޔެ ޖަލަށްލުމުން އެ ޑިމާންޑްގެ އަޑު މި ވަނީ މާބޮޑަށް ވެސް ގަދަވެފަ އެވެ.

އިއްތިހާދުން ނިންމާ، އުސޫލަތަކެއްގެ ތެރެއިން އަދި ތިން ޕާޓީ އެކުގައި އަދި އދ ވެސް ބައިވެރިވެގެން ކުރާ މަޝްވަރާތަކެއް ނޫނީ ބަލައިގަތުމެއް ނެތް ކަމަށް އިއްތިހާދުން މި ވަނީ ނިންމައިފަ އެވެ. ހަމައެއާއެކު ސަރުކާރުން ވެސް ބުނަނީ މަޝްވަރާގެ ފުރުސަތު އޮތީ "ގާނޫނީ ތަރަހައިގެ" ތެރޭގައި ކަމަށެވެ. އޭގެ މާނައަކީ މަޝްވަރާތަކަށް ކުރާ ޝަރުތުތަކުގެ ތެރެއިން އެއްބަސްވެވޭނީ ގާނޫނުތަކުގެ ތެރެއިން ސަރުކާރަށް ކޮށްދެވެން ހުރި ކަންތައްތަކަށެވެ.

އިދިކޮޅު ފަރާތްތަކާއި ސަރުކާރާ ދެމެދު މަޝްވަރާތަކެއް ކުރެވި އޮއްޓަރެއް ފައިދާއެއް ބޭނުންވިޔަސް މަންޒަރު ފެންނަ ގޮތުން އެފަދަ ސުލްހަވެރި ކަމުގެ މަޝްވަރާތަކެއް ކޮށް ސިޔާސީ ގޮތުން ޑައިލޮގެއް އުފައްދައިގެން ހައްލުތަކެއް ހޯދުމާ ހަމައަށް ދެވުމަކީ އަދި މަންޒަރަށް ބަލާއިރު ވަރަށް ނާދިރު ކަމެކެވެ.

މަޝްވަރާއަށް ދާން ފުރުސަތު ލިބިގެން މި އުޅެނީ އަލަކަށް ނޫނެވެ. އެކަމަކު މިއީ މަޝްވަރާގެ މޭޒަށް އެމްޑީޕީ ގެންނަން ހަނި ގޮތަކަށް ވެސް ލިބުނު ފުރަތަމަ ފުރުސަތެވެ.

މަޝްވަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވަނީ އިދިކޮޅުން އެކި ފަހަރު ދައްކަނީ އެކި ބަހަނާތައް ކަމަށާއި ދައްކާ ވާހަކައެއް "ސާފެއް" ވެސް ނުވާ ކަމަށެވެ. ޝައިނީގެ ނަޒަރުގައި އިދިކޮޅު ފަރާތްތަކުން އުޅެނީ ބަހަނާ ދައްކައިގެން މަޝްވަރާ ނުކުރާށެވެ. ޝައިނީ ވިދާޅުވީ ޖަލަށް ގޮސްގެންވެސް ލީޑަރުންނާ އެކު މަޝްވަރާ ކުރަން ސަރުކާރުން ތައްޔާރު ކަމަށެވެ. އަދި ޕާޓީތައް އެކުގައި މަޝްވަރާ ކުރަން ތައްޔާރު ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ. އެހެން ނަމަވެސް އިދިކޮޅު އިއްތިހާދު ކިޔާ ބަޔަކާ މަޝްވަރާ ކުރެވެން ނެތް ކަމަށް ޝައިނީ ވިދާޅުވި އެވެ. އަދި ސަރުކާރުން އޮތީ ޝަރުތެއް ނެތި މަޝްވަރާތައް ފަށަން ކަމަށް ވެސް ޝައިނީ ވަނީ ވިދާޅުވެފަ އެވެ.

"މީގައި ދިކޮޅު ފަރާތްތަކުން އެކި ފަހަރު އެކި ބަހަނާ މި ދައްކަވަނީ. އެބޭފުޅުން ވިދާޅުވި ކަންކަން އަޅުގަނޑުމެން ކޮށްގެން މަޝްވަރާތައް ފަށަން ތައްޔާރުވާ އިރަށް އަނެއްކާ އަނެއް ބަހަނާ. އެހެން ވީމާ އިހުލާސްތެރިކަން އަޅުގަނޑުމެންގެތޯ އެބޭފުޅުންގެ ތޯ ނެތީ މިއީ ސުވާލެއް. އެބޭފުޅުން އެ ތިއްބަވަނީ ގޮސް އިނގިރޭސިވިލާތުގައި. އަޅުގަނޑުމެން މި ސަރުކާރަކަށް އިނގިރޭސިވިލާތަކު ސިޔާސީ މަޝްވަރާތައް ބާއްވާނެ ވެއްޓެއް އެބޭފުޅުންނަކަށް ފަހިކޮށެއް ނުދެވޭނެ. މިތަނުގައި ނުރައްކަލެއް ނެތް. އެބޭފުޅުން ވަޑައިގަންނަވާ މަޝްވަރާއަށް،" ޝައިނީ ވިދާޅުވި އެވެ.

އިދިކޮޅު އިއްތިހާދެއްގެ ނަމުގައި އިންތިގާލީ ސަރުކާރެއް ގާއިމް ކުރުމަށް މަސައްކަތް ކުރި ނަމަވެސް އެ ހަރަކާތުގައި އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ އޮތީ އެންމެ ބޭނުމެކެވެ. ކުރީގެ ރައީސް ނަޝީދު މިނިވަން ކުރުމެވެ. އަންނަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަ ކުރެއްވޭ ގޮތް ވުމެވެ. ޕާޓީގެ ރައީސްކަން ގެއްލޭ ގޮތް ނުވުމެވެ.

ރައީސް ނަޝީދަށް ޖަލު ހުކުމް އައީ ޝަރުއީ މަރުހަލާއިންނެވެ. ޕާޓީގެ ރައީސްކަން ނަޝީދަށް ގެއްލުނީ މަޖިލީހުން އައި ގާނޫނަކުންނެވެ. އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލުނީ ހުކުމުގެ ނަތީޖާއިންނެވެ. އަނެއްކޮޅު އިދިކޮޅުން އެގޮތް ގަބޫލު ނުކުރާނެ ކަމަށް ބުނުން ފިޔަވައި ދެން ދައްކާނެ އިތުރު އަދި އާ ވާހަކައެއް ނޯންނާނެ އެވެ. އެހެން ދިމާއަކަށް ދާނަމަ އަސްލު ފޯކަސް ގެއްލި ދާނެތީ އެހެން ގޮތެއް ހަދަން ވެސް އެމްޑީޕީން ބޭނުމެއް ނުވާނެ އެވެ.

"އިހުލާސްތެރި ނިޔަތެއްގައި ނޫން ގޮތަކަށް ކުރާ މަޝްވަރާއެއް ކާމިޔާބެއް ނުވާނެ. އިދިކޮޅަކީ ކޮބައިތޯ؟ އިދިކޮޅަކީ އެމްޑީޕީ. އެ މީހުން ބޭނުންވާ ކަންކަން ވަރަށް ސާފުކޮށް އެންމެނަށް އެނގޭ. އެކަންކަމަށް ރައީސް ޔާމީން ފުރުސަތެއް ދެއްވާނެ ކަމަކަށް ނުބެލެވޭ އަދި އެއީ ވަރަށް ނާދިރު ކަމެއް އެހެންވީމާ މަޝްވަރާއަކަށް ބޭރު ފުށަށް އައި އެއްޗެއް، އަދި ކުރިން އިދިކޮޅުން ވެސް މަޝްވަރާގެ ވާހަކަ ދެއްކީ ބޭރުފުށަށް ވަކި މަންޒަރެއް ދައްކައިގެން ނިޔަތަކީ އެހެން ނިޔަތެއް، ވީމާ މީގައި އަދި އުންމީދު ކުޑަ،" އެހެން ބޭފުޅަކު ވިދާޅުވި އެވެ.

ބައިނަލް އަގުވާމީ ގިނަ ޖަމިއްޔާތަކުން ވެސް އަދި ދޭދޭ ގައުމު ތަކުން ވެސް ރާއްޖޭގެ މައްސަލައިގައި ދައްކާ ހުރިހާ ވާހަކައެއްގެ ފަހުު ޖުމްލައަކަށް މަޝްވަރާކޮށްގެން ސިޔާސީ މަސްރަހަށް ފިނިކަން ގެނައުމަށް ލިޔެފައި އޮންނަނީ ދޭ ޖަވާބެއްގެ ގޮތުގަ އެވެ. މަޝްވަރާ ކުރުމަކީ ހައްލު ކަމަށް އެންމެން ވެސް ގަބޫލު ކުރެ އެވެ. އެހެން ނަމަވެސް މަޝްވަރާގެ މޭޒަށް އަންނަން ޖެހޭ ހިސާބުން ދެން ހުއްޓުން އަރަނީ ކޮންމެ ބަޔަކު ވެސް ހާސިލް ކުރަން ބޭނުންވާ މަގުސަދުތައް ގިނަވާތީ ކަމަށްފެނެ އެވެ.

ސަރުކާރުން މިފަހަރު މި ކުރާ މަސައްކަތަށް އިދިކޮޅު ފަރާތްތަކުން ދޭނީ ކޮން ޖަވާބެއް ކަމެއް އަދިއެއް ނޭނގެ އެވެ. އދިކޮޅުގެ ޖަވާބަކާއެކު، މަޝްވަރާތައް ފެށުނަސް ނުފެށުނަސް އިދިކޮޅު ފަރާތްތަކުގެ "މުރަނަ" ކަން ވެސް މިވަގުތަށް މަޑުވެގެން ހިނގައިދާނެ ކަމަކަށް ނުބެލެވެ އެވެ. ސަބަބަކީ އެމްޑީޕީ އާއި އިދިކޮޅު ފަރާތްތަކުގެ ސިޔާސީ ފޯކަސް އޮތްގޮތެވެ. އެހެން ކަމުން މިވަގުތަށް "މަޝްވަރާ" އަދި މި އޮތީ ވާނުވާ ނޭނގޭ އެއްޗެއްގެ ގޮތުގަ އެވެ. ތަޖުރިބާއަށް ބަލާއިރުވެސް މަޝްވަރާ އަކީ ރާއްޖޭގައި މާ ކާމިޔާބު ކަމެއް ނޫނެވެ. އެކަމަކު މިވަގުތަށް އޮތް އުންމީދުގެ ހުޅުކޮޅަކީ ވެސް ހަމަ މަޝްވަރާ އެވެ. އެ ނޫން ގޮތެއް އޮތްހެނެއް ހިއެއް ނުވެ އެވެ.